.
30 November 2018
މަޤްބޫލު ޙަބަރު

ދަތުރުވެރިޔާ ނަމާދު ގަޞްރު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެސުންނަތް ދޫކޮށްލުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުރިހާ ނަމާދު ތަކެއްގައިވެސް ކުރެއްވީ ގަޞްރެވެ. އެކަލޭގެފާނު އެއްވެސް ދަތުރުފުޅެއްގައި އިތްމާމް ކުރެއްވިކަމަށް އެނގޭކަށް ނެތެވެ.

އެހެންނަމަވެސް، ރަށުގައި މުގީމުވެ ހުންނަމީހާގެ މައްޗަށް ޖަމާޢަތުގެ ނަމާދު ވާޖިބުވީފަދައިން، ދަތުރުވެރިޔާގެ މައްޗަށްވެސް ޖަމާޢަތުގެ ނަމާދު ވާޖިބުވެގެންވެއެވެ. އެހެންކަމުން، ގަޞްރުކޮށް ނަމާދުކުރުމަށްޓަކައި ޖަމާޢަތުގެ ނަމާދު ދޫކޮށްލުން ހުއްދަވެގެންނެއް ނުވެއެވެ. އަދިކިއެއްތަ، ޖަމާޢަތުގައި ނަމާދު ކުރާށެވެ. އަދި އޭނާ ނަމާދު ކުރަނީ މުގީމު އިމާމެއްގެ ފަހަތުގައި ކަމަށްވެފައި، އިމާމާ ނަމާދު އިތްމާމްކޮށްފިނަމަ، އޭނާގެ ފަހަތުގައި ނަމާދުކުރަމުންދާ ދަތުރުވެރިޔާގެ މައްޗަށްވެސް ލާޒިމް ވެގެންވަނީ ނަމާދު އިތްމާމް ކުރުމެވެ.

ދަތުރުވެރިޔާ އަށް ނަމާދު ޖަމްޢުކުރުން ހުއްދަވެގެންވެއެވެ. ނަމަވެސް، ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި އިތްމާމް ކުރުމަކީ އުނދަގުލެއްކަމުގައި ނުވަނީނަމަ މޮޅުއިތުރުވެގެންވާ ގޮތަކީ ޖަމްޢު ނުކުރުމެވެ.

އެހެންކަމުން، ދަތުރުވެރިޔާގެ ޙައްގުގައި ގަޞްރު ކުރުމާއި ޖަމްޢު ކުރުމަކީ އެއް ޙުކުމެއް ހިނގާ ދެކަންތަކެއް ނޫނެވެ. ކޮންމެ ދަތުރުވެރިޔަކުވެސް ގަޞްރު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަމަވެސް ޖަމްޢުކުރުމަކީ ސުންނަތެއް ނޫނެވެ. ހުއްދަކަމެކެވެ. މިކަމުގެ ދަލީލަކީ: ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ހުރިހާ ދަތުރުފުޅުތަކެއްގައި ނަމާދު ގަޞްރު ކުރެއްވިއެވެ. ނަމަވެސް ހުރިހާ ފަހަރަކު ޖަމްޢެއް ނުކުރައްވައެވެ. ބައެއް ފަހަރު ޖަމްޢު ކުރެއްވިނަމަވެސް އަނެއްބައިފަހަރު ޖަމްޢު ނުކުރައްވާ ދޫވެސް ކޮށްލައްވައެވެ. މިއިންދޭހަވަނީ ޖަމްޢު ކުރުމަކީ އެހާ ވަރުގަދަ ސުންނަތެއް ނޫންކަމެވެ.

ޚުލާޞާ އަކީ: ދަތުރުވެރިޔާގެ ޙައްގުގައި ބޮޑަށް އެދެވިގެންވަނީ ނަމާދު ގަޞްރުކުރުމެވެ. ނަމަވެސް ނަމާދު ފުރިހަމައަށް ކުރާ އިމާމެއްގެ ފަހަތުގައި ނަމާދުކުރާ ކަމަށްވަނީނަމަ، ދަތުރުވެރިޔާވެސް ނަމާދު ފުރިހަމަ ކުރާނީއެވެ.

ޖަމްޢު ކުރުމުގައި ދަތުރުވެރިޔާ އަށް އިޚްތިޔާރު ލިބިގެންވެއެވެ. ބޭނުންނަމަ ޖަމްޢު ކުރަންވީއެވެ. އަދި ބޭނުން ނެތްނަމަ ޖަމްޢު ނުކޮށް ދޫކޮށްލަންވެސްވީއެވެ. ނޫންނަމަ ބައެއްފަހަރު ޖަމްޢުކޮށްފައި އަނެއްބައިފަހަރު ޖަމްޢުނުކޮށް ދޫކޮށްލަންވީއެވެ. މިއިންކޮންމެ ގޮތަކީ ވެސް ހުއްދަވެގެންވާ ގޮތްތަކެވެ.

| މަސްދަރު: ދިއިސްލާމް-ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީީފް

haftha.mv ©