.
24 June 2017
މަޤްބޫލު ޙަބަރު

ޙައްޖު ނުވަތަ ހަމަ އެކަނި ޢުމްރާ ކުރާމީހާ މައްކާއަށް  ދިޔުމަށްފަހު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޠަވާފު ކުރުމަށްޓަކައި އަލްމަސްޖިދުލް ޙަރާމަށް ދިޔުމެވެ.

ޠަވާފުގައި ހިމެނެނީ ހަތްބުރެވެ. ޠަވާފު ފަށާނީ އަލްޙަޖަރުލް އަސްވަދާދިމާއިންނެވެ. އަލްޙަޖަރުލް އަސްވަދާދިމާވާ ގޮތަށް ޞަފާމަރުވާއާއި ވީފަޅީގެ މަތީގައި ފެހި ކުލައިގެ އިޝާރާތެއް ދިއްލިފައިވާނެއެވެ.

ޠަވާފުގައި  އޭނާގެ ފޮށާގެ މެދުބައި ކަނާތު ކިހިލި ފައްޗަށް މަހާލައިގެން އޭގެ ދެކޮޅު އޭނާގެ ވާތު ކޮނޑުމައްޗަށް އެއްލާފައި ބެވުމަކީ ސުންނަތެކެވެ. އަލްޙަޖަރުލް އަސްވަދުގައި ބޮސްދެވެން ނެތްނަމަ އަލްޙަޖަރުލްއަސްވަދަށް އިޝާރަތްކުރާނީއެވެ. އިޝާރަތްކުރާއިރު “بسم الله أكبر” ކިޔަންވާނެއެވެ. ބާރުހިނގުމެއްގައި ޠަވާފުގެ ފުރަތަމަ ތިންބުރު ޖެހުން ސުންނަތް ވެއެވެ. އެކަމަކު އަންހެނުންނަށް މިއީ ސުންނަތް ކަމެއް ނޫނެވެ.

ޠަވާފުކުރަމުންގޮސް ޔަމާނީ ރުކުނާ ހަމައަށް ދެވުމުން އެރުކުނުގައި އަތް ބީއްސުމަކީ ކުޅަދާނަ ވެގެންވާ މީހާއަށް ސުންނަތްކަމެކެވެ. ޔަމާނީ ރުކުނާ ޙަޖަރުލް އަސްވަދާ ދެމެދު ކިޔާނީ ” رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ“މިހެންނެވެ. މިގޮތަށްގޮސް ޙަޖަރުލް އަސްވަދާ ހަމައަށް ދެވުމުން ފުރަތަމަ ބުރު ނިމުނީއެވެ. އެއަށްފަހު الله أَكبرُ ކިޔާ ދެވަނަބުރު ފަށާނީއެވެ.ފުރަތަމަ ބުރުގައި ކަންތައްކުރި ގޮތަށް ހަތްބުރު ނިމެންދެން ޢަމަލު ކުރާނީ އެވެ.

ނަމާދަށް ބަންގި ގޮވައިފިނަމަ ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ޠަވާފުކުރުން ހުއްޓާލާނީއެވެ. ނަމާދުކޮށް ނިންމާފައި ޠަވާފު ހުއްޓާލެވުނު ހިސާބުން ފަށައިގެން ފުރިހަމަ ކުރާނީއެވެ. ޠަވާފުގެ ބުރުތަކުގެ އަދަދާމެދު ޝައްކުވެއްޖެނަމަ އެންމެ މަދު މިންވަރެއްގެ މައްޗަށް ބަލައިގެން ޠަވާފު ފުރިހަމަ ކުރާނީއެވެ.

ޠަވާފުކޮށް ނިމިގެން ގައިގައިލާ ފޮށާ އަލުން ދެކޮނޑުމައްޗަށް އެއްލާނީއެވެ. އެއަށްފަހު މަޤާމް އިބްރާހީމްގެ ފަހަތުގައި ހުރެގެން ޠަވާފުގެ ސުންނަތުގެ ދެރަކްޢަތް ކުރާނީއެވެ. ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ ސޫރަތުލް ކާފިރޫންއެވެ. ދެވަނަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ ސޫރަތުލް އިޚްލާޞްއެވެ.

މަޤާމްފުޅުގެ ފަހަތުގައި މީހުން ގިނަނަމަ އަލްމަސްޖިދުލް ޙަރާމްގެ ކޮންމެ ތަނެއްގައިވެސް މިނަމާދު ކުރެވިދާނެއެވެ. އެއަށްފަހު ދާނީ ޒަމްޒަމް ފެން ބުއިމަށެވެ. ޒަމްޒަމް ފެން ބުއިމަށްފަހު އެދޭކަމަކަށްދުޢާ ކުރާނީއެވެ.

އެއަށްފަހު ދެންދާނީ ޞަފާ މަރްވާގައި ހިނގުމަށެވެ. ޞަފާ އާ ހަމައަށް އާދެވުމާއެކު ޤިބްލައަށް ކުރިމަތިލައި ހުއްޓިކިޔާނީ ކިޔާނީ إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا ۚ وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ  ( البقرة١٥٨)

މާނަ: ” ހަމަކަށަވަރުން، صفاއާއި مروة ވަނީ اللَّهގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް حجވާ މީހާ ނުވަތަ عمرةވާ މީހާ، އެ ދެތާނގައި ހިނގައި سعىކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި (فرضގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّهއީ، (އެފަދަ މީހުންނަށް) شكرވެރިވެވޮޑިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

 އެއަށް ފަހުގައި  ސުންނަތްވެގެންވަނީ ޤިބްލައަށް ކުރިމަތިލައި މާތްﷲއަށް ޙަމްދުކޮށް ތަކްބީރު ކިޔުމަށްފަހު “لا إلهَ إلاّ اللهُ وَاللهُ أَكْبرُ لا إِلهَ إِلاَّ اللهُ وَحْدَه لا شَريكَ لَه له المُلْكُ، وَلَه اْلحَمدُ يحُي وَيميتُ وَهُوَ عَلى كُلِّ شَيءٍ قَدير لاإله إِلاَّ اللهُ وَحْدَه أَنْجِزْ وَعدَه وَنَصَرَ عَبْدَه وَهَزَمَ اْلاَحْزابَ وَحْدَه” ކިޔުމެވެ. އެއަށްފަހު ދުޢާ ކުރާނީއެވެ. ކުރިން ދެންނެވި ޛިކްރާއި ދުޢާ ތިންތިންފަށްކޮށް ކިޔާނީއެވެ.

ޞަފާއިން ހިނގާފައި މަރްވާއާ ހަމައަށް ދެވުމުން އެއްބުރުޖެހުނީއެވެ. ޞަފާ މަރްވާގައި ހިނގާއިރު ގިނައިން ޛިކްރު ކުރުމާއި ދުޢާ ކުރުމަކީ ސުންނަތް ކަމެކެވެ. މިތާނގައި ހިނގާއިރު ޠާހިރު ކަންމަތީގައި ހުރުންވެސް ސުންނަތްވެގެންވެއެވެ. ކުޑަ ޙަދަޘްވެރިޔާއަށް ޞަފާ މަރްވާގައި ހިނގިދާނެއެވެ. ޠަވާފު ކުރުމަށްފަހު އަންހެންމީހާ ޙައިޟު ވިޔަސް ނުވަތަ ނިފާސް ވިޔަސް ޞަފާ މަރްވާގައި ހިގުން ހުއްދަވާނެއެވެ. އެހެނީ ޞަފާ މަރްވާގައި ހިނގުމަށްޓަކައި ޠާހިރުކަމަކީ ޝަރްޠެއް ނޫނެވެ. ނަމަވެސް އެއީ މުސްތަޙައްބު ކަމެކެވެ. ޞަފާ މަރްވާގައި ހިނގަމުންގޮސް ފެހި ހޮޅިބުރި ތަކާ ހަމަވުމުން ހިނގުން ބާރުކޮށްލަން ޖެހޭނެއެވެ.  އަންހެނުންނަށް ބާރަށް ހިނގުން ސުންނަތް ވެގެންނުވެއެވެ.

ޞަފާއިން މަރްވާއަށް ދިޔުމަކީ ބުރެކެވެ. މަރްވާއިން ޞަފާއަށް ދިޔުމަކީވެސް ބުރެކެވެ. ބުރުގެ އަދަދާމެދު ޝައްކުވެއްޖެނަމަ ބިނާކުރާނީ އެންމެ މަދު ޢަދަދެއްގެ މައްޗަށް ބަލައިގެންނެވެ.އިޙްރާމް ބަނދެގެންވާ މީހާ ޞަފާ މަރްވާގައި ހިނގާ ނިންމާފައި ބޯ ބާލާނީއެވެ. ނުވަތަ ބޯ ކޮށާނީއެވެ. ފިރިހެނުންނަށް އިތުރުވެގެންވަނީ ބޯބޭލުމެވެ. ޢުމުރާވެފައި ބޯ ކުރުކޮށްލާފައި ޙައްޖުވެފައި ބޯ ބާލަން ބެހެއްޓުން އިތުރުވެގެންވެއެވެ. އެކަމަކު އަންހެނުންނަށް ސުންނަތްވެގެންވަނީ ބޯ ކޮށުމެވެ. އޭނާގެ އިސްތަށިގަނޑުގެ ނުވަތަ ބަޔަކުން އިނގިއްޔެއްގެ ބަދައެއްގެ މިންވަރު ކޮށާލާނީއެވެ. ނުވަތަ އެއަށްވުރެ މަދު މިންވަރެއް ކޮށާލާނީއެވެ. މިގޮތަށް ކަންތައް ކުރުމުން ޢުމުރާ ނިމުނީއެވެ. މިހާހިސާބުން އިޙްރާމް ބަނުމުން ކުރުން މަނާވި ހުރިހާ ކަމެއްކުރުން އޭނާއަށް އަލުން ހުއްދަ ވާނެއެވެ.

 ޙައްޖުވެރިޔާ އޭނާގެ ޢުމުރާ ނިންމުމަށްފަހު މައްކާގައި ހުންނާނީ މާތްﷲއަށް އަޅުކަން ކުރުމަށާއި ޛިކްރުކުރުމަށް ޓަކައެވެ. ޙައްޖަށްގޮސް އުޅޭއިރު ޖަމާއަތުގައި މިސްކިތުގައި ނަމާދުކުރުމަށް ރައްކާތެރިވާންވާނެއެވެ. މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ޙައްޖުގައި ފާޙިޝްކަމެއް އަދި އުރެދުމެއް ނުކޮށް ޙައްޖުވި މީހާ އޭނާގެ މަންމަގެ ބަނޑުން ވިހޭ ދުވަހު އޮތް ސާފު ތާހިރުކަމަށް އެނބުރި ހިނގައްޖެއެވެ.

haftha.mv ©