.
14 April 2017
މަޤްބޫލު ޙަބަރު

  ޝަހާދަތުގެ ދެކަލިމަ ކިޔުން  ލިބިގަންނަންވި ފައިދާތައް:

 1. މުސްލިމަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުމަކީ ޝަރުޠެއް
 2. އީމާންކަމުގެ އެންމެ މަތިވެރިބަޔަކީ لاإله إلاالله ކިއުން
 3. ﷲ އާ އެކަލާނގެ ރަސޫލާއާ އީމާން ވެގެން މެނުވީ ދެދުނިޔޭގެ ކާމިޔާބު ނުލިބޭނެކަން.
 4. އަޅުކަމުގައި އިޚްލާސްތެރިކަމަކާ ނުލާ ކުރާ އަޅުކަން ޤަބޫލެއް ނުކުރެވޭނެކަން.
 5. ﷲ އާ އެކަލާނގެ ރަސޫލާގެ އަމުރުތަކަށް ކިޔަމަން ވުން.

ދެވަނަ ރުކުން: ނަމާދު ޤާއިމްކުރުން

ނަމާދުގެ ލުޣަވީމާނައަކީ ދުޢާކުރުމެވެ. އިސްތިލާޙީ މާނައަކީ ނަމާދަކީ ޚާއްޞަވެގެންވާ ޝަރުޠުތަކާއެކު ތަކުބީރަކުންފެށޭ ސަލާމް ދިނުމަކުން ނިމޭ ކަންތައްތަކަކާއި ބަސްތަކެކެވެ. މިކަމުގެ ދަލީލަކީ

فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا الصَّلَاةَ ۚ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا  (النساء: 103)

މާނައަކީ: ” އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން        اللَّه ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ حالގައްޔާއި، އިށީނދެތިބޭ حالގައްޔާއި، އޮށޯވެތިބޭ حالގައެވެ. އަދި، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) قائمކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ مؤمنތަކުންގެ މައްޗަށް    وقت ކަނޑައެޅިގެންއޮތް فرضއެއްކަމުގައި ވެއެވެ.

        މުސްލިމުންގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވީ އިސްރާއާއި މިޢުރާޖުގެ ރޭގައެވެ. މި އުއްމަތުގެ މައްޗަށް މާތް ﷲ ގެ ޙަޒުރަތުން ޖިބުރީލުގެފާނު މެދުވެރި ނުކުރައްވައި ސީދާ ފަރުޟުކުރެއްވި ހަމައެކަނި އަޅުކަމަކީ ނަމާދެވެ. ނަމާދު ފަރުޟު ކުރެއްވުނީ ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގަތުމުގެ 18 މަސްދުވަސްކުރިން ނެވެ.

ނަމާދުގެ ބައިތައް:

         ނަމާދު ބެހިގެން ވަނީ ދެބަޔަކަށެވެ.

 1. ފަރުޟު ނަމާދު: ފަރުޟު ނަމަދު ބެހެވިގެންވަނީ 2 ބަޔަކަށެވެ. އެއީ ޢައިނިއްޔަ ފަރުޟު ނަމާދު ކަމުގައިވާ ފަރުޟުފަސްނަމާދާއި، ހުކުރު ނަމާދާއި، ކިފާޔަތުގެ ފަރުޟު ނަމާދެވެ.
 2. ސުންނަތްނަމާދު: ސުންނަތް ނަމާދު ދެބަޔަކަށް ބެހެވިގެން ވެއެވެ. އެއީ ޖަމާޢަތުގައި ސުންނަތް ވެގެންވާ ނަމާދާއި ފަރުދީ ގޮތުން ކުރާ ސުއްނަތް ނަމާދެވެ.

ނަމާދުން ލިބިގަންނަ ފައިދާ:

 1. އިސްލާމީ އުޚުވަތްތެރިކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިވެ އާލާވުން
 2. ނިކަމެތި ފަޤީރުންގެ ޙާލުދެކެ އެހީތެރިވުމުގެ ރޫޙު އާލާވުން
 3. މާތް ﷲ އަށް ބިރުވެތިވުމާއި، ތިމާގެ ނުކުޅެދުން ތެރިކަން ގެނަސް އެކަނލާގެއަށް ބިރުވެތިވުން
 4. ހަށިގަނޑުގެ އެންމެހާ ގުނަވަންތަކާއި، ހުޅުހުޅަށް ޙަރަކާތްތެރިކަން ލިބުން
 5. މުޅިހަށިގަނޑުގެ ލޭހިގުމުގެ ނިޒާމް ހަމަޖެހި ނުރައްކާތެރި އެތަކެއް ބަލިތަކުން އިންސާނާ ސަލާމަތްކުރުން

ތިންވަން ރުކުން: ޒަކާތްދިނުން

 ލުޣަވީ ގޮތުން ޒަކާތުގެ މަނައަކީ އިތުރު ވުމާއި، ހެދި ބޮޑުވުމާއި، ތާހިރުކަމާއި ބަރަކާތްތެރިކަމެވެ. އިސްޠިލާޙީ މާނައަކީ ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މުދާތަކެއް ވަކި މިންވަރަކަށް އިތުރުވެ ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ޚާއްޞަ ވެގެންވާ ބަޔަކަށް ދެވޭ ވާޖިބު ޙައްޤެކެވެ. އެކަމުގެ ދަލީލަކީ

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ  (النور: 56)

މާނައަކީ: ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި زكاةދޭށެވެ! އަދި رسولއާއަށް ކިޔަަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.” ޒަކާތް ފަރުޟު ކުރެއްވުނީ ހިޖުރައިން ދެވެނަ އަހަރުގައެވެ.އެއީ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރިން ނެވެ. ޒަކާތް ބެހިގެން ވަނީ ދެބަޔަކަށެވެ. އެއީ މުދަލުގެ ޒަކާތާއި ފިޠުރު ޒަކާތެވެ.

ޒަކާތުން ލިބިގަންނަންވި ފައިދާތައް:

 1. ﷲ އަށް ކިޔަމަންތެރިވުން
 2. އިންސާނާގެ ހިތުގައިވާ ނޭދެވޭ ސިފަތަކުން އެއިންސާނާ ދުރުހެލިކުރުން
 3. މުޖުތަމަޢުގެ އަމަން އަމާންކަމާއި ހަމަޖެހުން
 4. ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންނަށް އެހީތެރިވުން
 5. މުސްލިމުންނާއި ފަޤީރުންގެ މެދުގައި ލޯތްބާއި އިޙުތިރާމް އާލާވުން

ހަތަރުވަނަ ރުކުން: ރަމަޟާންމަހު ރޯދަހިފުން

ރޯދައިގެ ލުޣަވީމާނައަކީ: ކަމަކުން ދުރުވެ ހުރުމެވެ. ރޯދައިގެ އިސްތިލާޙީ މާނައަކީ: ނިޔަތާއެކު ފަޖުރުވީއްސުރެ އިރު އޮއްސި ރޯދަ ވީއްލުމަށް ދާންދެން ކާބޯ ތަކެއްޗާއި ޝަހުވާނީ އެދުންތަކުން އިންސާނާ ދުރުހެލިވެ ރައްކާތެރިވާންޖެހޭ ރައްކާތެރި ވުމެކެވެ. މިކަމުގެ ދަލީލަކީ

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ  (البقرة: 183)

މާނަ އަކީ: އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ.

ރޯދަ ފަރުޟު ކުރެއްވުނީ ހިޖުރައިން ދެވެނަ އަހަރުގައެވެ.

ރޯދަ ބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ 1. ރަމަޟާން މަހުގެ ރޯދަ 2. ސުއއްނަތް ރޯދަތައް 3. ނަދުރުގެ  ރޯދަތައް

ރޯދައިން ލިބިގަންނަންވި ފައިދާތައް:

 1. މުސްލިމުންކިބައިގައި މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރި ވުމުގެ ސިފަ އެންމެ ފުރިހަމަ ގޮތުގައި އުފެދުން
 2. ރޯދައަކީ ތިމާ އެންމެ ހިތްއެދޭ ކައިބޯ ހެދުމާއި، ޝަހުވާނީ އެދުންތައް ދުވާލުގެ ވަގުތުގައި އެކަންތަކުން ދުރުހެލިވެ ރައްކާތެރިވުން
 3. ރޯދައަކކީ މުސްލިމުން ކެތްތެރި ވުމަށް ދަސްކޮށްދިނުން
 4. ކާބޯ ތަކެތި ހަޖަމްވުމުގެ ސަބަބުން އެތަކެއް ބަލީގެ ޖަރާސީމު އުފެދުން ދުރުކޮށްދިނުން
 5. މުޖުތަމަޢުގައި އެއްބައިވަންތަކަން އަސަގަތުން

ފަސްވަނަ ރުކުން: ކުޅަދާނަވެގެންވާމީހާ ގެފުޅަށް ގޮސް ޙައްޖުވުން

      ޙައްޖުގެ ލުޣަވީ މާނައަކީ: މާތްތަނަކަށް ދިއުމަށް ޤަޞްދުކޮށް އެތަނަކަށް ދިއުމެވެ. ޝަރުޢީ ގޮތުން ޙައްޖަކީ: ޙާއްޞަ ކަންތަކެއް އަދާ ކޮށްގެން ޤަޞްދުކޮށްގެން ޚާއްޞަ ވަގުތެއްގައި ގެފުޅުގެ އަރިހަށް ދިއުމެވެ.    فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ (آل عمران: 97)

މާނައަކީ: ” ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرمފުޅަށް) ވަދެއްޖެ މީހާއީ،
أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ،  އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި  މީހާ،  (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.” ޙައްޖު ފަރުޟު ކުރެއްވުނީ ހިޖުރައިން ނުވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ޙައްޖުން ލިބޭ ފައިދާ

 1. މަތް ﷲ އަށް ކިޔަމަންތެރި ވުމަށް ދެނެގަތުން 2. ޙައްޖަކީ ފާޙިޝް ޢަމަލުތަކުން ސަލާމަތްކޮށްދޭ އަޅުކަމެކެވެ. 3. މުސްލިމުންގެ ދީނީ ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ އަދިވެސް މިފަދަ އެންމެހައި ކަންކަމުގައި ބައިވެރިވެ މަޝްވަރާ ކުރުމަށް ލިބޭ ފުރުޞަތެއް 4. މުޖުތަމަޢުގައިވާ ނިކަމެތިންގެ ޙާލު ދެކި އެކަން އިޙުސާސް ކުރުމަށާއި، އެބައި މީހުންނަށް އެހީތެރިވުމުގެ ބޭނުންތެރިކަން އުގަންނައިދިނުން 5. ހުރިހާ ފާފަތަކެއް ފުހެވިގެން ދިއުން
haftha.mv ©