.
03 February 2017
މަޤްބޫލު ޙަބަރު

 އެޑޮޕްޓްކުރުން މީހުންގެ ތެރޭގައި ދެގޮތަކަށް ބޭނުންކުރެއެވެ.އެއީީ އެހެންމީހެއްގެ ދަރިއެއް ތިމާގެ ދަރިއެއް ކަމުގައި ހެދުންނުވަތަ އެޑޮޕްޓްކޮށްގެން ގެންގުޅުމެވެ. ފުރަތަމަ ގޮތަކީ ކުއްޖާގެ  ނަސަބު ބަދަލުނުކޮށް އެކުއްޖާ އަށް އޯގާތެރިކަމާއި އެކު އަޅާލައި ހެޔޮގޮތުގައި ކުއްޖާ ތަރްބިއްޔަތު ކުރުމެވެ. ދެވަނަ ގޮތަކީ ކުއްޖާގެ ނަސަބު ބަދަލުކޮށް، އެކުއްޖާ އަށް އޯގާތެރިކަމާއިއެކު އަޅާލާ ހެޔޮގޮތުގައި ތަރްބިއްޔަތުކޮށް، އެޑޮޕްޓު ކުރިމީހާގެ  އާއިލާގެ މެމްބަރެއްގެ ގޮތުގައި ހެދުމެވެ.

ޝައްކެތްނެތް ގޮތުގައި ދެވަނަ ގޮތަކީ އިސްލާމްދީން ފެށިގެން އައިތާ ކައިރީގައި ހުއްދަ ގޮތެކެވެ. އެގޮތުން ޒައިދު ބިން ޙާރިޘާ ގެ ނަން ޒައިދު ބިން މުޙައްމަދު އަށް ބަދަލުކޮށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވުނެވެ. އަދި ސާލިމް އޭ ކިޔުނު ބޭފުޅަކު ޙުޛައިފާ ބިން އަލްޔަމާނީ އަށް ނިސްބަތް ކުރެވުނެވެ. އެހެންނަމަވެސް، ތަބައްނީ ނުވަތަ އެޑޮޕްޓު ކުރުމުގެ ޙުކުމް ޝަރީޢަތުގައި ބާޠިލް ކުރެއްވުމާއި ހަމައިން، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ އަޞްލު ބައްޕަ އަށް ނިސްބަތް ކުރެވުނެވެ. އެގޮތުން ޒައިދު ބިން މުހައްމަދު ގެ ނަން ޒައިދު ބިން ޙާރިޘާ އަށް ބަދަލު ކުރެއްވިއެވެ.

އެޑޮޕްޓު ކުރުމުގެ ޙުކުމް ބާޠިލް ކުރެއްވިކަން އަންގަވައި ކީރިތި ގުރްއާނުގެ އަލްއަޙްޒާބް ސޫރަތުގެ 5 ވަނަ އާޔަތު ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُوراً رَحِيماً) މާނައަކީ: އެކުދީންގެ ޙަގީގީ ބަފައިންނަށް ތިޔަބައިމީހުން އެކުދިން ނިސްބަތްކުރާށެވެ. އެގޮތް މާތް ﷲގެ ޙަޟްރަތުގައި މާއިންސާފުވެރިކަން ބޮޑެވެ. ފަހެ، އެކުދިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، އެކުދިންނީ ދީނަށް ނިސްބަތްވާގޮތަށް ތިޔަބައިމީހުންގެ އަޚުންނެވެ. އަދި، ތިޔަބައިމީހުންނަށް ނޭނގި ކުށުން ކުރެވުނުކަމަކަށް އެއްވެސް ފާފައެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަމަކު ފާފައެއް ކަމުގައި ހިމެނޭނީ  ތިޔަބައިމީހުންގެ ހިތްތަކުން އެކަންތަކަށް  ގަޞްދުކުރިކަންކަމެވެ. އަދި މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމް ވަންތަ އިލާހެވެ“.

ޔަތީމު ފަގީރު އަޅާލާނެ މީހަކު ނެތިފައި ތިބި ކުޑަކުދިން އެމީހެއްގެ އަމިއްލަ ދަރިއެއް ފަދައިން ތަރްބިއްޔަތުކޮށް މުޖްތަމަޢު ގެ ތެރެއަށް ނެރެދިނުމަކީ އިސްލާމް ދީން އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅާ ކަންތަކެވެ. ޚާއްޞަގޮތެއްގައި ހަނގުރާމައިގެ ތެރޭގައި ޢާއިލާ ގެއްލިގޮސްފައިވާ ކުދީން، ނުވަތަ ޙާދިޘާ އެއް މެދުވެރިވެގެން ޢާއިލާ ގެއްލިފައިވާ ކުދިން، ނުވަތަ އެނޫންވެސް ގޮތަކުން އަޅާލާނެ މީހަކު ނެތިފައިވާ ތުއްތު ކުދިންނެވެ.  އެހެންނަމަވެސް، ކުއްޖާގެ ނަސަބު ބަދަލުކުރުމެއްނެތި އެވެ. އެހެންކަމުން އެކުއްޖާ ބަލާބޮޑު ކުރި މީހެއްގެ މަޙްރަމަކަށް (ކައިވެނި ޙަރާމްވާ މީހަކަށް) އެކުއްޖާ ނުވާނެއެވެ. އަދި އެމީހެއްގެ މުދަލުން ވެސް އެކުއްޖާ އަކަށް ވާރުތަ އެއް ނުކުރާނެއެވެ. ނަމަވެސް މީގެ މާނައަކީ އެކުއްޖާ ބޮޑުވެގެން އޭނާ ބަލާ ބޮޑު ކުރި މީހުންނަށް ޒިޔާރަތްކޮށް، އިޙްތިރާމްކޮށް، އަޅައިލާ ހެދުން މަނާކުރުމުގެ ވާހަކަ އެއް ނޫނެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ ތިމާއަށް ހެޔޮކަމެއް ކޮށްދީފި މީހަކަށް އިޙްސާންތެރިވުމަށެވެ.

މާތް ﷲ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الإِحْسَانِ إِلَّا الإِحْسَانُ) މާނައަކީ: ”ހެޔޮކަމުގެ ޖަޒާއަކީ ހެޔޮކޮށް ހިތުން ކަމުގައި ނޫނީ ވާނެހޭ؟“. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ) މާނައަކީ: ”ތިޔަބައިމީހުންނަށް ހެޔޮކޮށް ކަމެއް ކޮށްދީފި މީހަކަށް އެކަމުގެ އުޖޫރާ ދޭހުށިކަމެވެ. އުޖޫރައިގެ ގޮތުގައި ދޭނެއެއްޗެއް އަތުގައި ނެތްކަމަށް ވަނީ ނަމަ އެމީހަކަށް ހެޔޮކޮށް ހިތިއްޖެ ކަމަށް ތިޔަބައިމީހުންނަށް ގަބޫލުުކުރެވެއްޖައުމަށް ދާންދެން އެމީހަކަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ“.

|މަސްދަރު: މިއީ ދި އިސްލާމްގައި ޑރ މުހައްދު ޢިޔާޟް އަބްދުއްލަތީފް ލިޔުއްވާފައި ލިޔުމެކެވެ.

haftha.mv ©