.
21 June 2017
މަޤްބޫލު ޙަބަރު

 ޙައްޖަކީ އަޅުކަމުގެ ތެރެއިން މާތް އަޅުކަމެކެވެ. މިއަޅުކަމަކީ މުދަލުންނާއި ނަފްސުންނާއި، ދުލުންނާއި، ވަރަށް ގިނަ ވަގުތުތަކެއް ހޭދަ ކޮށްލައިގެން އަދާކުރެވޭ އަޅުކަމެކެވެ. އެހެން އަޅުކަންތަކާއި ޚިލާފަށް މިއަޅުކަމުގައި ވަރަށް ގިނައަދަބުތަކެއް ބަހައްޓަން ޖެހޭނެއެވެ.

           އޭގެ ބައެއް އަދަބުތައް ވަރަށް ކުރު ގޮތަކަށް ތިރީގައި މިވަނީއެވެ.

  1. ޙައްޖަށް ދިއުމަށް ޢަޒުމް ކަނޑައަޅައިފިނަމަ ފާފަތަކާ ދުރުވެ ތައުބާވުން.
  2. ޙައްޖާއި ޢުމްރާއާއި ގުޅިފައިވާ ޙުކުމްތައް ދަސްކުރުން
  3. އަނބިދަރީންނަށާއި ތިމާގެ މީހުންނަށް ވަޞިއްޔަތް ކުރުން
  4. މީހަކަށް އަނިޔާއެއް ދެވިފައިވާނަމަ އެމީހާގެ ކިބައިން މަޢާފަށް އެދުން
  5. ކުރަން ޤަސްދު ކުރާ އަޅުކަމުގައި އިޚުލާސްތެރިވުން
  6. މައްކާއަށް ދިއުމަށްޓަކައި ދަތުރު ފަށާ ހިނދު ދަތުރު ދުޢާ ކިޔުން
  7. މައްކާގައި ހޭދަކުރާ ވަގުތުގައި ދޫ ރައްކާތެރި ކުރުން
  8. ޙައްޖު ދަތުރުގައި ބައިވެރިވާ އެހެން މީހުންނަށް އުނދަގޫ ނުކުރުން
  9. ޙައްޖު ދަތުރުގެ ހުރިހާ ވަގުތެއްގައި ޖަމާޢަތުގައި ނަމާދު ކުރުމަށް މަސައްކަތް ކުރުން
  10. މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބޭކާރު ގޮތުގައި ޖަދަލު ކުރުން ދޫކޮށްލުން
  11. ޠަވާފް ކުރާ ވަގުތުގައި އެހެން މީހުންނަށް އުނދަގޫ ނުކުރުން
  12. ލަދުވެތިކަމާއި ޢިއްފަތްތެރިކަމާއި އަބުރުވެރިކަމަށް ރައްކާތެރިވުން
  13. އައުރަ ނިވާކަން ކުޑަ ހެދުން ނުލުން
  14. ޙަލާލު ފައިސާގައި މިމާތް އަޅުކަން އަދާކުރުން
haftha.mv ©