.
18 June 2017
މަޤްބޫލު ޙަބަރު

 ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން ދެނެގަންނަން ޖެހޭ ގޮތުގައި ތިމާ މިހުރީ ދުނިޔޭގައިވާ އެންމެ މާތް ބިމުގައިކަމެވެ. އަދި ހަމައެއާއިއެކު އެބިމުގައި ކުރެވޭ ހެޔޮ ކަންތައް އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ. އެހެން ކަމުން އެބިމާއި ބިމުގައި ވާހާ ތަކެއްޗަށް ކަމޭ ހިތުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ذَٰلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ ۗ وَأُحِلَّتْ لَكُمُ الْأَنْعَامُ إِلَّا مَا يُتْلَىٰ عَلَيْكُمْ ۖ فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ ( الحج: 30)

މާނައީ : (ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ حرمةތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެحضرةގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް نعمސޫފި حلالކުރައްވާފައިވެއެވެ. (قرآنގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!

 ذَٰلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ (الحج: ٣٢)

މާނައީ: އަދި اللَّهގެ شعائرތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ.

 އަލްއިމާމް ޒުހުރީވިދާޅުވެފައިވެއެވެ. މާތް ވެގެންވާ މައްކާއަށް ވަނުމަށް ފަހުގައި އެތާގައި އެއްވެސް މީހަކަށް އުނދަގޫނުކުރުމާއި ފުރައްސާރަނުކުރުމާއި މަލާމަތް ނުކޮށްހެދުމެވެ.

   إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَنْ يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ  (الحج: ٢٥)

މާނައީ: ” ހަމަކަށަވަރުން، كافرވެ، اللَّهގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި قائمވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި المسجد الحرامން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، دينއާ خلاف ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި عذابން ރަހަދައްކަވާހުށީމެވެ.

މައްކާގައި ހޭދަ ކުރާ ދުވަސް ތަކުގައި ބޭކާރު ކަންކަން ދޫކުރުމަށް އާދަ ކުރާށެވެ. މައްކާއަށް އައުމުގެ ފުރިހަމަ ލަނޑުދަޑި އާއި މެދު ވިސްނާށެވެ. ނަމާދުކުރުމާއި، ޠަވާފް ކުރުމާއި، ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރު ކުރުމާއި، ދުޢާކުރުމުގައި ވަގުތުތައް ހޭދަ ކުރުމަށް އާދަކުރައްވާށެވެ.އެހެން ކަމުން މައްކާގައި ހޭދަ ކުރައްވާ ދުވަސް ވަރު ބޭކާރު ވާހަކަތައް ދެއްކުމާއި ފާހިޝް ޢަމަލް ތަކުން ދުރުވެ ރައްކާތެރިވެ ތިބެން ޖެހެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ ، وَلاَ أَحَبّ إِلَى اللهِ العَمَل فِيْهِنَّ مِنْ أَيَّامِ الْعَشْرِ ، فَأَكْثِرُوا فِيْهِنَّ مِنْ التَّسْبِيْحِ ، وَالتَّحْمِيْدِ ، وَالتَّهْلِيْلِ ، وَالتَّكْبِيْرِ (رواه أحمد والطبراني ]  (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ލޮބުވެތި، އަދި (މާތްކަން) ބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެ ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ޙަމްދު ޘަނާ ކިޔުމާއި، ތަހުލީލު ކިޔުމާއި، ތަކުބީރު ކިޔުން ގިނަ ކުރާށެވެ.

عن أبي هريرة رضي الله عنه، قال: سمعت النبي صلى الله عليه وسلم يقول:  “مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ”  ( رواه البخاري)

މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ތިމަން ކަލޭފާނު ކީރިތި ރަސޫލާ ޙަދީޡް ކުރެއްވި އަނޑު އެހީމެވެ.  ހަޑި ހުތުރު ބަހުން މުޢާމަލާތު ނުކުރުމާ، އަދި ފާސިޤު ޢަމަލް ނުކޮށް، ﷲ އަށް ޓަކއި ޙައްޖު އަދާކޮއްފި މީހާ ދަންނާށެވެ. އޭނާގެ މަންމަ އޭނާ ވިހެއި ދުވަސްފަދައިން އެނބުރި އަތުވެއްޖެއެވެ.

عن أبي هريرة رضي الله عنه، قال: قال رسول الله صلى الله عليه وسلم:   ” الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ مَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ” (متفق عليه)

މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. ޢުމްރާ ވުމަކީ ދެޢުމްރާ ދެމެދުގައި ކުރެވޭ ކުއްފާފައިގެ ކައްފާރާއެކެވެ. ކުދިފާފަ ފުއްސަވާކަމެކެވެ. އަދި ހެޔޮގޮތުގައި ވެވޭ ޙައްޖު އަށް ހުރި ޡަވާބު އަކީ ހަމަ ކަށަވަރުން ސުވަރުގެއެވެ.

haftha.mv ©