.
29 November 2018
މަޤްބޫލު ޙަބަރު

އިސްލާމް ދީން އަބަދުވެސް އަންހެނުންނާއި ފިރިހެނުންނަށް ބާރުއަޅާ އަންގާފައިވަނީ ރީތި އަޚްލާގެއްގެމަތީގައި މަޑުމޮޅިކަމާއި، ތެދުވެރިކަމައި އަމަނާތްތެރިކަމާއި، އިއްފަތްތެރިކަމާއި އެކު އުޅުމަށެވެ. ފަހަރެއްގައިވެސް މީހުންގެ ހިތްތަކުގައި ޝަހުވަތްތެރި ކަމުގެ ރާޅުބާނީ އުފައްދަމުން، ފާޙިޝް ޢަމަލުތަކަށް މަގުފަހު ކުރަމުން، މީހުންގެ ހިތްތައް ކިލަނބު ކުރަމުން ދިޔުމެއް ނޫނެވެ. ނަމަވެސް މި ޒަމާނުގައި ވަރަށް ގިނަފަހަރަށް ބައެއްކުދިން ހައިރާންވެ، ހަތަރު އަނގޮޅި ކަންމަތީގައި ދާނެ ކޮޅެއް ނޭނގިފައި ހުއްޓި ހުންނަ ތަންފެނެއެވެ.

ދީން އޭނާއަށް އަމުރު ކުރަނީ، ޢިއްފަތްތެރި ވުމަށާއި، ހިލޭފިރިހެނުންނަށް ޒީނަތްތެރިކަން ފާޅު ނުކުރުމަށެވެ. ނަމަވެސް އޭނާގެ އަންހެންވަންތަކަމާއި، މުޖްތަމަޢަށް ވަދެފައިވާ އާދަކާދަތައް މަޖްބޫރު ކުރުވަނީ، ޒީނަތްތެރިވުމަށާއި ފަރިކަން ދެއްކުމަށެވެ. ދީން އަންގަނީ ހިލޭ ފިރިހެނުންނާއި ވަކިން އެކަހެރިވެ ނުއުޅުމަށެވެ.

ނަމަވެސް ދިރިއުޅުން މަޖްބޫރު ކުރުވަނީ، ފިރިހެނުން ތިބޭ ތަންތަނަށް ގޮސް އެ މީހުންނާއި ވާހަކަ ދައްކައި ހެދުމަށެވެ. އަދި އަމިއްލަ ނުވަތަ މުޖްތަމަޢްގެ އެކި ކަންކަމުގައި، ޙަރަކާތްތެރިވެ، މީހުންގެތެރެއަށް ނިކުމެ އުޅުމަކީ، ދީނުގައި ހުއްދަ ކަންކަމެވެ. ރަސޫލު ޒަމާނުގައި މީހުން ބާޒާރުގައި ގަނެވިއްކަންވެސް އުޅުނެވެ. ހަނގުރާމައިގައި އެހިތެރިވެ ދީވެސް އުޅުނެވެ. މިސްކިތަށް ނަމާދަށްވެސް ދެއެވެ. މުޖްތަމަޢްގެ ކަންކަމުގައި ބައިވެރިވިއެވެ.

ނަމަވެސް މަގުމައްޗަށް ނިކުމެ އުޅޭއިރު، މީހުންގެ ސަމާލުކަން ދަމައިގަންނަން ގޮތްގޮތަށް ބަނޑިބަނޑި ލައްވަމުން، ހަށިގަނޑުގެ ވަނާތައް ފާޅު ކުރަމުން ހިނގުމަކީ ފަހަރެއްގައިވެސް ހުއްދަކަމެއް ނޫނެވެ. ހިނގަން ވާނީ ތިމާއަކީ ޝަރަފްވެރި، އިޙްތިރާމް ކުރެވޭ ދީންވެރި މީހެއްކަން ދޭހަވާފަދަ ގޮތަކަށެވެ. ބުރުގާ އެޅިއަސް ބަނޑިބަނޑި ލައްވަމުން ހިނގާނަމަ، ބޮލުގައި އޮތް ބުރުގާގެ ބޭނުމެއް ނެތެވެ. ތިމާއަށްވެސް އަދި މުޖްތަމަޢަށްވެސް ބުރުގާ އެޅުމަކުން ވާ ފައިދާއެއް ނެތެވެ.

haftha.mv ©