Thu, 28 May, 2020, 11:45 am
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ފޮޓޯ/ އަވަސް
ޕާކިސްތާނުގައި ފްލައިޓް ވެއްޓުމާ ގުޅިގެން މިނިސްޓަރު ޝާހިދު ތައުޒިޔާ ފޮނުއްވައިފި
2

ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓެއް ކަރާޗީއަށް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހުމޫދު ޝާހް މަހްމޫދު ގުުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ފްލައިޓް ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށާއި ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުންދިޔަ އެއާބަސް އޭ320 މަރުކާގެ އެ ފްލައިޓު އިއްޔެ ވެއްޓުނުއިރު އޭގައި 99 ފަސިންޖަރުންނާއި އަށް ކުރޫ މެންބަރުން ތިބި ކަމަށްވެއެވެ. އެ ފްލައިޓު ވެއްޓުނީ ކަރާޗީގެ މައި އެއާޕޯޓް، ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނިކޮށް، ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

ކަރާޗީގެ މޭޔަރު ވަސީމް އަހްތަރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ފްލައިޓުން ދަަތުރުކުރި އެންމެން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ބައެއް މީހުން ސަލާމަތްވެފައިވާ ކަމަށް ވެސް ޕާކިސްތާނުގެ އޭވިއޭޝަން އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެއާޕޯޓުގެ މަސްދަރަކާ ހަވާލާދީ ސީބީއެސް ނިއުސްގައި ބުނެފައިވާ ގޮތުން، ފްލައިޓުގެ އެއް އިންޖީނު ފެއިލްވެފައިވާކަން ކޮންޓްރޯލް ޓަވަރަށް ޕައިލެޓް އެންގިއެވެ. އަދި ފްލައިޓު ޖައްސަން އެއާޕޯޓުގެ ދެ ރަންވޭ ވެސް ކްލިއާ ކަމަށް ޓަވަރުން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެއަށްފަހު ކުރޫއިންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތީ ގުޅުން ކެނޑުނު ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

ޕާކިސްތާނުގައި ފްލައިޓެއް ވެއްޓިފައި މިވަނީ ކޮރޯނާވައިރަސްއާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިތަކެއްދީ، އެތެރޭގެ އުދުހުންތައް އަލުން ފެށުމުގެ ހުއްދަ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

Leave a comment

Your email address will not be published.