.
07 July 2017
މަޤްބޫލު ޙަބަރު

މަދީނާއަށް ޒިޔާރަތް ކުރުން

މިއީ ކީރިތި ރަސޫލާގެ ރަށެވެ. އެއީ ކީރިތި ރަސޫލާއަށް ނަޞްރުދީ އެކަލޭގެފާނަށް މަރްޙަބާ ދެންނެވި ރަށެވެ. މަދީނާގެ މިސްކިތް ކަމަށްވާ އަލްމަސްޖިދުއްނަބަވީ އަށް ޒިޔާރަތް ކުރާމީހާ މިސްކިތަށް ވަންނައިރު ކަނާތުފައި އިސްކުރުން ސުންނަތްވެގެން ވެއެވެ. ވަންނައިރު ކިޔާނީ “بِسْمِ اللهِ وَالصلاةُ وَالسَلامُ عَلى رَسُولِ الله اللهمَّ افتَحُ لي أَبوابَ رَحْمَتِكَ” މިއީ ކޮންމެ މިސްކިތަކަށް ވަންނައިރު ކިޔަން އޮތް ދުޢާއެކެވެ.

 މި ޒިޔާރަތަކީ ޙަރަމްފުޅަށްޓަކައި ކުރެވޭ ޒިޔާރަތެކެވެ. އެއީ ޤަބްރުފުޅަށް ކުރެވޭ ޒިޔާރަތެއް ނޫނެވެ. މިއީ ޙައްޖުގެ ޝަރުތެއް ނޫނެވެ. އަދި ވާޖިބެއްވެސް ނޫނެވެ. އެއަށްފަހު ޙަރަމްފުޅުގެ ތެރޭގައި ދެރަކްޢަތް ނަމާދެއް ކުރާނީއެވެ. މި ދެރަކްޢަތުގައި އޭނާ އެދޭ ކަންތައްތަކަށް ދުޢާ ކުރާނީއެވެ. ރަވްޟާގައި މިދެރަކްޢަތް ކުރުން އިތުރު ވެގެންވެއެވެ. އެހެނީ ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ “ތިމަންކަލޭގެފާނުގެ ގެ ކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރާއި ދެމެދުގައި ސުވަރުގޭގެ ބަގީޗާއެއްވެއެވެ.” ނަމަވެސް މިކަންކުރުމަށްޓަކައި މީހުންނަށް އުނދަގޫވާ ފަދަ ގޮތަކަށް ބައިބޯކޮށްގެން ނުވާނެއެވެ.

 އެއަށްފަހު ދެންދާނީ ރަސޫލުﷲގެފާނުގެ ޒިޔާރަތްފުޅު ދޮށަށާއި އެކަލޭގެފާނުގެ ދެއަޞްޙާބުންގެ ޒިޔާރަތްދޮށަށެވެ. އެބޭކަލުންނަކީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނެވެ. ރަސޫލާގެ ޒިޔާރަތްފުޅު ކުރިމަތީގައި ހުއްޓި ހުންނާނީ އަދަބުވެރިކަމާ މަޑުމޮޅިކަމާއެކުގައެވެ. އަޑުއުފުލުމެއް ނެތިއެވެ. އެއަށްފަހު އެކަލޭގެފާނަށް ސަލާމް ދަންނަވާނީއެވެ. ސަލާމް ދަންނަވާނީ                                                     ” السَلامُ عَلَيكَ يارَسولَ اللهِ وَرَحْمَةُ اللهِ وَبَرَكاتُه” މިފަދައިންނެވެ.

 އެއަށްފަހު އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ސަލާމް ދަންނަވާނީއެވެ. އެދެބޭކަލުންނަށް ހެޔޮޖަޒާ ދެއްވުމަށާއި ރުއްސުން ލެއްވުމަށް ދުޢާކުރާނީއެވެ.

 ޒިޔާރަތްކުރާ މީހާ ދުޢާ ކުރާއިރު ޒިޔާރަތްފުޅަށް ކުރިމަތިލައިގެން ނުވާނެއެވެ. އެކަމަކު ދުޢާކުރާނީ ޤިބްލައަށް ކުރިމަތިލައިގެން ހުރެއެވެ.

ޤުބާއަށްގޮސް އެތާނގައި ނަމާދުކުރުމަކީ ސުންނަތް ކަމެކެވެ. އަދި އުހުދަށް ދިޔުމަކީވެސް ސުންނަތެކެވެ. އެތާނގައި ރަސޫލާގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނުގެ މަހާނަފުޅަށް ޒިޔާރަތްކުރުން ސުންނަތްވެގެންވެއެވެ. އެކަލޭގެފާނަށާއި އެހެނިހެން ޝަހީދުންނަށް ރުއްސުންލެއްވުމަށް ދުޢަކުރުން ސުންނަތްވެގެންވެއެވެ.

ހަމައެފަދައިން ޤަބުރުސްތާންބަޤީއަށް ޒިޔާރަތްކުރުންވެސް ސުންނަތްވެގެންވެއެވެ. އެއީ މަދީނާގެ ޤަބުރުސްތާނެވެ. އެތަނަށްގޮސް އުޘްމާނުގެފާނާއި ބަޤީޢުގައި ފަސްދާނުލެވިފައިވާ އަޞްޙާބުންނަށް ސަލާމް ދަންނަވާނީއެވެ.

haftha.mv ©