.
17 February 2017
މަޤްބޫލު ޙަބަރު

ޑރ އަޙްމަދު ޒިޔާދު ބާގިރު :

އިސްލާމްދީިންއައުމުގެ ކުރީގެ ބައެއް ހަޟާރަތްތަށް :

* ދިލްމޯނީ ޙަޟާރަތް (ބަޙްރައިން)
* ފިރުޢައުނީ ޙަޟާރަތް (މިޞްރު)
* އާޝޫރީ، ބާބިލީ، އަލް މަނާޛިރާގެ ޙަޟާރަތް (ޢިރާޤު)
* އަލް ޔަބޫސިއްޔާ، ކަންޢާނީ، ފީނީޤީ ޙަޟާރަތް (ފަލަސްޠީން، ލުބުނާން)
* އަލް އަރާމިއްޔާ، އަލް ޣަސާސިނާ ޙަޟާރަތް (ސޫރިޔާ)
* އަލް މުޢާބިޔަތު، އަލް އަންބާތު ޙަޟާރަތް (އުރުދުން)
* ސަބްއިއްޔާ، ޙިމްޔަރިއްޔާ، ތަބާބިއާ ޙަޟާރަތް (ޔަމަން)
* ފާރިސީ ޙަޟާރަތް (އީރާން، އަފްޣާނިސްތާން)
* އުރުދޫ ޙަޟާރަތް (ޕާކިސްތާން، އިންޑިޔާ)
* މަލާޔާ ޙަޟާރަތް (މެލޭޝިޔާ، އިންޑޮނޭޝިޔާ)
* ކޯރުގެ އަނެއް ފަރާތުގެ ޙަޟާރަތް (އުޒްބަކިސްތާން، ކަޒަކިސްތާން، ތުރުކުމާނިސްތާން)
* ތުރުކޫ ޙަޟާރަތް (އައްސީނު ޗައިނާ )
* ޙަބަޝީ ޙަޟާރަތް (އެރިތެރިޔާ / ޞޫމާލިޔާ / ޖިބޫތީ / ސޫދާން)


އިސްލާމް ދީން އައުމުގެ ކުރިން އުފެދިފައިވާ ޙަޟާރާތްތަކަށް ބަލާއިރު، އިސްވެ ދެންނެވި ޙަޟާރަތްތަކުގެ އިތުރުން ރޯމަނުންގެ ޙަޟާރަތާއި ޔޫނާނީ ޙަޟާރަތަކީ ވެސް ތަރައްޤީވެ ކުރިއަރާފައިވާ ޙަޟާރަތްތަކެކެވެ. މި ޙަޟާރަތްތައް މަޝްހޫރުވެ ކުރި އަރާފައިވަނީ ތަފާތު ފަންނީ މަސައްކަތްތަކުގައެވެ. އޭގެ ތެރޭގައި ލޮއިގެ މަސައްކަތާއި ތަފާތު އަތްތެރި މަސައްކަތާއި ތަފާތު ޢިލްމުތަކުގައި ކުރިއަރައިގެން ގޮސްފައިވެއެވެ.
ކީރިތި ރަސޫލާ އިސްލާމީ ރިސާލާތާއިގެން ވަޑައިގަތުމުގެ ކުރިއަށް ބަލާއިރު، ދުނިޔެވަނީ އަނދިރިކަމުގެ ތެރޭގައެވެ. ޖާހިލުކަމާއި އަނިޔާވެރިކަން ޢާންމުވެފައެވެ. އެކަލޭގެފާނުގެ ރިސާލަތަށް ފަހުގައި މުޅި ދުނިޔެ ބަދަލުވެގެން ދިޔައެވެ. މުޅި ދުނިޔޭގައި އަމާންކަމާއި ޢަދުލުވެރިކަން ފެތުރިގެން ދިޔައެވެ. މި ގޮތުގައި މުޅި ދުނިޔެ 1924މ. ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ.
އިސްލާމް ދީން ފާޅުވުމަށްފަހު މިއުންމަތް ހަތް ދައުރަކަށް ބެހިގެން ދެއެވެ.
1- ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ ދައުރު (1-11ހ.)
2- ޚުލަފާއުއް ރާޝިދީންގެ ދައުރު (11-41ހ.)
3- އުމަވީ ޚިލާފަތުގެ ދައުރު (41-132ހ.)
4- އައްބާސީ ޚިލާފަތުގެ ދައުރު (132-245ހ.)
5- ފުރަތަމަ ބައިބައިވުން (245-656ހ.)
6- އުޘްމާނީ ޚިލާފަތުގެ ދައުރު (656-1342ހ.)
7- ދެވަނަ ބައިބައިވުން (1342 ވަނަ އަހަރުން މިއަދާ ހަމައަށް)

އިސްލާމީ އުއްމަތް:
މި މުޞްތަލަޙް ޝާމިލްވެގެންވާ ގޮތުން ދޭހަވާ މާނައަކީ މިއީ އެއް އުއްމަތެކެވެ. އެއީ އިސްލާމީ އުއްމަތެވެ. އެންމެން އެއް ދީނަކަށް ތަބާވާ އެއް ޘަޤާފަތަކަށް ތަބާވަމުންދާ، އެއް ފިކުރަކާއި އެއް ވިސްނުމަކަށް ތަބާވަމުންދާ، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައެވެ.


އަލްއުއްމަތް: މިއީ ކީރިތި ޤުރުއާނުގައި ކަށަވަރުކޮށްދެއްވާފައިވާ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވަނީ (إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ)( ) މާނައީ: ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
މީގެ އިތުރުން ވެސް ހަމަ މި މާނައިގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ)( ) މާނަ: އަދި ހަމަކަށަވަރުން، މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން ރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ!

އިސްލާމީ ތާރީޚުގެ ދިގު މުއްދަތުގައި އިސްލާމީ އުއްމަތް، އެއް އުއްމަތްވަންތަކަމުގެ ގޮތުގައި ދެމިއޮތެވެ. މި އުއްމަތް ދެމިއޮތުމާއި އުއްމަތުގެ އާރާއިބާރު، ޢިއްޒަތާއި ޝަރަފް ދެމިހެއްޓި މުހިއްމު ކަމަކީ އެއް އުއްމަތްވަންތަކަމެވެ. އިސްލާމީ އުއްމަތުގެ ޢަދާވަތްތެރިން، ޔަހޫދީންނާއި ނަޞާރާއިންނާއި ޒިންދީޤުންނާއި ބާޠިނީން ފަދަ މި އުއްމަތަށް ގޮންޖެހި އިދިކޮޅު ޖަމާޢަތްތަކުގެ ކުރިމަތީގައި އުއްމަތް ނިކަމެތިނުވެ ސަލާމަތްވީ އެއް އުއްމަތްވަންތަކަމުގެ ސަބަބުންނެވެ. މި އެއްބައިވަންތަކަން ޤާއިމުވެފައި އޮތީ ދިނާއި ސަޤާފީ އެއްބައިވަންތަކަމުގެ ސަބަބުންނެވެ.

ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ ހިޔާވަހިކަމުގެ ތެރޭގައި މި އުއްމަތުގެ ހުރިހާ ކަމެއް ފުރިހަމަކަމާ އެކު ކުރިއަށް ދިޔައެވެ. އުއްމަތުގެ އަގުތަކާއި އާދަކާދަތައް ކަނޑައަޅައިދިނީ މި ދެމަޞްދަރުގެ އަލީގައެވެ. ދުނިޔެ އާރާސްތުކޮށް، އާޚިރަތް ބާއްޖަވެރިކުރުމާ ދިމާއަށް އުއްމަތް މިސްރާބުކުރުވީ މި ދެ މަޞްދަރެވެ. ޢަރަބި ބަސް އުއްމަތުގެ ބަހެއްކަމުގައި ހެދީ މިމާތް އުޞޫލުގެ މަތީގައެވެ.

އިސްލާމީ އުއްމަތުގެ ތާރީޚް

އިސްލާމީ ރިސާލާތާ އެކު މިއުއްމަތުގެ ތާރީޚް ވަނީ ފެށިފައެވެ. މިއުއްމަތުގެ ބާނީ އަކީ محمد صلى الله عليه وسلم އެވެ. الأمة الإسلامية، މިއީ އިސްލާމް ދީނުގެ އަހުލުވެރިންނަށް ނިސްބަތްކޮށް ބޭނުންކުރެވޭ މުޞްތަލަޙެކެވެ. އިސްލާމީ ފަތަޙަތައް ފެށުމާ އެކު އިސްލާމީ އުއްމަތުގެ ޙަރަކާތްވަނީ ފެށިފައެވެ. މަދީނާގައި ޤާއިމްކުރެވުނު އިސްލާމީ ދައުލަތާ އެކު އިސްލާމީ އުއްމަތުގައިވަނީ ތަފާތު ޙަރަކާތްތައް ފެށިފައެވެ. ކިރިތި ރަސޫލާ ސުވަރުވެވަޑައިގަތުމަށް ފަހު ޚުލަފާއުއް ރާޝިދޫންގެ ދައުރު ފެށުނެވެ.

 

ކީރިތި ރަސޫލާގެ ޒަމާން (1-11ހ.)

އިސްލާމް ދީން އައުމުގެ ކުރިން މީސްތަކުންގެ ޙާލަތު ވަރަށް ބޮޑަށް ފަސާދަވެ ގޮސްފައިވެއެވެ. އެ މުޖްތަމަޢުގައި (ކުރިން ފޮނުއްވުނު) ނަބިއްޔެއް ނުވަތަ ރަސޫލެއްގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ އަޚުލާޤާއި އެމީހުންގެ ޢަޤީދާވެސް ފަސާދަވެފައިވިއެވެ. އިޤްތިޞާދީ ކަންކަމާއި އިޖްތިމާޢީ އަދި ސިޔާސީ ކަންތައްތަކުގެ ތެރެއަށްވެސް މިފަސާދަ ފެތުރިފައިވިއެވެ. އަޅުކަން ކުރަމުން ގެންދިޔައީ ބުދު ފަދަ ތަކެއްޗަށެވެ. ބާރުގަދަ މީހުން ނިކަމެތިންގެ މައްޗަށް އަނިޔާވެރިވަމުން ދިޔައެވެ. އިސްލާމް ދީން އައުމަށް ފަހު މީސްތަކުންގެ ޙާލަތު ބަދަލުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެނެފައިވިއެވެ. އެ ޢަޤީދާއާއި އެހެން އެއްވެސް އަޤީދާއަކާ މަސްހުނިވެ އެކުވެގެނެއް ނުވެއެވެ. އެއޮތީ އޭގެ އެންމެ ޞައްޙަ ގޮތުގައެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގަތީ މިއުއްމަތަށް ނަޞޭޙަތްތެރިވެވަޑައިގެންނެވުމާ އެކު އެކަލޭގެފާނާ ޙަވާލުކުރެވުނު އަމާނާތް އަދާކުރައްވައި ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް ފަހުގައެވެ. މާތް ﷲގެ މި ދީން ފުރިހަމަ ކުރެއްވިކަމުގެ މައްޗަށް ޚުދު އެކަލާނގެ ހެކިވޮޑިގެންނަވާފައިވެއެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا)( ) މާނަ: މިއަދު ތިޔަބައިމީހުންނަށްޓަކައި ތިމަންالله ތިޔަބައިމީހުންގެ ދީން ފުރިހަމަ ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ ތިމަން ﷲގެ ނިޢުމަތް ފުރިހަމަ ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްޓަކައި (ދީނެއްގެ ގޮތުގައި) އިސްލާމްދީން ތިމަން ﷲ ރުއްސަވައިފީމެވެ.

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللهَ لَا يَهْدِي الْقَوْمَ الْكَافِرِينَ)( ) މާނަ: ކަލޭގެފާނުގެ ވެރި އިލާހުގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު (މީސްތަކުންނަށް) ބަޔާންކޮށްދެއްވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެއިލާހުގެ ރިސާލާތް (މީސްތަކުންނާއި ހަމަޔަށް) ފޯރުކޮށްދެއްވިކަމަށް ނުވާނެއެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، ކާފަރުވީ މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

އެހެންކަމުން ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރެއްވުނު ގޮތަށް އެކަލޭގެފާނު ވަނީ މި ރިސާލަތް މީސްތަކުންނާ ހަމަޔަށް ފޯރުކޮށްދެއްވައި ބަޔާންކޮށްދެއްވައިފައެވެ. އަޤީދާ އާއި ޝަރީޢަތް، ދެބައި ވެސް ޝާމިލްވާ ގޮތުގެ މަތިން މުޅި ދީން މީސްތަކުންނަށް އޮޅުންފިލުވައި ބަޔާންކޮށްދެއްވިއެވެ. އަދި އެބަޔަކަށް އަމާނާތްތެރިކަމުގެ ސިފަ ލިބިގެންދިޔަ އަޞްޙާބް ބޭކަލުން، މިދީން ބާވައިލައްވަމުން ދިޔައިރުން ފަށައިގެން ގޮސް އެދީން ފުރިހަމަވުމާ ހަމަޔަށް އެދީން ރަނގަޅަށް އުނގެނިވަޑައިގެންނެވިއެވެ.
އަލްމަދީނަތުލް މުނައްވަރާގައި އެންމެ ފުރަތަމަ ޤާއިމްކުރެވުނީ އިސްލާމީ އުއްމަތުގެ ފުރަތަމަ ދައުލަތުގެ ބިންގަލެވެ. މައްކާ ފަތަޙައަށް ފަހު އިސްލާމީ ދައުލަތް ފުޅާވެގެންދާން ފެށިއެވެ. ކީރިތި ރަސޫލާ ސުވަރުވެވަޑައިގަތް އިރު އިސްލާމީ އުއްމަތް ފެތުރިފައިވަނީ ހަމަ އެކަނި އަލްޖަޒީރަތުލް ޢަރަބިއްޔާ، މިޒަމާނުގެ ގޮތަށް ބުނާނަމަ ގަލްފު ސަރަހައްދަށް އެކަންޏެވެ. އެ ދުވަސްވަރު އިސްލާމީ އުއްމަތުގެ ވެރިކަން ކޮށްފައިވަނީ އަލްމަދީނަތުލް މުނައްވަރާގައެވެ. ދިހަ އަހަރުގެ މުއްދަތަކަށް މިދައުރު ދެމިގެން ދިޔައެވެ.

haftha.mv ©