Thu, 28 May, 2020, 5:58 pm
ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމުން ށ. ފުނަދޫގައި ޖަމާއަތުގައި ކުރި ނަމާދެއްގެ ތެރެއިން --- ފޮޓޯ: ސަން
ހަތް ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދީފި
2

މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލޮކްޑައުންގެ ހާލަތުގައި ހުރި ރަށްރަށާއި މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނީ، އެކަންކަމުގެ އިތުރުން މޮނީޓަރިންގެ ހާލަތުގައި އޮތް ރަށެއް، އެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައި ވެސް ޖަމާއަތް ނުހެދުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައި ވެސް ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހާލަތުގައި އޮތް އެއްވެސް ރަށެއްގައި މިސްކިތުގެ ޖަމާއަތް ހަދަމުންދާނަމަ، އެކަން ހުއްޓާލުމަށް ވެސް ސާކިއުލާގައިވެއެވެ.

އެގޮތުން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ ހަތް ރަށަކީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް މާލެ ސިޓީއާއި ށ. ނަރުދޫއާއި ނ. މަނަދޫއެވެ. އަދި މޮނިޓަރިންގެ ހާލަތު އުވާލިފަހުން އަދި 14 ދުވަސްނުވާ ނުވާ ހަތަރެއް ރަށެއް އެބައޮތެވެ. އެއީ ކ. ހިންމަފުއްޓާއި ކ. ތުލުސްދޫ އާއި ހއ.ތަކަންދޫގެ އިތުރުން ށ. މިލަންދޫއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަތްތައް ނުހުޅުވާ ރަށްތަކާއި ރިސޯޓުތަކުގައި، ކުރިއެކޭ ވެސް އެއްގޮތަށް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި “صلوفي بيوتكم” މިފަދައިން ދެ ފަހަރު ގޮވުމަށް އަންގައިފައެވެ.

އޭގެ އިތުރުން މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ފަރުޟު ފަސް ނަމާދާއި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށާއި ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް އަދި މިސްކިތުގެ ޖަމާއަތް ހެދުމަށް ހުއްދަ ދީފައިވާ ރަށްތަކުގައި ކޮންމެ ނަމާދަގެއްގައި ވެސް ގުުނޫތު ނާޒިލާ ކިޔުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

Leave a comment

Your email address will not be published.