.
06 December 2018
މަޤްބޫލު ޙަބަރު

ﷲ އިންސާނާ އުފައްދެވިއިރު އިންސާނާގެ ކިބައިގައި، ފަސޭހަ އަވަސް އުފާތައް ހޯދައިގަތުމުގެ ލޯތްބާއި، ދިގު ޙަޔާތަކަށް އުއްމީދުކުރުމާއި، ފައިސާ ޖަމާކުރުމާއި، ޖިންސީ ޝަހުވަތާއި، ރުޅިއާއި، ބަދަލުހިފުމާއި އަނިޔާވެރިވުމަށް ލެނބުން ފަދަ ސިފަތައް ލައްވާފައިވެއެވެ.

އަދި ފާޙިޝް ކަންތައް ޒީނަތްކޮށް، ފާފަތަކަށް އިންސާނުން ހިތްޖައްސުމުގެ ބާރު ޝައިޠާނާއަށް ދެއްވާފައިވެއެވެ. އަދި އިންސާނާގެ ކިބައިގައި ނުބައިކަންތަކަށް އަމުރުކުރާ، ޙަރާމް ކަންތަކަށް އެދޭ، ޝައިޠާނާގެ އެހީ ލިބޭ، ނަފްސެއް ލައްވާފައިވެއެވެ. މީގެ ނަތީޖާއަކީ އިންސާނާ ފާފަކުރުމެވެ. ނުބައިކަންތަކަށް އަރައިގަތުމެވެ. ވީމާ އިންސާނާއަކީ މިފަދަ މަޚްލޫޤަކަށް ވާހިނދު، އޭނާ ފާފަކުރުމުން ލިބޭނެ ޢަޛާބުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟ ނުބައިކަންތަކުން ނުކުންނަ ނަތީޖާއިން ރެކޭނީ ކިހިނެއްހެއްޔެވެ؟

ﷲ ގެ ރަޙްމަތްފުޅުން، ތައުބާވުމުގެ ދޮރު އިންސާނާއަށް ވަނީ ހުޅުވިފައެވެ. އެ ކަލާނގެ އަންގަވާފައިވަނީ، ކޮށްފައިވާ ކޮންމެ ފާފައެއް ވެސް، އެ މީހާގެ ފަތުން ފޮހެވި، އެއީ ނެތް ފާފައެކޭ އެއްފަދަ ކުރެވިދާނެ ކަމަށެވެ. ކިއެއްތަ، އޭނާ ކޮށްފައިވާ ފާފައިގެ ބަދަލުގައި ފަހަރެއްގައި ހެޔޮކަމެއް ޖައްސަވާ ދެއްވާފާނެ ކަމަށެވެ. ވިޔަފާރިވެރިއެއްގެ ފޮތުގައި، ކަލޭ އޭނާއަށް ސަތޭކަ ރުފިޔާއަށް ދަރަނިވެރިވެފައިވާ ކަމަށް ލިޔެވިފައި އޮއްވާ، ދަރަނި މާފުކޮށް ފޮތުން އެ ފޮހެލުމުގެ އިތުރަށް، ކަލެއަށް ދޭންޖެހޭ ފައިސާ ނޯޓުކުރާ ފޮތަށް، ނަން ބަދަލު ކުރާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ:

إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً

ތަފްސީރީ މާނަ: ”މި ޢަޛާބު ލިބޭނީ ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހަކު މެނުވީއެވެ. ފަހެ، ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް، މާތް ﷲ، ބަދަލުކުރައްވާނެތެވެ. މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.” (އަލްފުރްޤާން: 70)

މަރު ކުރިމަތި ނުވާހާ ހިނދަކު، ތައުބާވުމުގެ ދޮރުވަނީ ހުޅުވިފައެވެ. ތެދުވެރި ތައުބާވުމަކުން ތައުބާވެއްޖެނަމަ، ތައުބާ ޤަބޫލުކުރައްވާނެއެވެ. ނަމަވެސް ފުރާނަދާން ކައިރިވެ ނޭވާހޮޅިއަށް އެޅި، ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މަރުގެ ޚަބަރުތައް ހަމަ ލޮލުން ފެނުމުން، ތައުބާ ވިޔަސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެހެނީ ތައުބާއަކީ، އަމިއްލަ އިޚްތިޔާރުގައި ﷲ ގެ މަގަށް އެނބުރި ދިއުމެވެ. މި މީހާ އެނބުރި ދިޔައީ ރުހުމެއް ނެތި މަޖުބޫރުވެގެންނެވެ. ވީމާ، އިޚްތިޔާރު ގެއްލުމަށް ފަހު ވާ އިޤުރާރެއްގެ މަންފާއެއް ނުކުރާނެއެވެ.

ތައުބާވުމުގެ ފުރަތަމަ ޝަރުޠަކީ: ފާފަކުރުން ހުއްޓާލާ، އެ ކަން ދެން ނުކުރަން ޢަޒުމު ކަނޑައެޅުމެވެ. މަގެއް މަތިން ހިނގާފައި ދަނިކޮށް، މީހަކު ކުޑަދޮރު ހުޅުވާލާފައި، ހަޑި ފެން ބާލިދީއެއް ކަލޭ ގަޔަށް އޮއްސާލުމުން އޭނާއާ ދިމާލަށް އެއްޗެހި ގޮވައިގަތީމާ، ފެން އޮއްސުން މަތީ ދެމިހުރެ މާފަށް އެދިއްޖެނަމަ، ނުވަތަ މާދަން ވެސް ފެން އަޅާނަމޭ ބުނެފައި މާފަށް އެދިއްޖެނަމަ، ކަލޭ އޭނާގެ މާފު ޤަބޫލުކުރާނަންހެއްޔެވެ؟!

ތައުބާވުމުގެ ދެވަނަ ޝަރުޠަކީ: ކުރެވުނު ނުބައި ކަމުގެ ބަދަލުގައި ހެޔޮކަން ކުރުމެވެ. ފަސާދަކުރުމުގެ ބަދަލުގައި އިޞްލާހު ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ތައުބާވެއްޖެނަމަ ޢަމަލު ބަދަލުކޮށް، ސުލޫކު ސީދާކުރަން ޖެހޭނެއެވެ.

كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءاً بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

ތަފްސީރީ މާނަ: ”ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ، އެ ކަލާނގެ ދީލަތިފުޅުކަމުން، ރަޙްމަތަކީ، އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމު ކުރައްވާފައިވާ އެއްޗެއް ކަމުގައި ލައްވައިފިއެވެ. މި ގޮތުން، ޖާހިލުކަމުން ފާފަކުރުމަށް ފަހު (އެއީ ޙަރާމް ކަމެއްކަން އެނގިހުރެ ވެސް، ގަސްތުގައި ވިޔަސް އަދި އޮޅިގެން ވިޔަސް ފާފަ ކުރުމަކީ ޖާހިލުކަމުން ކުރާ ކަމެކެވެ. ވީމާ މި އާޔަތުގައި ‘ޖަހާލަތު’ ގެ މުރާދަކީ، ޙަރާމް ކަމެއް ކަން ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅިގެން ކުރުމެއް ވެސް ނޫނެވެ.) ތައުބާވެ ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރެއްޖެނަމަ، ﷲ އޭނާގެ ފާފަ ފުއްސަވާ ދެއްވާނެއެވެ. ފަހެ އެކަލާނގެ އީ، އެކަލާނގެއަށް ތައުބާވާ އަޅުތަކުންގެ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.” (އަލްއަންޢާމް: 54)

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

ތަފްސީރީ މާނަ: ”ފަހެ ވައްކަން ކުރުމަށް ފަހު، ތައުބާވެ އިޞްލާޙުވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ، އެ މީހާގެ މައްޗަށް ތައުބާ ލައްވާނެއެވެ. ހަމަކަށަވަރުން މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.” (އަލްމާއިދާ: 39)

إِلاَّ الَّذِينَ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީ މާނަ: ”މީހުންނަށް ޤަޛްފުކުރުމަށް ފަހު، ތައުބާވެ، އޭނާ ކުރި ތުހުމަތުން އެނބުރި އައިސް، އިޞްލާޙުވެއްޖެ މީހާގެ ފާފަ، ﷲ ފުއްސަވާ ދެއްވާ ރަޙްމަތް ލައްވާ، ތައުބާ ޤަބޫލު ކުރައްވާނެއެވެ.” (އައްނޫރު: 5)

إِلاَّ الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُوْلَئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ

ތަފްސީރީ މާނަ: ”އެބައި މީހުންގެ ތެރެއިން، ކުރި ނުބައިކަންތަކުން ތައުބާވެ، އަދި ފަސާދަކުރި ކަންތައްތައް އިޞްލާޙުކޮށް، ބާވައިލެއްވި ޝަރީޢަތުގެ ތެރެއިން ފޮރުވިކަންތައްތައް ހާމަކުރި މީހުންނަށް، ތިމަން ރަސްކަލާނގެ ތައުބާ ލައްވާނަމެވެ. ފަހެ ތިމަން ރަސްކަލާނގެ އީ، ތައުބާ ލައްވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. (އަލްބަޤަރާ: 160)

ތައުބާވެ އިޞްލާޙުވެއްޖެނަމަ، ކުރަމުން އައި ފާފަ، ހަމަ ޙަޤީޤަތުގައި ވެސް ހުއްޓާލަންޖެހޭނެއެވެ. އަދި އަލުން އެ ފާފަ ނުކުރަން، ތެދު ޢަޒުމެއް ކަނޑައަޅަން ޖެހޭނެއެވެ. ދެން މިގޮތަށް ޢަޒުމު ކަނޑައަޅައިގެން ހުއްޓާ، ނަފްސު ނުހިފެހެއްޓިގެން، ނުވަތަ ހާލަތު މަޖްބޫރުކޮށްގެން، އަނެއްކާ ވެސް އެ ފާފަ ކުރެވިގެން، އަލުން ތައުބާވެއްޖެނަމަ ތައުބާ ޤަބޫލު ކުރެވޭނެއެވެ. ފާފައަށް އެނބުރި ދިއުމާއި ފާފައިން ތައުބާވުން ތަކުރާރުވިކަމުގައި ވިޔަސް މިކަން އޮތީ މި ގޮތަށެވެ. ނަމަވެސް ދެފުށުއެޅޭ ޢަޒުމެއް ކަނޑައަޅިފިނަމަ، ނުވަތަ އެދުން ގަދަވެއްޖެނަމަ ފާފައަށް އެނބުރި އަންނާނަމޭ ހިތުގައި ބާއްވައިފިނަމަ، އެއީ ތެދު ތައުބާއެއް ނޫނެވެ. އަދި ޤަބޫލުކުރެވޭނެ ތައުބާއެއް ވެސް ނޫނެވެ.

ﷲ ގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ، އެ ފާފަ ދޫކޮށް، ފާފަކުރެވުނުކަން މައްޗަށް ހިތާމަކޮށް، އަލުން އެ ފާފަ ނުކުރަން ތެދު ޢަޒުމެއް ކަނޑައެޅުމުން، ތައުބާއަކަށް ފުދެއެވެ. ނަމަވެސް މީސްތަކުންގެ ޙައްޤަށް އަރައިގެންފައި ވާނަމަ މިވަރަކުން ނުފުދޭނެއެވެ. ކަލޭ މީހަކަށް އަނިޔާވެރިވެ، ނުވަތަ މީހެއްގެ ފައިސާ ނުޙައްޤުން ކާލައި، ނުވަތަ މީހެއްގެ ހަށިގަނޑަށް ނުވަތަ އަބުރަށް ގެއްލުމެއްދީ، ނުވަތަ މީހެއްގެ މައްޗަށް ދޮގުހެކިވެރިވެ، ނުވަތަ މީހަކަށް ޣީބަ ބުނެ، ނުވަތަ ކުޓުވައިފިނަމަ، ނުވަތަ ފަޟީޙަތްކޮށްފިނަމަ، މިފަދަ ކަންކަމުން ތައުބާވުމަށްޓަކައި ގެއްލުން ލިބުނު މީހާއަށް އޭނާގެ ޙައްޤު އަދާކުރަންޖެހޭނެއެވެ. ނުވަތަ އޭނާ ކިބައިން މާފު ހޯދަންޖެހޭނެއެވެ. ނުވަތަ ދެން އޮތް ގޮތަކީ، މާތް ﷲ، ޤިޔާމަތް ދުވަހުން ކަލެއާ މެދު އޭނާގެ ހިތް ރުއްސުވައި، ކަލެއަށް ރަޙްމަތް ލެއްވުމެވެ. ނޫންނަމަ، ކަލޭގެ ތައުބާ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ޤިޔާމަތް ދުވަހު، ކަލޭގެ ހެޔޮކަންތަކުގެ ދަރުމައިން ބައެއް، ކަލޭގެ އަނިޔާ ލިބުނު މީހާ އަތުލާނެއެވެ. އޭނާގެ ޙައްޤު އަދާކުރެވޭ ވަރަށް ދަރުމަ ނެތިއްޔާ، ދެން ކަލޭ ޖެހޭނީ އޭނާގެ ފާފައިގެ ސަޒާއިން ބައެއް އުފުލާށެވެ.

ފާފަ ކިތަންމެ ގިނަ ކަމުގައި ވިޔަސް، ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. ވީމާ އެކަކު ވެސް ﷲ ގެ މާފުކުރެއްވުމާމެދު އުއްމީދުކަނޑައިގެން ނުވާނެއެވެ. އެހެނީ ﷲ ގެ މާފުކުރެއްވުމާމެދު އުއްމީދު ކަނޑާލުމަކީ އެންމެ ބޮޑު ފާފައެވެ.

haftha.mv ©