• Sat, 11 July, 2020, 7:47 pm
    މޯލްޑިވް ގޭހުގެ ގޭސް ޑެލިވަރީގައި މަސައްކަތްކުރާ މުވައްޒަފުން --- ފޮޓޯ: މޯލްޑިވް ގޭސް

    ބަލީގެ ނުރައްކަލާއެކު ވެސް ހިދުމަތް ދެމުންދާ މޯލްޑިވް ގޭހުގެ މުވައްޒަފުންނަށް ލައްކަ ޝުކުރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފަ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ގިނަ ބަޔަކު އަދިވެސް ތިބީ ގޭ ބަންދުގައެވެ. ނަމަވެސް މި ދަނޑިވަޅުގައި ވެސް ފުރާނަ އަތްމައްޗަށް ލައިގެން އެތައް ބަޔަކު ރައްޔިތުންނަށްޓަކާ މަސައްކަތް އެބަކުރެއެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ސިފައިންނާއި ފުލުހުންނެވެ. ސިއްހީ އިދާރާތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް މުވައްޒަފުންނެވެ.

    މީގެ އިތުރުން ވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރަން ނުކުމެ އެތައް ބަޔަކު އެބަ އުޅެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ މޯލްޑިވް ގޭހެވެ.

    މާލޭގައި ކޮވިޑް ފެތުރެން ފަށާފައިވާ ކަމަށް ސިއްހީ އިދާރާތަކުން އިއުލާން ކުރުމާއެކު ރައްޔިތުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެންމެ ފުރަތަމަ ފިޔަވަޅުތައް އަޅަން ފެށި އެ ކުންފުންޏަކީ ވެސް މޯލްޑިވް ގޭހެވެ. ގޭސް ސިލިންޑަރުތަކާއި ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަން ފެށިއެވެ. ހިދުމަތްތައް އޮންލައިންކޮށް ފައިސާ ބަލައިގަތުމާއި އޯޑަރު ދިނުން ވެސް އޮންލައިން ނިޒާމެއްގެ ތެރެއިން ފަސޭހަކުރިއެވެ.

    މި ފިޔަވަޅުތަކާއެކު ވެސް މޯލްޑިވް ގޭހުގެ އަށް މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، އިތުރު މުވައްޒަފުންތަކެއް އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިވެސް ކުރަންޖެހުނެވެ.

    އެހެން ނަމަވެސް ލޮކްޑައުންގެ ތެރޭގައި އައި ރަމަޟާން މަހު ވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ދިޔައީ ހިދުމަތް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި ގޭސް ޑެލިވަރީގައި އުޅުނު މުވައްޒަފުން ދެއްކީ ނަމޫނާ މަސައްކަތެކެވެ. ކޮންމެ ދުވަހެއްގެ ރެއާއި ދުވާލު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ގޭސްފުޅި ޑެލިވަރީ ކޮށްދިނީ ބައްޔަށް ހުށަހެޅިދާނެކަމުގެ ބިރު އޮވެމެ، ފުރާނަ އަތް މައްޗަށް ލައިގެންނެވެ.

    ތިލަފުށީގައި ހުންނަ މޯލްޑިވް ގޭހުގެ ޕްރޮޑަކްޝަން ސެންޓަރުގެ މުވައްޒަފުންގެ ވެސް ގެންދިޔައީ ހަފްތާގެ ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންނެވެ. ގޭގެއަށް ބޭނުންވާ ކައްކާ ގޭހާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކާއި އަދި ފަރުވާދޭ ސެންޓަރުތަކަށް ބޭނުންވާ މެޑިކަލް އޮކްސިޖަންގެ ދަތިކަމެއް ނެތި ލިބޭނެކަން އެ ކުންފުނީގެ މުވައްޒަފުން ކަށަވަރުކުރީ ކަށިން ހިތްވަރު ނެރިގެންނެވެ.

    މީގެ އިތުރުން މި އުދަނގޫ ހާލަތުގައި ވެސް އަތޮޅުތެރެއިން ގޭސް ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް ރެއާއި ދުވާލު މަސައްކަތްކުރި އެޓޯލް އެޖެންޓްސް ސާވިސް ޓީމާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ތައާރަފްކޮށްދިން މޯލްޑިވް ގޭހުގެ އައިސީޓީ ޓީމާއި ކޯލް ސެންޓަރާއި އައުޓްލެޓް ޓީމްތަކުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ދެއްކި ކެތްތެރިކަމާއި ނަމޫނާ ހިތްވަރަށް ޝުކުރު ހައްގެވެ.

    ދިވެހި ރައްޔިތުންނެކޭ އެއްފަދައިން މޯލްޑިވް ގޭހުގެ މެނޭޖްމަންޓުން ވެސް އެކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. އޭގެ ހެއްކަކީ އެ މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ ކުންފުނީގެ އެންމެ އިސްވެރިން ވެސް މުވައްޒަފުންނާއެކު މަސައްކަތުގައި ބައިވެރިވާ ކަމެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.