.
28 July 2017
މަޤްބޫލު ޙަބަރު

މިހާރަކަށް މިސްތަކުގައި ގޮނޑީގައި އިށީނދެގެން ނަމާދުކުރާމީހުން ފެނެއެވެ. މި ގޮތަށް ފަރްޟުނަމާދާއި ސުންނަތް ނަމާދުވެސް ކުރެއެވެ. މިކަމުގެ ޙުކުން އެގުމަކީ މުހިއްމު ކަމެއްކަމުުގައި ދެކެމެވެ.

ކުޅަދާނަވެގެންވާމީހާ ފަރްޟުނަމާދަށް ކޮޅަށްހުރުމަކީ ނަމާދުގެ ރުކްނެކެވެ. މީގެ މާނައަކީ ކުޅަދާނަވެގެންވާ މީހާ އިށީނދެގެން ކުރާ ފަރްޟުނަމާދު ޞައްޙައެއްނުވާނެއެވެ. ނަމަވެސް ކޮޅަށްހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހުންނަށް އިށީނދެގެން ނަމާދުކުރުމުގެ ހުއްދަ ޝަރްޢުކުރައްވާފައިވެއެވެ. މިއީ ދީނުގައިވާ ލުއިފަސޭހަކަމެކެވެ. ޢިމްރާން ބިން ޙުޞައިން ވިދާޅުވިއެވެ.

“سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ الرَّجُلِ قَاعِدًا فَقَالَ إِنْ صَلَّى قَائِمًا فَهُوَ أَفْضَلُ وَمَنْ صَلَّى قَاعِدًا فَلَهُ نِصْفُ أَجْرِ الْقَائِمِ وَمَنْ صَلَّى نَائِمًا فَلَهُ نِصْفُ أَجْرِ الْقَاعِدِ” رواه البخارى

“އިށީނދެގެން ނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲގެފާނަށް ސުވާލުދެންނެވީމެވެ. އެހނިދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކޮޅަށްހުރެ ނަމާދުކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އިށީނދެގެން ނަމާދުކުރާ މީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށްް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ. އޮށޯވެ އޮވެ ނަމާދުކުރާމީހާއަށް ލިބޭނީ އިށީނދެ އިނދެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.”

މި ޙަދީޘްފުޅަށް ބައްލަވައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި، ކޮޅަށްހުރުމަށް ނުކުޅެދޭމީހާއަށް ކުޅަދާނަވެގެންވާ ގޮތަކަށް އިށީނދެގެން ނަމާދުކުރެވިދާނެއެވެ.

ނަމަވެސް އިށީނދެގެން ފަރްޟުނަމާދު ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއްވެއެވެ.

1- އިށީނދެގެން ނަމާދުކުރަނީ ރުކޫޢު ނުވަތަ ސަޖިދަ ނުކުރެވޭތީ ކަމުގައިވާނަމަ ނުވަތަ ގިނައިރު ކޮޅަށްހުންނަން ޢުޛްރުވެރިވާތީ ނަމަ ، ޙަރަމްބަންނަތަކްބީރު ކިޔާއިރު ކޮޅަށްހުންނަންޖެހޭނެއެވެ. ކޮޅަށް ހުރުމަށް މުޅިން ނުކުޅެދޭމީހާއަށް ޙަރަމްބަން ތަކްބީރުކިޔާއިރުގައި ވެސް އިށީނދެގެން އިދެވިދާނެއެވެ.

2- ކުޅަދާނަވެގެންވާ މީހާ ޤުރްއާންކިޔަވާއިރުގައިވެސް ( އެބަހީ ޤިޔާމުގައި ) ކޮޅަށް ހުންނަން ޖެހޭނެއެވެ. ކޮޅަށް ހުރުމުގެ ކުޅާނަދާނަކަން ލިބިގެންވާ ޙާލަތުގައި އިށީނދެގެން ޤުރްއާން ކިޔަވައިފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ. ސުންނަތް ނަމާދަށް ބަލާއިރު ކުޅަދާނަކަން ލިބިގެންވާ ޙާލުގައި އިށީނދެގެން ނަމާދުކޮށްފިނަމަ އޭނާއަށް ލިބޭނީ ކޮޅަށްހުރެކުރާ ނަމާދަށް ލިބޭ ސަވާބުގެ ދެބައިކުޅަ އެއްބައެވެ.

3- ގޮޑީގައި އިށީނދެގެން ނަމާދުކުރާއިރު ދެފައި ދަމައިގެން ނުވަތަ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނދެގެންނުވާނެއެވެ. އިށީނދެ އިންނަންވާނީ ދެފައިގެ ބާރުމަތީގައެވެ. ބުރަކަށީގެ ބާރު މައްޗަކު ނޫނެވެ.

4- ރުކޫޢަށާއި ސަޖިދައަށްދާއިރު ގޮނޑި ތެޅިގެންނުވާނެއެވެ.

5- އިށީނދެ އިންނައިރު ގޮނޑީގައި ބާރަށް ލެގިގެންނުވާނެއެވެ. އެހެނީ އޭނާއަށް އިށީނުން ހުއްދަވަނީ ޢުޛްރަކަށްޓަކައެވެ. ލެނގުން ހުއްދަވެގެންނުވެއެވެ. ގޮނޑީގެ ލެގޭބައި ނައްޓައިލުމުން އޭނާ ވެއްޓޭވަރަށް ލެނގިގެން ނަމާދުކޮށްފިނަމަ އެނަމާދު ބާޠިލުވާނެއެވެ.

6- ރުކޫޢަށް ތިރިވާވަރަށް ވުރެ ބޮޑަށް ސަޖިދައަށް ތިރިވުން . ގުދުވެލާމިންވަރުން މި ދެރުކުނުގެ ތަފާތު އެގެންޖެހޭނެއެވެ.

7- ސަޖިދަކުރުމަށްޓަކައި ބޭއްވޭ އެއްޗެއްމަތީގައި ސަޖިދަ ނުޖެހުން.މިސާލަކަށް ގޮނޑިއާއެކު ހަނދާފައިވާ އަތްގަނޑެއްމަތީގައި ސަޖިދަކުރުން ހުއްދައެއްނުވާނެއެވެ. ނުވަތަ ބާލީހެއް ދެފައިމަތީ ބާއްވައިގެން އޭގެ މަތީ ސަޖިދަކުރުން ހުއްދައެއްނުވާނެއެވެ. މަތިންދާބޯޓުގައި ދަތުރު ކުރާ އިރު ކާއެއްޗެއްހި ބަހައްޓާ މޭޒު ތިރިކޮށްގެން އޭގެމަތީ ސަޖިދަ ޖަހާތަން ބައެއްފަހަރަށް ފެނެއެވެ. މިގޮތަށް ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ. އެހެނީ ސަޖިދަޖަހަން ޖެހޭތަނަކީ ބިންމައްޗެވެ.ބިންމަތީގެ ބަދަލުގައި އެހެންތަނެއްގައި ސަޖިދައެއް ނުޖެހޭނެއެވެ. ބިންމަތީގައި ސަޖިދަނުޖެހޭތީ އޭނާއަށް އޮތީ ގުދުވެލުމެވެ. ރުކޫޢަށް ގުދުވެލާ ވަރަށްވުރެ ސަޖިދައަށް ގުދުވެލާ މިންވަރު ބޮޑުކުރަންވާނެއެވެ.

8- އިނށީދެގެން ނަމާދުކުރަނީ ރުކޫޢު ސުޖޫދު ކުރުމަށް ނުކުޅެދޭތީ ކަމުގައިވާނަމަ އޭނާ ނަމާދުކުރަންވާނީ ކޮޅަށްހުރެގެންނެވެ. ރުކޫޢަށް ގުދުވެލައިފާ ތެދުވެ އިޢުތިދާލަށް އަންނާނީއެވެ. އެއަށްފަހު ސަޖިދައަށް ދާންވުމުން ގޮނޑީގައި އިނށީންނާނީއެވެ. ކުޅަދަނަވެގެންވުން މިންވަރު އެގޭނީ ހަމަ އެމީހަކަށެވެ. ދީނުގައި އެއްވެސް ބުރަކަމެއް ނެތެވެ. ކުޅަދާނަވެގެން ނުވާކަމެއް ކުރާކަށް ނާންގަވައެވެ.

9- އިނށިދެގެން ނަމާދުކުރާއިރު ދެއަތްތިލަ ބާއްވާނީ ދެ ކަކޫމަތީގައެވެ. ނަމަވެސް ރުކޫޢާ ސުޖޫދު ވަކިކުރުމަށްޓަކައި ސަޖިދައަށްދާއިރު ދެއަތްތިލަ ބާއްވާނީ މާކަޅުވާމަސްގަނޑާ ދިމާ އިން ކުރިމަތީގައެވެ. ނުވަތަ އެ ދެމަސްކަނޑުގެ ދެފަރާތުގައެވެ.

10- ކޮޅަށްތިބެ ނަމާދުކުރާބައެއްގެ އިމާމަކަށް ނުވުން . އެކަމަކު މުސާރަލިބޭ އިމާމަށް ޢުޛްރުވެރިޙާލުގައި އިނށީދެ އިދެ އިމާމުވެ ނަމާދުކުރުން ހުއްދަވާނެއެވެ.ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިޙާލަތުގައި މައުމޫމުންނަށް ކޮޅަށްވެސް އަދި އިނށީދެގެންވެސް ތިބެވިދާނެއެވެ. ޖަމާޢަތުގައި ނަމާދުކުރާ އެންމެންނަކީ ޢުޛްރުވެރިންކަމުގައވާނަމަ އެމީހުންނަށް ބިންމަތީގައި ނުވަތަ ގޮނޑީގައި އިނށީދެގެން ނަމާދުކުރެވިދާނެއެވެ. މިޙާލަތުގައި އިމާމާއަކީވެސް ޢުޛްރުވެރިއަކަށް ވާތީ އޭނާއަށް ވެސް އިނށީނުން ހުއްދަވާނެއެވެ.

11- ނަމާދު ކުރަނިކޮށް ކޮޅަށްހުރުމަށް ނުކުޅެދުންތެރިވެއްޖެ ނަމަ އިނށީންނާނީއެވެ. އިނށީދެގެން ނަމާދުކުރަނިކޮށް ކޮޅަށްހުރުމަށް ކުޅަދާނަކަން ލިބިއްޖެނަމަ ކޮޅަށްތެދުވާނީއެވެ.

12- މިސްކިތުގައި ނަމާދު ކުރާ އިރު އިށީނުމަށް މާބޮޑު ގޮނޑިއެއް ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ.މިކަމުގެ ސަބަބުން މިސްކިތުން ޖާގަ ގެއްލޭވަރު ބޮޑުވާނެތީއެވެ.

| މަސްދަރު : ފަންވަތް ޑޮޓް އިންފޯ / އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ2009

haftha.mv ©