ޝަހީދާ
25 June 2017
މަޤްބޫލު ޙަބަރު

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ކުރާނީ ރަމަޟާން މަސް ނިމުމަށް ފަހުވެސް ހެޔޮ އަމަލުތައް ކުރުން މަތީ ދެމި ތިބެގެން ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބުނެފައި ވަނީ ހަގީގީ އީމާން ކަމާއި ބާއްޖަވެރިކަން އިހުސާސް ކުރެވޭނީ ނަފުސުގެ ނުބައި ކަމާއި ބޮޑާކަންފަދަ އަމަލުތަކުން ދުރުވެ ތިބެގެން ކަމަށެވެ.

ރަމަޟާން މަހު ނަމާދަށް ފަރުވާތެރިވީ ފަދައިން އާންމު މަސް މަހުގައިވެސް ނަމާދަށް ފަރުވާތެރި ވުމަށް ޚުތުބާގައި ވަނީ ޒުވާނުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ފާހިޝް ކަމާއި ހަޑި ހުތުރު އަމަލުތަކުން އެއްކިބާވުމަށް އީދު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ރަނގަޅު ތަޢުލީމެއްދީ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އަންހެން ކަނބަލުންނަށް ޚުތުބާގައި ވަނީ ގޮވާލައްވައިފައެވެ.

އަނީންނަކީ ފިރިހެނުންނާ ހަވާލުކޮށްފައިވާ އަމާނާތެއްކަން ފާހަގަކޮށް އަނބީންނަށް އޯގާތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ފިތުރު އީދުގެ އުފާ ފާހަގަކުރަމުންދާ އިރު ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންވެސް ތިބިކަން ހަނދާންކޮށް މިފަދަ އީދު ދުވަހެއްގައި އެބައިމީހުން އުޅޭ ދަތި ހާލު ދެނެގަނެ އެމީހުންނަށް ހެޔޮދުއާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވިއެވެ.

އީދުގެ ފަހުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މާތް ކަމަށް އަލިއަޅުވާލައި ހުތުބާގައި ބުނެފައިވަނީ ހަ ރޯދަ ހިފާ މީހަކަށް މުޅި އަހަރު ދުވަހު ރޯދަހިފުން ފަދަ ކަމަށެވެ.

haftha.mv ©