.
30 June 2017
މަޤްބޫލު ޙަބަރު

 ތިންވަނަ ދުވަސްޙައްޖުމަހުގެ 10 ވަނަ ދުވަހަސް

 މިދުވަހު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޖަމްރަތުލް ޢަޤަބާ އަށް ހިލަ އުކުމެވެ. ތަކްބީރު ކިޔަމުން ކޮންމެ ހިލައެއް އެއްލާނީއެވެ. އެއަށްފަހުހަދްޔު ކަތިލުމެވެ. ހަދްޔު ކަތިލަން ދޭންޖެހޭ ކޮންމެ މީހަކު ހަދްޔު ކަތިލަން ޖެހޭނެއެވެ. ތިންވަނަ ކަމަކީ ބޯބޭލުން ނުވަތަ ބޯ ކުރުކުރުމެވެ. ހަތަރުވަނަ ކަމަކީ ޠަވާފުލް އިފާޟާ ކުރުމެވެ. މުތަމައްޠިޢުކޮށް ޙައްޖުވާނަމަ ޠަވާފަށްފަހު ޞަފާ މަރްވާގައި ހިނގަންވާނެއެވެ. އިފްރާދުކޮށްގެންނާއި ޤިރާނުކޮށް ޙައްޖު އަދާކުރާމީހާ ޞަފާ މަރްވާގައި ކުރިން ނުހިނގާނަމަ ޠަވާފުލް އިފާޟާ އަށްފަހު ޞަފާ މަރްވާގައި ހިނގަންވާނެއެވެ.

ތަމައްޠުޢުކޮށް ނުވަތަ ޤިރާނުކޮށް ޙައްޖުއަދާކުރާ މީހާއަކީ މައްކާގެ އަހުލުވެރިއެއް ކަމުގައި ނުވާނަމަ ފިދްޔަ ދޭނެޖެހޭނެއެވެ. އެއީ ކަންބަޅިއެއް ނުވަތަ ޖަމަލެއްގެ ހަތްބައިކުޅަ އެއްބައެވެ. މިކަން ކުރަންވާނީ އޭނާގެ ޙަލާލު މުދަލުންނެވެ. މިފިދްޔަ ނުވަތަ ހަދްޔު ދިނުމަށް ނުކުޅެދޭ މީހާގެ މައްޗަށް ޙައްޖުގެ ތެރޭގައި ތިން ދުވަހު އަދި ރަށަށް އެނބުރި ގޮސް ހަތްދުވަހު ރޯދަ ހިފުން ވާޖިބެވެ. ޙައްޖުގެ ތެރޭގައި ރޯދަހިފާއިރު ރޯދަ ހިފާނީ 10 ވަނަ ދުވަހުގެ ކުރިން ނުވަތަ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ ތެރޭގައެވެ.

ހަދްޔު ކަތިލުމަށްފަހު ޙައްޖުވެރިޔާ ބޯ ބާލާނީ ނުވަތަ ބޯ ކުރުކޮށް ކޮށާނީއެވެ. ރަނގަޅު ގޮތަކީ ބޭލުމެވެ. ރަސޫލުﷲ ގެފާނު ބޯ ބޭލި މީހުންނަށް ތިންފަހަރު ދުޢާކޮށްދެއްވިއެވެ. ބޯ ކޮށި މީހުންނަށް ދުޢާކޮށްދެއްވީ ހަމަ އެންމެ ފަހަރަކުއެވެ. ބޯ ބާލާއިރުގައިވެސް އަދި ބޯ ކޮށާއިރުގައިވެސް މުޅި ބޯ ޢާންމުކުރަންޖެހޭނެއެވެ. އަންހެނުން ބޮލުން ކޮށާނީ އިނގިއްޔެއްގެ މިންވަރެވެ.

 ޢަޤަބާ ޖަމްރާއަށް ހިލައުކުމަށްފަހު އަދި ބޯ ބޭލުމަށްފަހު ނުވަތަ ބޯ ކޮށުމަށްފަހު އިޙްރާމްގެ ސަބަބުން ޙަރާމްވި ހުރިހާ ކަމެއް އަނބިމީހާ ފިޔަވައި ހުއްދަވެގެންދާނެއެވެ.

ޠަވާފުލް އިފާޟާ އަކީ ޙައްޖުގެ ރުކުނެކެވެ. މިރުކުން އަދާނުކޮށް ޙައްޖު ފުރިހަމައެއް ނުވާނެއެވެ.މާތްﷲ ވަޙީކުރައްވަނީ ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (الحج ٢٩)

މާނައީ: “މާތްވެގެންވާ ގެފުޅުގެ ވަށައިގެން ޠަވާފުކުރާ ހުށިކަމެވެ.” ޠަވާފުގައި ހިނގާނީ ގެފުޅު ވަށައިގެން ހަތްބުރެވެ. އެއަށްފަހު ޞަފާ މަރްވާގައި ހިނގާނީއެވެ. މިއީ ތަމައްޠުޢުކޮށް ޙައްޖުވާމީހާގެ ޙައްޖުގެ ސަޢުޔެވެ. އޭނާ އެންމެ ފުރަތަމަ ކުރި ސަޢުޔަކީ އޭނާގެ ޢުމުރާގެ ސަޢުޔެވެ.

ޤިރާނުކޮށްނާއި އިފްރާދުކޮށް ޙައްޖުވާ މީހުން ޠަވާފު ކުރުމަށްފަހު ސަޢުޔުކުރާކަށް ނުޖެހޭނެއެވެ. އެއީ ޠަވާފުލް ޤުދޫމާއެކު ސަޢުޔުކޮށްފައިވާ ނަމައެވެ.

ޠަވާފުލް އިފާޟާއާއި ސަޢުޔުކުރަންޖެހޭ މީހުން ސަޢުޔު ކުރުމުން އިޙްރާމްގެ ސަބަބުން ޙަރާންވި ހުރިހާކަމެއް ޙަލާލުވެގެން ދާނެއެވެ. މިއީ ދެވަނަ ތަޙައްލުލެވެ. އެއަށްފަހު ޙައްޖުވެރިން މިނާއަށް އެނބުރި ދާނީއެވެ. އެތާނގައި ދެދުވަހު ނުވަތަ ތިންދުވަހު ތިބެންޖެހޭނެއެވެ. މިއިން ކޮންމެ ދުވަހަކު ތިން ޖަމްރާއަށް ހިލަ އުކަންޖެހޭނެއެވެ. ޖަމްރާއަށް ހިލައުކާއިރު ތަރްތީބުކުރުމަކީ ލާޒިމުކަމެކެވެ. ޝަރްޢީ ޢުޛުރަކާ ލައިގެން މެނުވީ ޙައްޖުވެރިޔާ ހިލައުކުން އެހެން މީހަކާ ޙަވާލުކޮށްގެން ނުވާނެއެވެ.

 މުސްކުޅިކަމުގެ ސަބަބުން ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން ނުވަތަ މާބަނޑުވުމުގެ ސަބަބުން ނުކުޅެދޭ މީހާއަށް އެހެންމީހަކާ ހިލައުކަން ޙަވާލުކުރެވިދާނެއެވެ. އެހެނިހެން މަނާސިކުތައް އެހެން މީހަކުލައްވާ އަދައެއް ނުކުރެވޭނެއެވެ.

haftha.mv ©