.
07 April 2017
މަޤްބޫލު ޙަބަރު

 ހެޔޮމިންވަރަށާއި ނުބައި މިންވަރަށް އަހުރެމެން އީމާންވާންޖެހެއެވެ. އެއީ މާތްالله  އެކަލާނގެ ޢިލްމުފުޅާއި ޙިކުމަތްފުޅުގެ ދަށުން މުޅި ކާއިނާތައް ކުރައްވާފައިވާ ނިޔާއެވެ. މިންވަރުފުޅަށް ހަތަރު މަޤާމެއްވެއެވެ.

1-     ދެނެވޮޑިގެންވުން. މާތްالله އީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ފެށުމެއްނުވާ އަބަދީ ޢިލްމުފުޅުންވީ ހުރިހާކަމަކާއި، ވާނޭ ހުރިހާ ކަމަކާއި، ވާނީ ކިހިނެއްކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އެކަލާނގެއަށް ކަމެއް އެނގިވޮޑިނުގެން އަލަށް އެކަމެއް އެނގިވޮޑި ނުގަންނަވައެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމަށްފަހުގައި ހަނދާންނެތުމެއް އެކަލާނގެއަށް ނިސްބަތްވެގެންނުވެއެވެ.

2-     ލިޔުއްވުން. ހަމަކަށަވަރުން މާތްالله ، اللوح المحفوظ ގައި ޤިޔާމަތް ދުވަހާއި ހަމައަށް ވާނޭ ހުރިހާ ކަމެއް ލިޔުއްވިއެވެ. أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ   الحج: (70)

މާނައީ: “ހަމަކަށަވަރުން އުޑާއި ބިމުގައި ވާހައި އެއްޗެއް الله ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ހެއްޔެވެ؟ ހަމަކަށަވަރުން އެހުރިހާ އެއްޗެއްވަނީ ފޮތެއްގައި (اللوح المحفوظ ގައި) ލިޔެވިފައެވެ. ހަމަކަށަވަރުން އެއީ الله އަށް ފަސޭހަ ކަމެކެވެ.”

3-     އިރާދަކުރެއްވުން. ހަމަކަށަވަރުން މާތްﷲ އުޑުތަކާއި ބިމުގައިވާހާ އެއްޗެއްގެ އިރާދަކުރެއްވިއެވެ. އެކަލާނގެ އިރާދަފުޅާއިއެކު މެނުވީ އެއްވެސް ކަމެއްނުވާނެއެވެ. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއްވާނެއެވެ. އަދި އިރާދަ ނުކުރައްވާ އެއްވެސް ކަމެއް ނުވާނެއެވެ.

4– ހެއްދެވުން:

       اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ(  الزمر: 62)

މާނައީ: ” ހުރިހާ އެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ ،ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ.

لَّهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۗ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ (الزمر: 63)

އުޑުތަކާއި ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ.އަދި ﷲގެ އާޔަތްތަކަށް ކާފަރުވިމީހުން (ދަންނާށެވެ)ގެއްލެނިވެގެންވާ މީހުންނީ،ހަމައެއުރެންނެވެ.

 އިސްލާމް ދީނުގެ ރުކުންތައް

     އިސްލާމް ދީނަކީ މާތް ﷲ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވައިލައްވާފައިވާ ޝަރުޢީ ޙުކުމް ތަކެކެވެ. އަދި ހަމަ އެއާއެކު މުސްލިމުން އުޅެންވި ގޮތުގެ އުޞޫލުތަކެއް ބަޔާންކޮށްދޭ މިންގަނޑުތަކެކެވެ. މިގޮތުން މުސްލިމަކަށް ވެވޭނީ އަންނަނިވި ރުކުންތައް ދެނެގަނެ އެރުކުންތަކަށް   ފުރިހަމައަށް ޢަމަލުކޮށްގެންނެވެ.

عن عبد الله بن عمر رضي الله عنه أن النبي صلى الله عليه وسلم قال:”  بني الإسلام على خمس شهادة أن لا إله إلا الله وأن محمداً رسول الله وإقامة الصلاة، وإيتاء الزكاة، وصوم رمضان، وححج البيت” متفق عليه

މާތް ﷲ ރުއްސުންލެއްވި عبد الله بن عمر رضي الله عنه ގެއަރިހުން ރިވާވެގެން ވެއެވެ. އިތުރު އެކަލޭގެ ފާނު ޙަދީސް ކުރެއްވިއެވެ އިސްލާމް ދީން ބިނާވެގެން ވަނީ ފަސްކަމެއްގެ މައްޗަށެވެ.އެއީ ﷲ މެނުވީ އިލާހަކު ނުވާކަމަށާއި،ޒަކާތް ދިނުމާއި، ރަމަޟާން މަހުރޯދަހިފުމާއި، ގެފުޅަށް ގޮސްޙައްޖުވުމެވެ.

ފުރަތަމަ ރުކުން:   ޝަހާދަތުގެ ދެކަލިމަ ކިޔުން

    މުސްލިމަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުމަކީ ޝަރުޠެކެވެ. އެދެކަލިމަ ދުލުންކިޔާ ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށްގެން މެނުވީ މުސްލިމަކަށް ނުވާނެއެވެ. ކިޔަންމެ ހެޔޮކަންތައްތަކެއް މީހަކު ކުރިކަމުގައިވިޔަސް އީމާންނުވާކަމުގައި ވަނީނަމަ الله ސުބުޙާނަހޫވަތަޢާލާ ގެ ޙަޟްރަތުގައި އެއީ ޤަބޫލުވެވިގެންވާ ކަމެއްނޫނެވެ. ފުރަތަމަ ބަޔަކީ  لا إله إلا الله އެވެ. ﷲ ގެ އެއްކައުވަންތަކަން ބަޔާންކުރުމެވެ. ދެވަނަ ބަޔަކީ محمد رَسُوْلُ اللهِ  صَلَّ اللهُ عَلَيْهِ وَسَلَّم  އެވެ. އެއީ އެކަލޭގެފާނުގެ ރަސޫލުކަން ތެދުކުރުމެވެ. އުޑުތަކާއި ބިނާތައް ހައްދަވާ އެންމެހާ މަޚްލޫޤާތުތައް މިކާއިނާތުގައި ލައްވަވާފައި ވަނީ ތަޥްޙީދުގެ މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރުމަށެވެ. މާތް ﷲ ރަސޫލުބޭ ކަލުންނާއި ނަބީބޭކަލުން  ފޮނުއްވަވާ ފޮތް  ބާވާލައްވާ ޝަރީޢަތްތައް ކަނޑައަޅުއްވާފައިވަނީ ހަމަ މިކަލިމައަށްޓަކައެވެ. ޢަމަލުތައް ލިޔެވި،  ޙިސާބުލެއްވި ސުވަރުގެވަންތަ ވެރިންނާއި ނަރަކަވަންތަ ވެރިން، މުއުމިނުންނާއި ކާފަރުން ކަނޑައެޅިގެން ދަނީ މިކަލިމައިގެ މައްޗަށެވެ.

  قال رسول الله صلى الله عليه وسلم:   “الإيمان بضع وسبعون شعبة أعلاها قول لاإله إلاالله وأدناها إماطة الأذى عن الطريق والحياء شعبة من الإيمان” . (البخارى ومسلم)

މާނައީ: އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރިބަޔަކީ لاإله إلاالله ކިއުމެވެ. އެންމެ ދަށްބަޔަކީ އުނދަގޫވާފަދަ ތަކެތި މަގުމަތިން އެއްފަރާތް ކުރުމެވެ. ލަދުވެތިކަމަކީ އީމާންތެރިކަމުގެ ބައެކެވެ.އިންސާނުންނާއި ޖިންނީން މިކާއިނާތުގައި ލައްވާފައިވަނީ މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރެއްވުމަށްޓަކައިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ.

 وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات56)

މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ.”  ރަސޫލުބޭކަލުން ފޮނުއްވަވާ ފޮތްބާވާލެއްވީ މިކަލިމައަށްޓަކައިކަން އަންގަވާ ﷲ ވަޙީކުރެއްވިއެވެ.

وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ(الأنبياء25)

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނު ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ.”

   إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ (الأنفال2)

މާނައީ: “މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަ ކުރާހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް  ވަކީލުކުރާ މީހުން ކަމުގައެވެ.”

އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައި އިޚްލާސްތެރިކަން ނުވަތަ ނިޔަތަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.ނިޔަތާ ނުލައި އެއްވެސް އަޅުކަމެއްޞައްޙައެއް ނުވާނެއެވެ.

عن عمربن الخطاب رضي الله عنه قال رسول الله صلى الله عليه وسلم“إِنمَّا الأعمَالُ باِلنِّيَاتِ وَإِنَّمَا لِكُلِّ امْرِئٍ مَانَوَى فَمَنْ كاَنَتْ هِجْرتُهُ إِلىَ اللهِ وَرَسُوْلِهِ فَهِجْرَتُهُ إِلىَ اللهِ وَرَسُوْلِهِ  و فَمَنْ كاَنَتْ هِجْرتُهُ لِدُنْيَا يُصِيْبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرتُهُ إِلَى مَا هَاجَرَ إِلَيْهِ” متفق عليه.  

މާނައީ: ހަމަކަށަވަރުން ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތްތަކުގެ މައްޗަށެވެ. ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާ އަށެވެ. ދުނިޔެ ހޯދުމަށް ނުވަތަ އަންހެނަކާއި ކާވެނިކުރުމަށް ހިޖުރަކުރިމީހާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރިކަންތަކަށެވެ.”

  • މިޙަދީޘްއިން އެނގޭގޮތުގައި ޢަމަލުތައް ޤަބޫލުކުރެވި ބަދަލު ލިބިގެންދަނީ އެމީހެއްގެ ނިޔަތާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެހެންކަމުން ނިޔަތަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ.
haftha.mv ©