Thu, 28 May, 2020, 12:57 pm
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމްކުރުން -- ފޮޓޯ: ވީނިއުސް
ރައީސް ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް!
4

މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވަގުތުން މިނިވަންކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް މިބަލިމަޑުކަން އައިސް މުޅިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ކުރީގެ ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެންކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ހާއްސަކޮށް ޗައިނާ އާއި ސައުދީ އަރަބިއްޔާއާއި ވަރަށް ގާތް ގުޅުމެއް ރައީސް ޔާމީންގެ ސަރުކާރުގައި އޮތަތީ އެ ދެގައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިވެހި ރާއްޖެ މިހާލަތުން އަރައިގަތުމަށް ހޯދައި ދެވޭނެކަމަށް ޔަގީންކުރާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

“މުޅި ދިވެހި ރައްޔިތުން އެއްގަލަކަށް އަރައި ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގުސަދުގައި ބުނެވިދިޔަ ކަންކަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މިގަރާރު ހުށަހެޅީމެވެ،” ޖާބިރުގެ ގަރާރުގައިވެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވިއިރު، އިދިކޮޅު ކޯލިޝަނުން ވެސް ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ. އަދި ޖަލު ހުކުމުގެ ތެރެއިން މިހާތަނަށް ތަންފީޒު ކުރެވުނީ ހަ މަހެވެ.

Leave a comment

Your email address will not be published.