.
22 June 2017
މަޤްބޫލު ޙަބަރު

މީޤާތު: އެއީ ޙައްޖާއި ޢުމްރާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަކާއި ކަނޑައެޅިފައިވާ ތަނެކެވެ.

މީޤާތު ބެހިގެންވަނީ ދެބަޔަކަށެވެ.

ފުރަތަމަ ބަޔަކީ : ވަގުތު ނުވަތަ  ދުވަސްތަށް

މީޤާތުގެ ދުވަސްވަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުވަސްވަރު ފެށޭނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހަށެވެ.

الْحَجُّ أَشْهُرٌ مَعْلُومَاتٌ ۚ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ  (البقرة: ١٩٧)

 މާނަ:  حجގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج  فرضކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرامބަނދެފިމީހާ، ދަންނާށެވެ!) ފަހެ حجވުމުގެ ތެރޭގައި جماعވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّهއީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅުކޮއްތަކީتقوىއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ.

އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ވަގުތެއްގައިވެސް ޢުމުރާ ކުރެވިދާނެއެވެ.

ދެވަނަ ބައި :ކަނޑައެޅިފައިވާ ތަން

މީޤާތަށްޓަކައި ކީރީތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަނޑައަޅުއްވާދެއްވާފައިވާ 5 ތަނެއް ވެއެވެ. ޙައްޖު ނުވަތަ ޢުމުރާއަށް އަންނަން ބޭނުންވާ މީހުން މި 5 ތަނުން ކުރެ ތަނަކުން އިޙުރާމް ބަނުން ހުއްޓެވެ.

  1. ذوالحليفة (ޒުލްޙުލައިފަތު)  މަދީނާގެ އަހުލުވެރިންނަށް
  2. يلملم (ޔަލަމްލަމް) ޔަމަނުގެ އަހުލުވެރިންނަށް ޢާއްމުގޮތެއްގައި ދިވެހިރާއްޖޭގެ ޙައްޖުވެރިން ޙައްޖާއި ޢުމްރާއަށް ނިޔަތް ގަންނާނީ މި މީޤާތުންނެވެ. މިމީޤާތަކީ މައްކާގެ ދެކުނުގައި 94 ކިލޯމީޓަރ ދުރުގައިވާ ފަރުބަދައެކެވެ.
  3. قرن المنازل (ޤަރްނުލްމަނާޒިލް) ނަޖިދު މީހުންގެ މީޤާތެވެ. މިއީ މައްކާގެ އިރުމަތީ ފަރާތުން ޢަރަފާތާ ދިމާލުން މައްކާއާއި 94 ކިލޯމީޓަރ ދުރުގައިވާ ފަރުބަދައެކެވެ.
  4. الجحفة (އަލްޖަޙްފާ)  މިއީ މިސްރާއި އިޝާމްކަރައާއި ހުޅަނގު ބިތުން އަންނަ މީހުންގެ މީޤާތެވެ. މިއީ ރަތްކަނޑުގެ އިރުމަތީ އައްސޭރީގައި އޮތް ތަނެކެވެ.
  5. ذات عرق (ޛާތުޢިރްޤު) މިއީ ޢިރާމް އަހުލުވެރިންގެ މީޤާތެވެ. މިއީ މައްކާގެ އިރުމަތިން 94 ކިލޯމީޓަރ ދުރުގައިވާ ހިސާބެކެވެ.

ޙައްޖު އާއި ޢުމުރާ ވުމަށް ޤަސްތު ކޮންގެން ދަތުރު ކޮށްފައި އަންނަ މީހާ އިސްވެދިޔަ މީޤާތު ތަކުގެ ތެރެއިން މީޤާތަކާ އަރާ ހަމަ ވުމުން އިޙްރާމް ބަނުން ވާޖިބު ވާނެއެވެ. މިގޮތަށް މީޤާތު ފަހަނަ އަޅާ ދިއުމަކީ ޙަރާމް ކަމެކެވެ. މީޤާތު ފަހަނަ އަޅާ ދިއުމަށްފަހު އިޙްރާމް ބަދެފިނަމަ ކަތިލުން ވާޖިބު ވާނެއެވެ.

މައްކާގެ އަހުލުވެރިންގެ މީޤާތަކީ މައްކާއެވެ. މައްކާގެ އަހުލުވެރިއެއް ނޫންމަވެސް، މައްކާގައި ހުރެފައި ޙައްޖުވުމަށް ޤަސްތު ކޮށްފިނަމަ، އިޙްރާމް ބަންނާނީ މައްކާއިންނެވެ.

މީޤާތާ އާއި މައްކާ އާ ދޭތެރޭގައި ގެދޮރު ހުރި މީހަކު ނަމަ އިޙްރާމް ބަންނާނީ އެމީހެއްގެ ގެއިންނެވެ. މައްކާގައި ހުރެފައި ޢުމްރާ ވުމަށް ޤަޞްތު ކުރާ މީހާ އިޙްރާމް ބަންނާނީ މައްކާގެ ޙަރަމުން ބޭރުންނެވެ.

ޙައްޖުބެހިގެންވަނީ ތިންބަޔަކަށެވެ.

ފުރަތަމަ  ބައި: ތަމައްތުޢް

މިއީ ޙައްޖުގެ މައްސަރުތަކުގައި ފުރަތަމަ ޢުމުރާއަށް އިޙްރާމް ބަނުމެވެ. އަދި ޢުމްރާގެއަޅުކަން ނިމުމުން އިޙްރާމް ކަނޑައި، ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙްރާމް ބަނދެ، ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމެވެ. މިގޮތަށް ޙައްޖުކުރާމީހާ ހަދްޔު ކަތިލަން ޖެހެއެވެ. ހަދްޔު ކަތިލުމަށް ކުޅަދާނަވެގެންނުވާނަމަ އޭނާގެ މައްޗަށްވަނީ ޙައްޖުގައި ތިން ރޯދަ އަދި ޤައުމަށް އެނބުރިގޮސް ހަތް ރޯދަ ހިފުމެވެ.

ދެވަނަބައި : ޤިރާން

މިއީ ޙައްޖާއި ޢުމްރާއަށް އެއްކޮށް އިޙްރާމް ބަނުމެވެ. އެއަށްފަހު މައްކާއަށް ދެވުމުން ޠަވާފުލް ޤުދޫމް ކުރުމަށްފަހު ޙައްޖާއި ޢުމްރާއަށް އެއް ސަޢްޔު ކުރާނީއެވެ. ދެން އިޙްރާމް ނުކަނޑާ ހުރުމަށްފަހު ޙައްޖުމަހުގެ އަށްވަނަ ދުވަހުން ފެށިގެން ޙައްޖާއި ޢުމްރާގއ ބާކީހުރި އަޅުކަންތައްތައް ފުރިހަމަ ކުރާނީއެވެ.އެއީ ސަޢުޔުކުރުން ފިޔަވައެވެ އެހެނީ އޭނާވަނީ ޠަވާފުލްޤުދޫމަށްފަހު ޙައްޖާއި ޢުމްރާއަށް ސަޢްޔުކޮށްފައެވެ. ޤިރާންކޮށް ޙައްޖުކުރާ މީހާވެސް ހަދްޔު ކަތިލަންޖެހޭނެއެވެ.

ތިންވަނަބައި :އިފްރާދު

މިއީ ހަމައެކަނި ޙައްޖަށް އިޙްރާމް ބަނުމެވެ. އެއަށްފަހު މައްކާއަށް ގޮސް ޠަވާފުލް ޤުދޫމް ކުރުމަށްފަހު ޙައްޖުގެ ސަޢުޔު ކުރާނީއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަސް އަންނަންދެން އިޙްރާމް މަތީހުރެ މަޝާޢިރުތަކަށް ގޮސް ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނީއެވެ. އިފްރާދުކޮށް ޙައްޖުކުރާމީހާގެ މައްޗަށް ހަދްޔު ކަތިލުމެއް ނުވެއެވެ.

ތަމައްތުޢް މަގުން ނުވަތަ ޤިރާން ގެ މަގުން ޙައްޖުވާ މީހާ ހަދިޔު ކަތިލުން ވާޖިބުވާނީ އަންނަނިވިޝަރްތަށް ފުރިހަމަ ވުމަށްފުގައެވެ.

  • އަލްމަސްޖިދިލް ޙަރާމް ގެ ޙާޟިރުގައިވާ މީހަކު ކަމުގައި ނުވުން
  • ތަމައްތުޢް ވާމީހާ ޢުމްރާވީ، ޙައްޖުގެ މައްސަރުތަކުގެތެރޭގައި ކަމަށްވުން
  • އެއަހަރު ޙައްޖުވުން.
  • ޙައްޖަށް އިޙްރާމް ބަނުމަށްޓަކައި އޭނާ ޢުމްރާ އަށް އިޙްރާމް ބަން މީޤާތަށް ނުވަތަ އެހެން މީޤާތަކަށް ނުދިޔުން.

ހައްޖުގެ ރުކުންތަށް

ޙައްޖުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތް ތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެ. ޝާފިޢީ މަޒްހަބުގައި އޮންނަގޮތުން ޙައްޖުގެ ރުކުންތައް ހައެކެވެ.

  1. އިޙްރާމް ބަނުން
  2. ޢަރަފާތުގައި ހުރުން
  3. ޠަވާފުލް އިފާޟާ ކުރުން
  4. ޞަފާއާއި މަރުވާ އާއި ދެމެދު ހިނގުން
  5. ބޯބޭލުން ނުވަތަ ބޯކޮށުން
  6. ތަރުތީބު ކުރުން

ހައްޖުވާޖިބުވާ ކަންތަށް

  1. އިޙްރާމް ބަނުން
  2. މުޛްދަލިފާގައި ނިދުން
  3. ޖަމްރާއަށް ހިލަ އުކުން
  4. މިނާގައި ރޭކުރުން،އައްޔާމު ތަޝްރީޤްގެ ތިންރެއިން ކުރެ ކޮންމެ ރެއެއްގެ ބޮޑުބައިގައި މިނާގައި ހޭދަކުރުން
  5. ވަދާޢީ ޠަވާފް
  6. އިޙްރާމް ބަދެގެންހުރެ ކުރުންމަނާ ކަންތައްތަކާ ދުރު ހެލިވުން

ހައްޖުގެ ސުންނަތް ކަންތަށްތަށް

  1. ޙައްޖުގެ 8 ވަނަ ދުވަހުފެ ރޭ މިނާގައި ރޭކުރުން
  2. ޙައްޖު މަހު 7ވަނަ ދުވަހު ޚުތްބާ ދިނުން
  3. ޢަރަފާތު ދުވަހުގެ ދެޚުތުބާ އެދުވަހުގެ މެންދުރު ނަމާދުގެ ކުރިން ދެޚުތް ބާ ކިޔުން ސުންނަތް ވެގެން ވެއެވެ.
  4. ޢީދު ދުވަހު މެންދުރު ނަމާދަށް ފަހު ޚުތްބާ ދިނުން
  5. ޙައްޖުމަހު 12ވަނަ ދުވަހު މެންދުރު ނަމާދަށް ފަހު ޚުތްބާ ދިނުން
  6. ފިރިހެނުން ބޯބޭލުން
  7. ޢީދުވިލޭރޭ ފަތިސް ނަމާދަށް ފަހު އިރު އަރަން ދެން މުޒްދަލިފާގައި މަޑު ކުރުން
  8. އައްޔާމު ތަޝްރީޤްގެ 3 ރޭ މިނާގައި ހޭދަކުރުން
  9. ޙައްޖުގެ އަޅުކަމުގެ އެކި އެކި ކަން ކަމުގައި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތަކާ ޒިކުރުތަށް ކިޔުން.

ޙައްޖުގެ ރުކުންތަކާ ވާޖިބު ތަކާ ގުޅޭ ވަރަށް ގިނަ ސުންނަތް ތައްވެއެވެ.

ހައްޖުގެ ރުކުނެއް އަޅައިފިމީހާގެ ޙުކުމް

 ޙައްޖުގެ ރުކުނެއް ދޫކޮށްލައިފި މީހާގެ ޙައްޖު ފުރިހަމައެއް ނުވާނެއެވެ. އެކަންތައް ފުރިހަމަ ނުކުރާހާ ހިނދަކު އެކަމުގެ ޒިންމާ އޮންނާނީ އެމީހެއްގެ ބޮލުގައެވެ. މިސާލަކަށް ޠަވާފުވެ އިފާޟާ ނުކޮށް އެބުރި ޤައުމަށް ގޮސްފި ކަމުގައިވާނަމަ، އޭނާ ޖެހޭނީ އަލުން އަނބުރާއައިސް އެކަން ފުރިހަމަ ކުރާށެވެ.

haftha.mv ©