Thu, 28 May, 2020, 11:32 am
އެންއީއޯސީގެ ތަރުޖަމާން މަބްރޫކު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
ލޮކްޑައުން ލުއިދޭނެ ދުވަހެއް އަދި ނުނިންމާ، ފުރަތަމަ ރަށްރަށަށް ދަތުރެއް ނުކުރެވޭނެ
5

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އުވާލަން ވަކި ދުވަހެއް އަދި ނިންމާފައިނުވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މިމަހުގެ 28ގެ ނިޔަލަށް މާލެ ސަރަޙައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެކަން އެގޮތަށް ކުރައްވާނީ ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ވެސް ވިދާޅުވިއެވެ

.އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ލޮކްޑައުން އަށް ލުއިދޭނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ފޭސްގެ ދަށުން ލުއިދޭނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެ ފޭސްގައި ދޭނެ ލުއިތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އަދަދާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަށް ބަދަލެއް އާދޭތޯ ބެލުމަށްފަހުގައި އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުން ނިންމާނީ މިވަގުތު ފޭސް އެކެއްގައި ދޭން ހުރި ލުއިތައް ފެންނަ ކަމަށް،” މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ފޭސްގައި ލުއިދޭނެ ކަންތައްތަކާ ގުޅޭގޮތުން މިހާރު ދެކެވިފައިހުރި ވާހަކަތަކަށް ބަލާއިރު ފޭސް އެކެއްގައެއް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ.

ނަމަވެސް މިހާރުވެސް މުދަލާއި ތަކެތި ގެންދިއުމަށް ދަތުރުކުރެވޭނެ ކަމަށާއި އަދި މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ވެސް ރަށަށް ދެވޭނީ ޓްރާންސިޓް ފެސިލިޓީތަކަށް ދިއުމަށްފަހު ކަމަށް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ލުއި ދޭއިރު، މީހުން ނުކުމެެ އުޅޭ މިންވަރު ގިނަ ނަމަ، އަލުން އާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށެވެ. އަދި ލޮކްޑައުން އަށް ލުއިދޭއިރު ޕޮޒިޓިވް ކޭސްތައް އިތުރުވާތަން ހުރިހާ ގައުމަކުން ވެސް ފެންނަ ކަމަށާއި ނަމަވެސް ބަލަންޖެހޭނީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އަތުން ކައްސާލައިގެން ދިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“އެހެންވެ ފޭސްތަކަކަށް ބަހާލައިގެން ލުއި ދޭނީ. ފުރަތަމަ ފޭސްގައި ހުރިހާ ކަމެއް ދޫކޮށްލެވެނީއެއް ނޫން. އެހެން ނަމަވެސް ވަކި ވަރަކަށް ލުއި ދިނުމަށްފަހު އަނެއްކާވެސް ބަލާނީ ކިހިނެއްތޯ ވަނީ،” މަބްރޫކު ވިދާޅުވިއެވެ.

Leave a comment

Your email address will not be published.