.
11 August 2017
މަޤްބޫލު ޙަބަރު

ޢުޛްރަކާ ނުލައިވެސް ސުންނަތް ނަމާދު އިށީނދެގެން އިދެ ކުރެވިދާނެއެވެ. “سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ الرَّجُلِ قَاعِدًا فَقَالَ إِنْ صَلَّى قَائِمًا فَهُوَ أَفْضَلُ وَمَنْ صَلَّى قَاعِدًا فَلَهُ نِصْفُ أَجْرِ الْقَائِمِ وَمَنْ صَلَّى نَائِمًا فَلَهُ نِصْفُ أَجْرِ الْقَاعِدِ” رواه البخارى “އިށީނދެގެން ނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲގެފާނަށް ސުވާލުދެންނެވުމުން  އެހނިދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކޮޅަށްހުރެ ނަމާދުކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އިށީނދެގެން ނަމާދުކުރާ މީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށްް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ. އޮށޯވެ އޮވެ ނަމާދުކުރާމީހާއަށް ލިބޭނީ އިށީނދެ އިނދެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.”

މި ޙަދީޘްފުޅަށް ބައްލަވައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި، ކޮޅަށްހުރުމަށް ނުކުޅެދޭމީހާއަށް ކުޅަދާނަވެގެންވާ ގޮތަކަށް އިށީނދެގެން ނަމާދުކުރެވިދާނެއެވެ.

މި ޙަދީޘްފުޅަށް ބަލާއިރު ޢުޛްރެއްނެތި ފަރްޟުނަމާދު އިށީނދެގެން ނުވަތަ އޮށޯވެގެން ކުރުމަކީ އެ ނަމާދު ޞައްޙަވާނެކަމެއްނޫނެވެ. ސުންނަތްނަމާދު އިށީނދެގެން ކުރެވިދާނެއެވެ. ނަމަވެސް އޭނާއަށް ލިބޭނީ ކޮޅަށް ހުރެ ނަމާދުކުރާމީހާ އަށް ލިބޭ ސަވާބުގެ ދެބައިކުޅަ އެއްބައެވެ.

އައްސައްޔިދާ ޙަފްޞާ ވިދާޅުވާ ގޮތުގައި ރަސޫލުﷲ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ އެއްއަހަރު ކުރިން މެނުވީ އިށީނދެވަޑައިގެން އިންނަވާ ސުންނަތް ނަމާދެއް ކުރައްވާފައެއް ނުވެއެވެ. ޙަސަނުލްބަޞްރީ އާ ޙަވާލާދެއްވާ ތިރްމިޛީ ރިވާކުރައްވާގޮތުގައި ސުންނަތްނަމާދު ކުރާމީހާ ބޭނުންނަމަ ކޮޅަށްހުރެގެން، އަދި ބޭނުން ނަމަ އިށީނދެގެން ނުވަތަ އޮށޯވެގެން ނަމާދުކުރެވިދާނެއެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއެވެ. މުވައްޠައު ބުނާގޮތުގައި ސުންނަތްނަމާދު ކުރާ އިރު ރުކޫޢު އަށް ވުރެ ބޮޑަށް ސުޖޫދަށް ބޯ ތިރިކުރަން ވާނެއެވެ.

ބިން ބާޒު ވިދާޅުވާގޮތުގައި ބިންމަތީ އިށީނދެގެން އިނދެ ނަމާދުކުރާ އިރު ރުކޫޢަށްވުރެ ބޮޑަށް ސަޖިދައަށް ތިރިވުން ބޮޑުކުރަން ޖެހޭނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ސަޖިދަކުރާ އިރު ކުޅަދާނަވެގެންވާ މީހާ ސަޖިދަޖަހަންވާނީ ބިންމަތީގައެވެ.

ޢުޛްރަކާ ނުލައި ސުންނަތްނަމާދު އިށީނދެގެން ކުރާމީހާއަށް ލިބޭ ސަވާބު މަދުވާނެކަމަށް ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.އެކަމަކު ޢުޛްރަކާ ލައިގެން އިށީނދެގެން ނަމާދުކުރާމީހާ އަށް ފުރިހަމަ ސަވާބު ލިބޭނެއެވެ.

ރަވާތިބު ސުންނަތް

ރަވާތިބު ސުންނަތަކީ ފަރްޟުނަމާދާ ގުޅިފައިވާ ނަމާދުތަކަކަށް ވާތީ ، ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަވާތިބު ނަމާދުތައް ކުރުން އިތުރުވެގެންވަނީ ކޮޅަށްހުރެގެންނެވެ. ކުޅަދާނަކަން ލިބިގެން ހުރެ ރަވާތިބު ސުންނަތްތައް ކުރާމީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.

haftha.mv ©