.
04 August 2017
މަޤްބޫލު ޙަބަރު

 އަޅުގަނޑުމެން އިންސާނުންގެ ދުނިޔަވީ ޙަޔާތުގެ ބާއްޖަވެރިކަމާއި އުޚުރަވީ ޙަޔާތުގެ ކާމިޔާބީ ބިނާވެގެންވަނީ އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. މުރާލިކަމާއި ހީވާގިކަމުގެ ސިފަލިބިގެންވާ ބަޔަކަށްވުމުންނެވެ. މިހެންވެ އިސްލާމްދީނުގައި މުދަލާއި ފައިސާ ހޯދައި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަށް މަސައްކަތްކުރުމަށް ވަކި ގޮތްތަކެއް ހަމަޖައްސަވާފައިވެއެވެ. އަދި އެކަމުގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އިސްލާމްދީނުގައި މީހާ ހިތް އެދޭހާ ގޮތަކަށް މުދަލާއި ފައިސާ ހޯދުމަކީ ހުއްދަކަމެއްނޫނެވެ.

 މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِ‌يقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ  (البقرة 188) މާނައީ: ” އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލްގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެމުދާތައް ޙާކިމުންނަށް ނުދޭށެވެ! “

އިސްލާމްދީނުގައި ވިޔަފާރިކުރާ ހިނދުގައްޔާއި މަސައްކަތުގެ ދާއިރާގެ ތެރޭގައި ޙަލާލު ގޮތްތަކާއި މަގުތައް ޚިޔާރުކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْ‌ضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ  (البقرة 169)  މާނައީ: “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލު ރަނގަޅުތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނުންގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ. (އެހެނީ) ހަމަކަށަވަރުން އެޝައިޠާނާއީ ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ.”

ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގައި ވިޔަފާރިއާ ގަނެވިއްކުން ބިނާވެގެންވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. ތިމާ ކުރާ މަސައްކަތާއި ވިއްކާ މުދަލާއި އަދި ދެވޭ ޚިދުމަތަކީ މާތްﷲ ޙަލާލުކުރައްވާފައިވާ ރަނގަޅު ތަކެތި ކަމުގައިވާންޖެހެއެވެ.

 ރަސޫލުﷲ ޞައްލްﷲ ޢަލައިހި ޙަދީޘްކުރައްވާފައިވެއެވެ. “مَنْ غَشَّنَا فَلَيْسَ مِنَّا ” (رواه مسلم) މާނައީ: ” ތިމަންމެންނަށް (އެބަހީ: މުސްލިމުންނަށް) އޮޅުވާލައި މަކަރު ހަދައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއްނޫނެވެ.”

ވިޔަފާރިކުރާއިރު މުއްދަތު ހަމަވެފައިވާ ކާބޯތަކެއްޗާއި ހަލާކުވެފައިވާ ތަކެތި ވިއްކުމަކީވެސް ޙަރާމު ކަމެކެވެ. އެއްފަހަރަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގެ ބާޒާރަށް ވަޑައިގެންނެވިއިރު މީހަކު ކަދުރުތަކެއް ވިއްކަން ހުއްޓާ ފެނިވަޑައިގެން ތިޔައީ ކޮންކަހަލަ އެއްޗިއްސެއްތޯ ސުވާލުކުރެއްވިއެވެ؟ އެމީހާ ދެންނެވިއެވެ. މީ ހަމަ ރަނގަޅު ކަދުރެވެ. އެމީހާ އެހެން ދެންނެވީމާ ރަސޫލުﷲ z ކަދުރުފުނީގެ ތެރެއަށް އަތްޕުޅުލައްވާފަ ބެއްލެވިއިރު، އަޑިއަށް އަޅާފައިހުރީ ތެމިފައިހުރި ކަދުރެވެ. އޮޅުވާލައި މަކަރު ހެދުމުގެ ގޮތުން މައްޗަށް އަޅާފައިވަނީ ރަނގަޅު ކަދުރެވެ. ދެން ރަސޫލުﷲ z އެމީހާއަށް ޙަދީޘްކުރެއްވިއެވެ. “މަކަރާއި ޙީލަތް ހަދާމީހުންނަކީ އަހަރެމެން މުސްލިމުންގެ ތެރެއިންވާ ބައެއްނޫނެވެ.” (ރަވާހުއްތިރުމިޛީ)

އަދި މުދަލާއި ވިޔަފާރި އިޝްތިހާރުކޮށް، މާރކެޓު ކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަން ޖެހޭނެވެ. މުދާ އިޝްތިހާރު ކުރުމުގެ ނަމުގައި ނިވާކަން ކުޑަ ނުވަތަ ބަރަހަނާކޮށް ތިބޭ އަންހެންކުދިންގެ ފޮޓޯތަކާއި ސޫރަތައް ޢާއްމު ކުރުމަކީ އިސްލާމީ އުޞޫލުތަކާއި ޚިލާފު ކަމެކެވެ.

މުސްލިމުން ވާންޖެހޭނީ އެމީހުންކުރާ ކޮންމެ ކަމެއްގައިވެސް އިސްލާމުދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި ގޮތްތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ތެދުވެރިބަޔަކަށެވެ. ތިމާކުރާ ވިޔަފާރިއާއި މުޢާމަލާތުގެ ބުނާބުނުންތަކާއި ކުރާ މަސައްކަތުގައި ތެދުވެރީންކަމުގައިވުމަށެވެ. މުސްލިމުންނަށް އެމީހުންގެ އީމާންކަން ލާޒިމުކުރަނީ ތެދުވެރިވުމަށެވެ. އަމާނާތްތެރިވެ، އިޚްލާޞްތެރި ވުމަށެވެ. މާތް ނަބިއްޔާ  ޙަދީޘްކުރައްވާފައިވެއެވެ.

 البَيِّعَانِ بِالخَيَارِ مَالم يَتَفَرَّقَانِ فَإن صَدَقَا وَبَيَّنَا بُورِكَ لَهُمَا فِى بَيعِهِمَا وَإن كَذَبَا وَكَتَمَا مُحِقَت بَرَكَة بَيعِهِمَا ” (رواه البخارى) މާނައީ: ” ގަންނަމީހާއާއި ވިއްކާމީހާ ވަކިނުވާހާ ހިނދަކު އެދެމީހުންނަކީ އިޚްތިޔާރު ލިބިގެންވާ ދެމީހުންނެވެ. ގަންނަމީހާއާއި ވިއްކާމީހާ ތެދުބުނެ ވިއްކާއެތީގެ އެއްވެސްކަމެއް ނުފޮރުވާ ރަނގަޅަށް ބަޔާންކޮށްފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތްލައްވާ ހުއްޓެވެ. އަދި ޢައިބުތައްފޮރުވާ އެކަކު އަނެކަކަށް ދޮގުހަދައިފިނަމަ އޭގެ ބަރަކާތްތެރިކަން ކެނޑިގެންދާ ހުއްޓެވެ.”

haftha.mv ©