.
23 June 2017
މަޤްބޫލު ޙަބަރު

ފުރަތަމަ ދެނެގަންނަން ޖެހޭނެ ކަމަކީ ޙައްޖުވެރިންނަށާއި ޙައްޖާއި ޢުމްރާއަށް އިޙްރާމް ބަނދެގެން ތިބޭ މީހުންނަށް ޙަރާމް ކަންތައްތަކެއް ވާކަމެވެ. އެހެން ނަމަވެސް އިޙުރާމް ހެދުމުގައި ވާ މީހާގެ މައްޗަށް އެކަންތައްތައް ވަކިން ބޮޑަށް ޙަރާމްވާ ކަމެވެ. އެއީ ދެބައޮޑުވުމާއި، ދޭތެރެ ޖެއްސުމާއި، ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމާއި، ދޮގު ހެދުމާއި، ހަޑި ހުތުރު ބަހުން ޒުވާބު ކުރުމާއި، ޖަދަލު ކުރުމާއި، ޙަރާމް ތަންތަން ބެލުމާއި އަޑު އެހުން ފަދަ ކަންތައްތަކެވެ.

الْحَجُّ أَشْهُرٌ مَعْلُومَاتٌ ۚ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ) البقرة: ١٩٧ (

 މާނަ: حجގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج  فرضކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرامބަނދެފިމީހާ، ދަންނާށެވެ!) ފަހެ حجވުމުގެ ތެރޭގައި جماعވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّهއީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅުކޮއްތަކީتقوىއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!”

އިހްރާމް ހެދުން ލައިގެން ހުންނަ މީހާ ކުރުން ހަރާމް ކަންތަށްތަށް ތިންބަޔަކަށް ބެހިގެންވެއެވެ

  1. ފިރިހެނުންނާއި އަންހެނުން ޝާމިލު ވާކަންތައް:-

ހ. އިސްތަށި ބޭލުން ނުވަތަ ކޮށުން. ބޮލުން ނުވަތަ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ފަޅާފައި ހުރި އިސްތަށިތައް ހިމެނެއެވެ. އެހެން ނަމަވެސް އެއްވެސް ޤަސްދަކާއި ނުލައި ފައިބާ އިސްތަށި މީގެ ތެރޭގައި ނުހިމެނެއެވެ.

ށ. ނިޔަފަތި ކެނޑުން

ނ. އިޙްރާމް ލުމަށްފަހު ހުވަނދުލުން

ރ. ޖިމާޢުވުން ނުވަތަ ޝަހުވަތްތެރިކަމާއެކު އަންހެނެއްގެ ގައިގައި ބީހުން

ބ. އަތުއިސްޓާކީނުފަދަ އެއްޗެއް ލައިގެން ފޮރުވުން.

ޅ. އެއްގަމު މަސް ޝިކާރަ ކުރުން (ކެއުން ހުއްދަ)

  1.  ފިރިހެނުން’ނަށް ޚާއްސަ ކަންތައް:-

ހ. ފަހާފައިވާ އެއްޗެއް ލުން

ށ. ތާކިހާ ނުވަތަ ފޮތި، މިފަދަ އެއްޗަކުން ބޯފޮރުވުން.

  1. އަންހެނުންނަށް ޚާއްޞަ ކަންތައްތަކަކީ:

ހ. މޫނު ފޮރުވުން

ބަޔާން ކުރެވުނު ކަންތައްތަކަކީ ޙައްޖާއި ޢުމްރާ ކުރުމަށް ދާމީހުންކުރުންޙަރާމް ކަންތައްކަމަށް ޢިލްމުވެރިން އެއްބަސްވެލައްވާ ކަންތައްތަކެވެ.

ޙަރާމް ކަމަކަށް އަރައިގަތުމުގެ ޙުކުމް

           އިޙުރާމް ބަނދެގެން ހުންނަ މީހާ އޭނާގެ މައްޗަށް ޙަރާމްވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ،  އެކަމުގެ ޙުކުމް 3 ޙާލަތެއް ވެއެވެ.

ހ. އެއްވެސް އުޒުރަކާއި ނުލައި ނުވަތަ އެއްވެސް ކަމަކާއި ނުލައި އިޙުރާމް ބަނދެގެން ވާ މީހާ ޙަރާމް ކަމެއް ކޮށްފިނަމަ، އޭނާ ފާފަވެރި ވާނެއެވެ. އަދި ފިދާޔަ ދޭން ޖެހޭނެއެވެ.

ށ. ކޮންމެވެސް ކަމަކާ ލައިގެން ޙަރާމް ކަމެއް ކޮށްފިނަމަ ފިދާޔަ ދޭން ޖެހޭނެއެވެ.

ނ. ނޭނގިގެން ނުވަތަ ހަނދާން ނެތިގެން ނުވަތަ ގަދަ ކަމުން އެކަން ކުރުވައިފިނަމަ، ފިދާޔަ ދޭން ޖެހޭނެތޯ؟ ނުވަތަ ނޫންތޯ؟ މިއީ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު މައްސަލައެކެވެ. ގިނަ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މިޙާލަތުގައި އޭނާގެ މައްޗަށް އެއްވެސް ކަމެއް ނުހިނގާނެއެވެ.

ފިދުޔަ ދޭން ޖެހޭނެ ގޮތް:

           ފިދުޔަ ދޭން ޖެހޭގޮތް އެއް ޙާލަތުން އަނެއް ޙާލަތަށް ތަފާތުވާނެއެވެ. އިޙުރާމް ބަނދެގެންވާ މީހާގެ މައްޗަށް ޙަރާމް ކަންތައްތަކުގެ ތެރެއިން ކަމަކަށް އަރައިގަނެވިއްޖެނަމަ ފިދުޔަ ދޭން ޖެހޭނެއެވެ.

އެއީ:

  1. ކަންބަޅި، ބަކަރި ކަތިލުން، ނުވަތަ 60 މިސްކީނުންނަށް ކާން ދިނުން ނުވަތަ 3 ދުވަހު ރޯދަ ހިފުން. މިތިން ކަންތައްތަކުގެ ތެރެއިން ބޭނުން ކަމެއް އިޚުތިޔާރު ކުރެވިދާނެއެވެ.
  2. ވާޖިބު ކަމެއް ދޫކޮށްލައިފިނަމަ ބަކަރިއެއް ނުވަތަ ކަންބަޅި ކަތިލަން ޖެހޭނެއެވެ. ނުލިބެއްޖެނަމަ 10 ދުވަހު ރޯދަ ހިފުން. ރޯދަ ހިފާނީ، 3 ދުވަހުގެ ޙައްޖުގެ ތެރޭގައި އަނެއް ބާކީ 7 ދުވަސް އެބުރި ޤައުމަށް ދެވުމުން. 3 ދުވަސް ހިފުމަށް ކުޅަދާނަކަން ނުލިބޭނަމަ އެނބުރި ޤައުމަށް ދިއުމަށްފަހު 10 ދުވަސް އެކުގައި ހިފާނީއެވެ.
  3. ތަމައްތުޢު އަދި ޤިރާރުވެރިން ލޭދިނުން: ޙައްޖުވެރިންގެ ތެރެއިން މިދެބާވަތުގެ ޙައްޖުގެ އަޅުކަމަށް ނިޔަތް ގަނެފައިވާ މީހުން ދޭން ޖެހޭނެއެވެ. ލޭގެ މިންވަރަކީ ކަންބަޅިއެކެވެ. ނުވަތަ ޖަމަލެއްގެ ނުވަތަ ގެރިއެއްގެ ހަތްބައިކުޅަ އެއްބައި އެހެންވީމާ ކޮންމެ ހަތް މީހެއްގެ މަތިން ޖަމަލެއް ކަތިލެވިދާނެއެވެ. ކަތިލުމުގެ ކުޅަދާނަކަން ނެތްނަމަ 10 ދުވަހު ރޯދަ ހިފިދާނެއެވެ. އެއީ 3 ދުވަހުގެ ޙައްޖާއި އެނބުރި ޤައުމަށް ގޮސް 7 ދުވަހު ރޯދަ ހިފާނީއެވެ.
  4. އިހްޞާރުގެ ފިދުޔަ: އިޙްސާރުގެ މާނައަކީ ޙައްޖު ނުވަތަ ޢުމްރާވެ މަނާސިކުތައް އަދާކުރުމަށް ހުރަސްއެޅި އެކަންތައްތައް ފުރިހަމަ ނުކުރެވޭގޮތް މެދުވެރިވުމެވެ. މިފަދަ ޙާލަތެއް އަތުވެއްޖެނަމަ ތަޙައްލުލުވާނީ ފިދުޔަ ކަތިލާ ބޯ ބާލައިގެންނެވެ. ހަދިޔު ނުލިބުނުނަމަ ހަދުޔުގެ އަގަށޤ (ބަކަރި) އަގުކޮށް އެއަށް ކާބޯތަކެތި ގަތުމަށްފަހު މިސްކީނުންނަށް ބަހާނީއެވެ. ނުވަތަ ތަމައްތުޢު ވެރިންނެކޭ އެއްގޮތަށް ރޯދަ ހިފުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

ޖިމާއުވުމުގެ ފިދުޔަ: ފުރަތަމަ ތަޙައްލުލު[1]  ގެ ކުރިން ޖިމާޢުވެއްޖެނަމަ ޖަމަލެއް ކަތިލަން ޖެހޭނެއެވެ. އެވަރު ދޭން ނުލިބެއްޖެނަމަ، 10 ދުވަހުގެ ރޯދަ  ހިފުން  ވާނެއެވެ. އެއީ 3 ދުވަހު ޙައްޖާއި ބާކީ އޮތް 7 ދުވަސް އެނބުރި ޤައުމަށް ދިއުުމުން ހިފަން ޖެހޭނެއެވެ.

[1]  – ފުރަތަމަ ތަޙައްލުލުއަކީ: ޙައްޖުމަހުގެ 10 ވަނަ ދުވަހު ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން ވާޖިބު ހަދުޔު ކަތިލާ ބޯބޭލުން ނުވަތަ ކޮށުމަށްފަހުގައެވެ.

haftha.mv ©