.
28 April 2017
މަޤްބޫލު ޙަބަރު

އިސްލާމްދީނަކީ ރަހުމަތުގެ ދީނެވެ.ކާއިނާތުގެވެރި އިލާހާއި،ތިބާ އާއި ދެމެދުގައިވާ ވަރުގަދަ ގުޅުމެވެ. މި ދީނަކީ ތިބާގެ މުޅި ވުޖޫދެވެ. އަދި ތިބާގެ ހެޔޮ ނަސީބާއި ހިތްހަމަޖެހުން ބިނާ ވެފައިވަނީ މިދީނުގެ މަތީގައެވެ.އިސްލާމްދީން ރަނގަޅު ހުރިހާ ސިފަތަކެއް ދަސްކޮށް ދެއެވެ. އަޚްވަންތަކަމާއި، ރަހުމާއިލޯތްބާއި، ހަމްދަރުދީއާއިކުލުނުވެރިކަމެވެ. ކެރުންތެރިކަމާއި، ހުޝިޔާރުކަމާއި،ވަފާތެރިކަމާއި، ތެދުވެރިކަމެވެ. އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމެވެ. އިހުތިރާމުކުރުމާއި، މަޢާފުކުރުމާއި،ދީލަތި ކަމެވެ.ކެތްތެރިވުމާއި،ޝުކުރުކުރުމާއި،ކެތްތެރިވުމަކީ ވަރަށް މުހިއްމު ދެސިފައެވެ.ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ކޮންމެހެން ތިބާ ކުރަން ޖެހޭނެ ކަމެކެވެ.

ކުކުޅުބިހަކަށް ނަޒަރު ހުއްޓާލަ ބަލާށެވެ.ބިހުގައި ލެވިފައިވާ ހަރުތޮށިގަޑުގެ ސަބަބުން އެތެރޭގައިވާ ހުރިހާ އެއްޗެއް ވަނީ ރައްކާތެރި ކުރެވިފައެވެ.މި ހަރު ތޮށިގަޑު ނުވާ ނަމަ ބިހުގެ ބޭނުން ނެތި ދިޔައީއެވެ. ހަމަ މިބީދައިން އިސްލާމްދީނަކީ ތިބާ ވަށައިގެންވާ ބޯތޮށިގަޑެކެވެ.ތިބާގެ ސަލާމަތާއި، ރައްކާތެރިކަން ގުޅިފައިވަނީ މަތިވެރި އިސްލާމްދީނާއެވެ..އިސްލާމްދީނާއި ނުލައި ތިބާގެ ހަޔާތަކީ ފަޅު ހަޔާތެކެވެ.

ބިހަކީ އެހާ އަގުބޮޑު އެއްޗަކަށް ނުވުމާއިއެކުވެސް މީހުން އެ ގެންގުޅެނީ ނުހަނު ފަރުވާތެރި ކަމާއި އެކުގައެވެ. އެއި ނާޒުކު އެއްޗަކަށް ވާތީއެވެ.ގެނެވޭ ކުޑަކުޑަ ހަރަކާތަކުން ބިހުގައި ރެނދު ލައެވެ.ބިސްތަޅައިގެންދެއެވެ.އިސްލާމްދީނަކީ ތިބާގެ މުޅި ޙަޔާތެވެ.ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.މިފަދަ ބޮޑު ނިޢުމަތަކާއި މެދު ފަރުވާކުޑަ ކުރަން ހެޔޮ ވެދާނެތޯއެވެ.ތިބާ އިސްލާމްދީނަށް ރައްކާތެރިވާށެވެ.

އިސްލާމްދީން ތިބާއަށް ދަސްކޮށްދެނީ ދެޙަޔާތް އާރާސްތު ކުރާނޭ ގޮތެވެ.ދިރިއުޅުން ބައްޓަން ކުރަންވީ ރީތި އުސޫލުތަކާއި  ގޮތްތަކެވެ.އާޙިރަތުގެ ޙަޔާތް ކާމިޔާބު ވުމުގެ އަސާސްތަކެވެ.ހެޔޮގޮތާއި ނުބައި ގޮތެވެ.ކުރަންވީ ކަންކަމާއި ނުކުރާންވީ ކަންކަމެވެ.ތިބާފަދަ އަނެއް އަޚާއާއި ދެމެދުގެ ގުޅުންތަކާއި،އިންތަކެވެ.ދިރިއުޅުމުގެ ރިވެތި އުސޫލުތަކާއި،ގޮތްތަކެވެ.

ތިބާ ހެއްދެވި ފަރާތް އަބަދުމެ ހަނދާން ކުރަން ވާނެއެވެ.އެއިލާހުގެ ބޮޑުކަމާއި މަތިވެރިކަން ހިތަށް އަރުވައި ކިޔަމަންތެރިކަން އަދާކުރާށެވެ. ތިބާ ހައްދަވާފައިވަނީ އެއިލާހަށް އަޅުކަން ކުރުމަށްޓަކައެވެ. އަޅުކަމުގެތެރެއިން އެންމެ ޚާއްސަ އަޅުކަމަކީ ނަމާދެވެ.ނަމާދަކީ ތިބާ ކުރާ ރޫޙާނީ ދަތުރެކެވެ. އެއީ ތިބާގެ ޙަޔާތުގެ އެންމެ މުހިއްމު ވަގުތުކޮޅެވެ.ހެއްދެވި ފަރާތާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ.އެވަގުތުކޮޅު ތިބާ ހުންނަންވާނީ ކާއިނާތުގެ ވެރިއިލާހަށް ހުސްވެގެންނެވެ.ދުނިޔަވީ ހުރިހާ ޚިޔާލަކަށް އަލްވަދާޢު ކިޔައިގެންނެވެ.

ތިބާ ސީދާމަގުން އެއްކިބާ ކުރުމަށްޓަކައި ޝައިތާނާ އަބަދާއިއަބަދު މަސައްކަތް ކުރަމުން ގެންދާނެއެވެ.ޚާއްސަ ގޮތެއްގައި ތިބާ ނަމާދުގެ ދަތުރު ކުރަމުންދާހިނދު ތަފާތު ޚިޔާލުތައް ވިއްކަން ނުލަފާ ޝައިތާނާ މަސައްކަތް ކުރާނެއެވެ.އެވަގުތަކު އެންމެ ހިތް އެދޭ ކަމަކަށް ޚިޔާލުކުރުމަށް މަސައްކަތް ކުރާނެއެވެ.ތިބާގެ މަސައްކަތަކަށް ހަދަންވީ ޚިޔާލުތަކުން ދުރުވެ ޢާލަމުތަކުގެވެރި އިލާހުގެ މަތީން ހަދުމަ ކުރަމުން ނަމާދުގެ ރޫޙާނީ ދަތުރު ނިންމާލުމެވެ.

މަސްދަރު|ފަންވަތް ޑޮޓް އިންފޯ: އިސްމާޢީލް އަލީ ރ.ކަދޮޅުދޫ 

haftha.mv ©