Thu, 28 May, 2020, 4:39 pm
ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބައެއް ބިދޭސީން މަޑުކޮށްލައިގެން --- ފޮޓޯ/ އަވަސް
ގަވާއިދާއި ހިލާފަށް އުޅުނު 1000 ބިދޭސީއަކު ގައުމަށް ފޮނުވާލައިފިން: ފޮރިން މިނިސްޓްރީ
1

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

 މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައެވެ.

އަދި މިހާތަނަށް ފޮނުވާލެވުނު 1000 މީހުން ފޮނުވާލުމުގައިވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި އެ މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ މިއަދު ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދީ ގަވާއިދަށް ފެއްތުމުގެ ޕްރޮގްރާމެއް ވެސް ފަށާފައެވެ. އަދި އޭގެފަހުން ކޮވިޑް19 ރާއްޖެއިން ފެނުމާއި އެކު އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލިއެވެ.

Leave a comment

Your email address will not be published.