Thu, 28 May, 2020, 12:58 pm
ފްރަންޓްލައިންގައި މަސައްކަތްކުރާ 230 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
16

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ޖުމްލަ 230 އަށްވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ދެއްކި ސްލައިޑުން ފެންނަ ގޮތުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ފްރަންޓްލައިންގައި މަސައްކަތްކުރާ 239 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ނަމަވެސް ޑޮކްޓަރު ވިދާޅުވީ، ފްރަންޓްލައިންގެ މީހުންގެ ތެރެއިން ވެސް ބަލި ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް މަދުވެފައިވާ ކަމަށެވެ.

އެގޮތުން ޑޮކްޓަރު ދެއްކި ސްލައިޑުން މިދިޔަ ތިން ދުވަހު ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފްރަންޓްލައިން މީހުން ޕޮޒިޓިވް ވިކަމަށް ޗާޓުން ދައްކަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 51 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގޮތުގައި ބަލަނީ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަލާމަތީ ބާރުތަކާއި ޕޯޓްތައްފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނެވެ. އަދި އެބޭފުޅުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށާއި ނަމަވެސް އެހެން ކޭސްތަކަށްވުރެ އެފަދަ ކޭސްތަކަށް ދޭ ސަމާލުކަން އިތުރުވާނެ ކަމަށް ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

Leave a comment

Your email address will not be published.