.
24 March 2017
މަޤްބޫލު ޙަބަރު

މާތް ﷲ މީސްތަކުންގެ ގާތަށް ރަސޫލުން ފޮނުއްވިކަމަށް އީމާންވާންޖެހެއެވެ. ކޮންމެ އުންމަތަށްވަނީ ރަސޫލަކު ނަވަތަ ނަބިއްޔަކު ފޮނުއްވަވާފައެވެ.

إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۚ وَإِنْ مِنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (فاطر: 24)

މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حقދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبرދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ أمّةއަކަށް إنذارކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّةއެއް ނުވެތެވެ.  ކީރިތި ޤުރްއާނުގައި 25 ރަސޫލުންނާއި ނަބީ ބޭކަލުންގެ ވާހަކަ ވާރިދުވެފައިވެއެވެ. އެބޭކަލުންކުރެ އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނެއެވެ. އަދި އެބޭކަލުންކުރެ އެންމެ ފަހުގެ ރަސޫލަކީ محمد رسول الله صَلَّ اللهُ عَلَيْهِ وَسَلَّم  އެވެ.

إِنَّا أَوْحَيْنا إِلَيْكَ كَما أَوْحَيْنا إِلى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ وَأَوْحَيْنا إِلى إِبْراهِيمَ وَإِسْماعِيلَ وَإِسْحاقَ وَيَعْقُوبَ وَالْأَسْباطِ وَعِيسى وَأَيُّوبَ وَيُونُسَ وَهارُونَ وَسُلَيْمانَ وَآتَيْنا داوُدَ زَبُورًا  (النساء: 163)

نوحގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحىއިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحىއިއްވެވީމެވެ. އަދި، إبراهيمގެފާނަށާއި، إسماعيلގެފާނަށާއި، إسحاقގެފާނަށާއި، يعقوبގެފާނަށާއި، އެކަލޭގެފާނުންގެ أسباطންނަށާއި، عيسىގެފާނަށާއި، أيّوبގެފާނަށާއި، يونسގެފާނަށާއި، هارونގެފާނަށާއި، سليمانގެފާނަށްވެސް، ތިމަންރަސްކަލާނގެ وحىއިއްވެވީމެވެ. އަދި، داودގެފާނަށް ތިމަންރަސްކަލާނގެ    زبور ދެއްވީމެވެ.

وَرُسُلًا قَدْ قَصَصْناهُمْ عَلَيْكَ مِنْ قَبْلُ وَرُسُلًا لَمْ نَقْصُصْهُمْ عَلَيْكَ وَكَلَّمَ اللَّهُ مُوسى تَكْلِيمًا   (النساء:164)

ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسولންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسولން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسىގެފާނަށް اللَّه ބަސް وحىކުރެއްވިއެވެ.އުފާވެރިކަމުގެ خبرދެއްވާ، އަދި إنذارކުރައްވާ رسولބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسولން ފޮނުއްވުމަށްފަހު، اللَّهގެ މައްޗަށް މީސްތަކުން ދައްކާނޭ حجّةއެއް ލިބިގެން ނުވުމަށްޓަކައެވެ. عزيزވަންތަ حكيمވަންތަ ކަލަކު ކަމުގައި    اللَّه ވޮޑިގެންވެއެވެ.”

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا (الأحزاب: 40)

މާނައީ: “ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ހަމައެކަކުގެ ބައްޕަކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެ ފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި ނަބިއްޔުން ކުރެ އެންމެ ފަހުގެ ނަބިއްޔާއެވެ. “

އެބޭކަލުންކުރެ އެންމެ މާތްވެގެންވަނީ މުޙައްމަދުގެފާނެވެ. ދެން އިބްރާހީމްގެފާނެވެ. ދެން މޫސާގެފާނެވެ. ދެން ނޫޙުގެފާނެވެ. ދެން ޢީސާގެފާނެވެ. އަދި މިބޭކަލުންނަކީ الله ސުބުޙާނަހޫވަތަޢާލާ ގެ އަންނަނިވި ވަޙީބަސްފުޅުގައި ޚާއްޞަވެގެންވާ ބޭކަލުންނެވެ.

وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنْكَ وَمِنْ نُوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا (الأحزاب: 7)

މާނައީ: “އަދި އެވަގުތު ހަނދާންކުރާށެވެ. ތިމަން ﷲ ނަބިއްޔުންގެ ކިބައިން ޢަހުދު ހިއްޕެވި ހިނދެވެ. އަދި (ޚާއްޞަ ގޮތެއްގައި) ކަލޭގެފާނުގެ ކިބައިންނާއި، ނޫހުގެފާނުގެ ކިބައިންނާއި، އިބްރާހީމްގެފާނުގެ ކިބައިންނާއި، މޫސާގެފާނުގެ ކިބައިންނާއި، މަރިޔަމްގެފާނުގެ ދަރި ޢީސާގެފާނުގެ ކިބައިންނެވެ. އަދި އެބޭކަލުންގެ ކިބައިން ހަރުކަށި ވަރުގަދަ ޢަހުދު ހިއްޕެވީމެވެ.

haftha.mv ©