Thu, 28 May, 2020, 5:37 pm
61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން --- ފޮޓޯ: ޕޮލިސް
61 ކިލޯގެ ހެރޮއިންގެ މައްސަލައިގައި 11 މީހަކަށް ދައުވާކުރަން ހުށަހަޅައިފި
2

މިދިޔަ މާޗް މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 11 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ފުލުހުން އެ އޮޕަރޭޝަން ހިންގީ ގ. ބޮއިލިންފިޝް އަހުމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

އެ މައްސަލާގައި 11 މީހަކު ހައްޔަރުކުރިއިރު އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށް 61 ކިލޯގެ ހެރޮއިން ހޯދާފައިވެއެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެ ތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ތުހުމަތުވާ 11 މީހަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެ 11 މީހުންނަށް ކުރަނީ ކޮންކޮން ދައުވާއެއް ކަމެއް ނޭނގެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 11 މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެ އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެކެވެ.

ހައްޔަރު ކުރި މީހުން

– އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް

– މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ

– މުހައްމަދު މާއިޝް/ މ. މާކޮޅު

– މުހައްމަދު ޝާމިން/ މއ. ވިރާހު

– އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4

– އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ

– ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ

– ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން

– މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ

– މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު

– މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

Leave a comment

Your email address will not be published.