.
05 July 2017
މަޤްބޫލު ޙަބަރު

މިތިންދުވަހު ތިން ޖަމްރާއަށް ހިލައުކާނީ މެންދުރުން އެނބުރީމައެވެ. ހިލައުކަން ފަށާނީ ކުޑަ ޖަމްރާއިންނެވެ. އެއީ ޚައިފު މިސްކިތާ ކައިރި ޖަމްރާއެވެ. އެތަނަށް ހަތް ހިލަ އެއްލަން ވާނެއެވެ. ކޮންމެ ހިލައަކަށްއަތް އުފުލާ الله أكبر ކިޔާނީއެވެ. ދެން ކުރިއަށްޖެހިފާފައި ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދެއަތް އުފުލާ މާތްﷲއަށް ދުޢާކުރާނީއެވެ.

ދެން ދާނީ މެދު ޖަމްރާއަށެވެ. މިތަނަށްވެސް ހަތް ހިލަ އުކާނީއެވެ. ކުރިންވެސް ކަންތައް ކުރިގޮތަށް ކަންތައް ކުރުމަށްފަހު ދެން ދާނީ ޢަޤަބާ ޖަމްރާއަށެވެ. މިއީ މައްކާއާ އެންމެ ކައިރި ޖަމްރާއެވެ. މިތަނަށްވެސް އެއްލާނީ ހަތް ހިލައެވެ. އެއްލާ ކޮންމެ ހިލަކޮޅެއްވެސް ޖަމްރާގެ ވަށައިގެންވާ ހަތަރު އިންފާރުގެ ތެރެއަށް ވެއްޓޭތޯ ބަލަންވާނެއެވެ.

11 ވަނަ ދުވަހާއި 12 ވަނަ ދުވަހު ހިލަ އުކުމަށްފަހު އޭނާއަށް މިނާއަށް ނުކުތުން ހުއްދަ ވެގެންވެއެވެ. އެކަމަކު އިރުއޮއްސުމުގެ ކުރިން މިނާއިން ނުކުންނަން ވާނެއެވެ.12 ވަނަ ދުވަހު އިރުއޮށްސުމުގެ ކުރިން މިނާއިން ނުނިކުމެވެއްޖެނަމަ 13ވަނަ ދުވަހު މިނާގައި މަޑުކޮށް ހިލަ އުކުމަށް ފަހު މިނާއިން ނިކުންނާނީއެވެ.

އިތުރުވެގެންވަނީ ތިންވަނަ ދުވަހާއި ޖެހެންދެން މިނާގައި މަޑުކުރުމެވެ. މިނާއިން ޙައްޖުވެރިން ނުކުމެ ޙައްޖުގެ ކަންތައްތައް ނިންމާ، ޤައުމަށް އެނބުރި ދިޔުމަށްޓަކައި  ފުރަންވުމުން ޠަވާފުލް ވަދާޢު ކުރަން ޖެހޭނެއެވެ. އެއީ ހަތްބުރެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ އެމީހެއްގެ އެންމެ ފަހު ކަމަކަށް ގެފުޅު ވަށައިގެން ޠަވާފުކުރުން ހަދާފައި މެނުވީ ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް މައްކާއިން ނުފައިބާ ހުށިކަމެވެ.

ޠަވާފުލް ވަދާޢު ނިންމުމަށްފަހު މައްކާގައި ދަތުރަށް ބޭނުންވާ ކަމެއް ކުރުމަށް މެނުވީ ހުރެގެންނުވާނެއެވެ. ޠަވާފުލް ވަދާޢުގެ ފަހުން ޙައްޖުގެ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ޙައިޟު ވެރިންނަށާއި ނިފާސްވެރިންގެ މައްޗަށް ޠަވާފުލް ވަދާޢު ކުރުމެއް ނެތެވެ. ރަސޫލުﷲގެފާނު ވަނީ އެކަނބަލުންނަށް މިކަން ލުއިކޮށްދެއްވާފައެވެ.

haftha.mv ©