Thu, 28 May, 2020, 1:22 pm
އިންޑިއާގެ 700 މީހަކު ގެންދަން ރާއްޖެއަށް އިތުރު އަސްކަރީ މަަނަވަރެއް އަންނަނީ
8

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން، އިތުރު 700 މީހަކު އިންޑިއާއަށް ގެންދަން އެގައުމުގެ އިތުރު މަނަވަރެއް ރާއްޖެ އަންނަން ނިންމައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ ގެންދަން އެ ގައުމުން މަސައްކަތް ކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހެވެ. ފުރަތަމަ ބުރުގައި 698 މީހުން ގެންދިޔަ އިރު ދެ ވަނަ ބުރުގައި 202 މީހުން އަދި ތިން ވަނަ ބުރުގައި 588 މީހަކު ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އިއްޔެ ވަނީ ވައިގެ މަގުން ރާއްޖޭގައި ތިބި އިންޑިއާގެ 152 މީހަކު އަނބުރާ ގައުމަށް ގެންގޮސްފައެވެ. އެއާ އިންޑިއާގެ ފްލައިޓެއްގައި އެމީހުން ގެންގޮސްފައިވަނީ ބެންގަލޫރަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖޭގައި ތިބި 150 އަށްވުރެ ގިނަ މީހުން ގެންދިއުމަށް އިތުރު ފްލައިޓެއް ބާއްވާނެ ކަމަށެވެ. އެއީ މާލެއިން ނިއު ދެއްލީއަސް ބާއްވާ ފްލައިޓެކެވެ.

ކޮމިޝަނަރު އިތުރަށް ވިދާޅުވީ، އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު އިތުރު މަނަވަރެއް ވެސް ރާއްޖެ އަންނާނެއެވެ. މިއީ އިންޑިއާ މީހުން ބަލައި ރާއްޖެ އަންނަ ހަތަރު ވަނަ މަނަވަރެވެ. މާލެއިން ޓުޓިކޮރިންއަށް ދާ އެ މަނަވަރުގައި ރާއްޖޭގައި ތިބި އިންޑިއާގެ ގާތްގަނޑަކަށް 700 މީހުން ގެންދާނެ ކަމަށް ކޮމިޝަނަރު ސުދީރު ވިދާޅުވިއެވެ.

ރާއްޖޭގައި 27،000 އިންޑިއާ މީހުން ދިރިއުޅެމުން އަންނަ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނާއިރު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިއިރު ތިން ވަނަ އަށް އެންމެ ގިނައިން ބަލި ޖެހިފައިވަނީ އިންޑިއާ މީހުންނަށެވެ. އެގޮތުން ރެއާ ހަމައަށް އިންޑިއާގެ 119 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

Leave a comment

Your email address will not be published.