.
19 May 2017
މަޤްބޫލު ޙަބަރު

ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ސޫރަތަކީ އަލްފާތިޙާ އެވެ. އަޅުގަނޑުމެން ޢާއްމުކޮށް ކިޔާ ގޮތަށް ނަމަ އަލްޙަމްދެވެ. އެ ސޫރަތުގެ 5 ވަނަ އާޔަތުގެ މާނަ ދަންނަވައިލާނަމެވެ. “އަޅަމެން އަޅުކަން ކުރަނީ އިބަރަސްކަލާންގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގިއެދެނީވެސް އިބަރަސްކަލާންގެ ހަޒްރަތުންނެވެ.”

 

ސޫރަތުލްފާތިޙާ އަކީ އެ ސޫރަތާނުލައި ނަމާދު ޞައްޙަ ނުވާ ސޫރަތެކެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އެ ސޫރަތް ކިޔަވަން ޖެހެއެވެ. ފަސްވަގުތު ނާޅައި ފަރުޟު ނަމާދުކުރާ މީހާ ރެޔަކާއި ދުވާލު 17 ފަހަރު “އަޅަމެން އަޅުކަން ކުރަނީ އިބަރަސްކަލާންގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގިއެދެނީ އިރަސްކަލާންގެ ކިބަފުޅުންނެވެ.”  މަސް ދުވަހަށް ބަލާނަމަ 510 ފަހަރު މި އެ ސޫރަތް ކިޔަ އެވެ.

ކިޔޭނުކިޔޭ އެއްޗެއް ނޭނގި އެއްޗެއް ކިޔުމާއި އެނގިގެން ކިޔުމާ ތަފާތުވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް އަލްފާތިޙާ ސޫރަތުގެ މާނަ ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރުމަކީ ދަތިކަމެކެވެ. އަޅުގަނޑުމެން މަހަކު 510 ފަހަރު ސޫރަތުލްފާތިޙާ ކިޔަވަނީ އޭގައި ކިޔާ އެއްޗެއް އެނގިގެންނެވެ.

މަތީގައި ދެންނެވުނު އާޔަތަށް ވިސްނައިލަމާތޯއެވެ. އެ އާޔަތުގައި އަޅުގަނޑުމެން ހަމައެކަނި އެއްޗެއް ކިޔައިލަނީއެއް ނޫނެވެ. ޢަހުދެއް ވަނީ އެވެ. ފުރަތަމަ އަޅުގަނޑުމެން ވަޢުދުވަނީ ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރާށެވެ. ދެން ވަޢުދު ވަނީ ﷲ ނޫން އެހެން ފަރާތަކުން ވާތްގަށް ނޭދޭށެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އެހެންވީމާ ހުރިހައި ދިވެހިންނަކީ މުސްލިމުންނެވެ. ވުމާއެކު އެ އާޔަތުގެ ފުރަތަމަ ބަޔާ އެއްވެސް މީހަކު ޚިލާފެއް ނުވާނެ އެވެ. އަޅުގަނޑުމެން ބުދަކަށް ނުވަތަ އެހެންވެސް އެއްޗަކަށް އަޅުކަމެއް ނުކުރަމުއެވެ. ޝަރީކެއްވެސް ނުކުރަމު އެވެ. އެހެންވީމާ ދިވެހިންގެ އެންމެން މިތިބެނީ ފާތިހާ ސޫރަތުގެ ފުރަތަމަ ބައިގައި ވެފައިވާ ވަޢުދު ފުއްދައިގެންނެވެ.

އެކަމަކު އާޔަތުގެ ދެވަނަބައިގައި އަޅުގަނޑުމެން ދުވާލަކު 17 ފަހަރު ތަކުރާރު ކުރާ ވަޢުދު އަޅުގަނޑުމެންނަށް ފުއްދެނީ ކިހައި ވަރަކަށްތޯ އެވެ؟ އަޅުގަނޑުމެން ހަމަ ޙަޤީޤަތުގައިވެސް ވާގިއެދެނީ ﷲ ގެ ކިބައިންތޯ އެވެ؟ ބޮޑު ކަމަކާ ދިމާވީމާ އަޅުގަނޑުމެން އެންމެ ފުރަތަމަ ހަނދާން ކުރަނީ ﷲ ތޯ އެވެ؟ ނުވަތަ ދުއްވައިގަންނަނީ ކޮންމެވެސް މީހަކާ ދިމާއަށްތޯއެވެ؟ އަޅުގަނޑުމެން ބިރުގަންނަނީ ﷲ ދެކެތޯ އެވެ؟ ނުވަތަ ބާރުގަދަ އިންސާނަކު ދެކެތޯ އެވެ؟

މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ﷲ އަންގަވަނީ ދުޢާ ކުރާށެވެ. އެހީއަށް އެދި ދަންނަވާށެވެ. ހަމައެކަނި މިޔެއް ނޫނެވެ. އަޅުގަނޑުމެން ކުރާ ދުޢާ އިޖާބަ ކުރައްވާނެ ކަމަށްވެސް އެކަލާންގެ ވަނީ އަންގަވައިފަ އެވެ. މިއީ އިންސާނެއްގެ ބަހެއް ނޫނެވެ. 1400 އަހަރުވީމާ ހަނދާން ނެތޭނީ އެހެންނަމަ ނޫންތޯ އެވެ؟ އެ އެންގެވުން މިހާރުވެސް އޮތީ އެގޮތަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. އެހެންނޫނީ ސޫރަތުލްފާތިޙާގެ 5 ވަނަ އާޔަތުގެ ފުރަތަމަ ބައިގައި އެވާ ވަޢުދުން ބޭރަށް ނުކުމެވުމުގެ ބިރުވެސް އެބައޮތެވެ. އާދެ، ﷲ އަށް އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ އިޖާބަކުރައްވާނޭ ކަމާމެދު ޝައްކު ކުރުމަކީ ކީރިތި ޤުރްއާނާމެދު ޝައްކު ކުރުމާ އެއްފަދަ ކަމެކެވެ. ކީރިތި ޤުރްއާނާމެދު ޝައްކު ކުރުމަކީ ﷲ އާ މެދު ޝައްކު ކުރުން ފަދަ ކަމެކެވެ.

ކީރިތި ރަސޫލާ އަންގަވައިފައިވަނީ ކިތަންމެ ކުޑަކުޑަ ކަމެއް ދިމާވިޔަސް ﷲ އަށް ދަންނަވައި މަދަދަށް އެދޭށެވެ. މިއީ ބުއްދީގެ ހަމައިން ބެލިކަމުގައި ވިޔަސް ކުރަން ޖެހޭ ކަމެއް ނޫންތޯ އެވެ؟ ﷲ އަކީ އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ކަލާނގެ އެވެ. ކޮންމެ ކަމެއް ވެސް ކޮށްދެއްވުމުގެ ބާރު އޮތީ ﷲ އަށެވެ. އެހެންވީމާ ބާރު އޮތް ފަރާތަކުން އެހީއަށް އެދުމަކީ އެންމެ މޮޅު ގޮތެވެ. އެނޫން ގޮތެއް ނުވެސް އޮންނާނެ އެވެ. ކަންކަމަށް ﷲ މެދުވެރި ކުރައްވާ ސަބަބުތަކުގައި ހިފުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ﷲ ގެ މަދަދަށް އެދި ދެންނެވުމަކީ ކުރުން މަޖުބޫރު ކަމެކެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ކަމެއް އެކޮޅުކޮޅުން ޖެއްސެވުމަކީ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރެކެވެ. އެއީ އެއްވެސް މަޚްލޫޤަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑުމެން މިހާރު ވެސް ކުރަން ޖެހޭ ކަމަކީ ބަހާއި ޢަމަލާ ދިމާކުރުމެވެ. ކޮންމެ ދުވަހަކު 17 ފަހަރު ކަމަކަށް ވަޢުދު ވެފައި އެ ވަޢުދާ ޚިލާފު ނުވުމެވެ.

މަސްދަރު : ފަންވަތް ޑޮޓް އިންފޯ  |ޢަބްދުﷲ ނަޢީމު އިބްރާހީމް

haftha.mv ©