Thu, 28 May, 2020, 11:30 am
ފިތްރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް
12

އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދުކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިއަހަރުގެ ހަނދާބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، މިރޭގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ އިލްމުން ކަށަވަރުވާތީ އާއި މިއަދުގެ އިރުއޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

“ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މޭ މަހުގެ 23 ވާ ހޮނިހިރު ދުވަހަކީ މި ހިނގާ 1441 ވަނަ އަހަރުގެ ޝައްވާލުމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާ، މީލާދީ ސިނަތުން 2020 ވަނަ އަހަރުގެ މޭ މަހުގެ 24 ވާ އާދީއްތަ ދުވަހަކީ، މި ހިނގާ 1441 ވަނަ އަހަރުގެ ފިތްރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،” މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.

މިނިސްޓަރުގެ ބަޔާނުގައި އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ ނައިބަށާއި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ތަހުނިިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވައިފައެވެ.

އޭގެ އިތުރުން ރާއްޖެ އާއި މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަހުގެ ވަބާއިން ދިވެހިންނާއި އިސްލާމީ އުންމަތް އަދި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވައި ފުރިހަމަ ސިއްހަތު މިންވަރު ކޮށްދެއްވުމަށް ދުއާ ދަންނަވާފައިވެއެވެ.

އަދި ރަމަޟާން މަހުގައި ހިފި ރޯދަ އާއި އެ މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލުކުރައްވާ ފާފަ ފުއްސަވައި ރަމަޟާން މަހަށްފަހު ވެސް ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމުގެ ތައުފީގު ދެއްވުމަށާއި ރާއްޖެއަށާއި އިސްލާމީ އުންމަތަށް މިފަދަ އުފާވެރި ބަރަކާތްތެރި އީދު ދުވަސްތައް މިންވަރު ކުރެއްވުމަށް ވެސް ދުއާ ކުރައްވާފައިވެއެވެ.

Leave a comment

Your email address will not be published.