.
07 December 2018
މަޤްބޫލު ޙަބަރު

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވި ވަރަށް މަތިވެރި ޤަދަރުވެރި ބަޔެކެވެ. ފަރްދީ ގޮތުންނާއި، ޖަމާޢީ ގޮތުން، އެބޭކަލުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމަތްކުރުމާއި، ޖެއްސުން ކުރުމުގެ ޢަމަލުތައް ތަފާތު ސިފަސިފައިގައި މެދުނުކެނޑި ކުރަމުންދެއެވެ. އެގޮތުން އެމީހުން ކުރާ ޢަމަލުތަކުގެ ތެރޭގައި، މުޞްޙަފު އެންދުމާއި، މުޞްޙަފަށް އިހާނެތިކޮށް ހިތުމާއި، މުޞްޙަފުގެ އާޔަތްތައް ބަދަލުކޮށްގެން ޝާއިޢު ކުރުމާއި، ރަސުލާ e ގެ ކާޓޫނު ކުރެހުމާއި، ރަސޫލާގެ އަބުރުފުޅަށް އަރައިގަތުމާއި، އެކަލޭގެފާނާ ބެހޭ ޙަޤީޤަތްތައް އޮޅުވައިލައިގެން ފިލްމުތައް ހެދުމާއި ފޮތްތަކާއި މަޒްމޫނުތައް ޝާއިޢުކުރުމާއި، އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ އަބުރުފުޅަށް އަރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކީރިތި ޤުރްއާނުން އެނގޭގޮތުގައި ރަސޫލުބޭކަލުންނަށް ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމަކީ ބޮޑުވެގެންވާ ނުބައި ޢަމަލެކެވެ. އެފަދަ ޢަމަލުތައް ކުރާ މީހުންނަކީ ހިދާޔަތުގެ ނޫރު ކެނޑިފައިވާ، ހިތް ކަޅު، ވިސްނުން ކަނު ބަޔެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.

  وَكَمْ أَرْسَلْنَا مِن نَّبِىٍّۢ فِى ٱلْأَوَّلِينَ وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ  މާނައީ: ” އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ.” ކުރީގެ ރަސޫލު ބޭކަލުންނަށް ފުރައްސާރަކޮށްފައިވާ ކަން އަންގަވައި  މާތް ﷲ ވަޙީ ކުރެއްވިއެވެ.

 وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ  މާނައީ : ” އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ. ” ކީރިތި ރަސޫލާއަށް ގޯނަކުރާ މީހުން ކުށްވެރި ކުރައްވާ މަތް ﷲ ވަޙީ ކުރެއްވިއެވެ.

وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ  قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِاللَّـهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ آمَنُوا مِنكُمْ  وَالَّذِينَ يُؤْذُونَ رَسُولَ اللَّـهِ لَهُمْ عَذَابٌ أَلِيمٌ މާނައީ : ” ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّه އަށް إيمان ވެ ވަޑައިގަނެތެވެ. އަދި مؤمن ންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނަށްވާ رحمة އެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ. ” މި އާޔަތުގައި މާތް ﷲ މިވަނީ ރަސޫލާއަށް ގޯނާ ކުރުން މަނާ ކުރައްވައިފައެވެ.އެ ފަދަ ޢަމަލެއް ކުރާ މީހާއަށް ގަދަވެގެންވާ ޢަޛާބު ދެއްވާނެކަމުގެ އިންޒާރު މި ވަނީ ދެއްވައިފައެވެ.

ރަސޫލައަށް އެއްޗެހި ކިޔާ މީހުންގެ ޙުކްމާ ބެހޭގޮތުން އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ރަސޫލާއަށް އެއްޗެހި ކިޔާ މީހާ މެރުން ހުއްދަވެގެން ވެއެވެ. އިބްނު ޤުދާމާ އަލްމަޤްދިސީ ވިދާޅުވާ ގޮތުގައި ސަމާސާއަކަށް ވިޔަސް ސަމާސާ ކަނޑައިފައިވިޔަސް  ﷲ ތަޢާލާގެ ޛާތުފުޅަށް އެއްޗެހި ގޮވި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ. ﷲގެ މަތިވެރި ޛާތުފުޅަށާއި އެކަލާނގެ ރަސޫލުންނަށް މަލާމަތް ކުރި މީހާގެ ޙުކްމަކީވެސް ހަމަ މި އެވެ. މުޙައްމަދު ބުނު ސަޙްނޫނުލް މާލިކީ ވިދާޅުވިއެވެ. ”  ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މުޙައްމަދުގެފާނަށް އެއްޗެހި ކީ މީހަކީ ކާފިރެކެވެ. އޭނާއަށް ﷲގެ ވަޢީދު ބަސްފުޅާ އެއްގޮތަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ. އެމީހަގެ ޙުކްމަކީ މެރުމެވެ.

މި ޒަމާނުގެ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، ނަބީބޭކަލުން ތަމްސީލުކުރުމަކީ ޙަރާމްކަމެކެވެ. އޯއައިސީގެ އިސްލާމިކް ފިޤްހު އެކަޑަމީގެ އަށްވަނަ ދައުރާގެ 6ވަނަ ޤަރާރާއި،  ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ފަތުވާ ( ނަންބަރު : (1 /712  ބުނާގޮތުގައި ނަބީބޭކަލުން ތަމްސީލު ކުރުމަކީ އެބޭކަލުންނަށް ކުރެވޭ ބޭއިޙްތިރާމެކެވެ. އެއީ އެބޭކަލުންގެ ޤަދަރު ވައްޓައިލުމެކެވެ. އެއީ އެބޭކަލުން ކުޑައިމީސްކުރުމެއްވެސްމެއެވެ. އެބޭލުންނަކީ މީސްތަކުންގެ ހިތްތަކުގައި މަތިވެރި މަޤާމަކާއި ހައިބަތެއް ލިބިވަޑައިގެންފައިވާ ބަޔެއްކަމުން އެބޭކަލުން ތަމްސީލު ކުރުމަކީ އެބޭކަލުންގެ މަތިވެރިކަމަށް އުނިކަން ލިބިގެންދާނެ ކަމެކެވެ. މި ފަތުވާތައް ބުނާގޮތުގައި، ރަސޫލުބޭކަލެއްގެ ޝަޚްޞު ފޮޓޯއަކުން ވިޔަސް، ޙަރަކާތްކުރާ ކާޓޫނަކުން ވިޔަސް ، ޙަރަކާތް ނުކުރާ ކާޓޫނަކުން ވިޔަސް ، ހަށިގަނޑު ހުންނަ ގޮތަށް ވިޔަސް ހަށިގަނޑު ނުހުންނަ ގޮތަށް ވިޔަސް ކުރެހުމާއި ތަމްސީލު ކުރުމަކީ ޝަރްޢީގޮތުން ޙަރާމް ކަމެކެވެ. އަދި އެއްވެސް ބޭނުމަކަށް ޓަކައި މާތް ރަސުލާއާއި އެކަލޭގެފާނުގެ ޞަޙާބީންނާ ބެހޭ އެއްވެސް ބާވަތެއްގެ ފިލްމެއް އެބޭކަލުންގެ ޝަޚްޞުތައް ހާމަކޮށްގެން ކުޅުމަކީ ޖާއިޒު ކަމެއް ނޫނެވެ. އެކަމުގައި ގިނަގުނަ ފާސިދު އެތައް ކަމެއް ހިމެނޭތީއާއި އެކަމުގެ ސަބަބުން އެބޭކަލުންގެ ޠާހިރު ޝަޚްޞިއްޔަތަށް ބޭއިޙްތިރާމް ކުރެވޭތީއެވެ.

ހުޅަނގާއި އިރުމަތީގެ ފިލްމް އިންޑަސްޓްރީތަކުންނާއި ޓީވީ ސްޓޭޝަންތަކުން ތަފާތު މަޤްޞަދުތަކުގައި ރަސޫލުބޭކަލުންގެ ޝަޚްޞު ޖިސްމާނީކޮށްނާއި ތަޞްވީރުކޮށް ވީޑިޔޯތަކާއި އޯޑިޔޯތަކާއި ކާޓޫނު ފިލްމްތަކާއި ޑްރާމާތައް ހަދައިގެން ފަތުރަމުން އަދި ދުރަށްދައްކަމުން ދިޔަނަމަވެސް އަޅުގަނޑުމެން މުސްލިމުން އެ ފަދަ ކަންކަމަށް  ހިތްވަރުދީގެން ނުވާނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ފަތުވާ(ނަންބަރު : (1 /712 ބުނާގޮތުގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާ އެއްފަދައިން ރަސޫލާeގެ އެއްވެސް ޞަޙާބީއެއްގެ ޝަޚްޞުވެސް ފިލްމްތަކުގައި ދެއްކުމަކީ ޙަރާމްކަމެކެވެ. އެކަމުގައި ބޮޑެތި ޞަޙާބީންނާއި ކުދި ޞަޙާބީންގެ ތަފާތެއް ނެތެވެ.އެއީ މިކަމުގެ ސަބަބުން އެބޭކަލުންގެ ހައިބަތާއި ޤަދަރު ވެއްޓިގެން ދާ ކަމެއްކަމުގައި ވާތީއެވެ.އެބޭކަލުންނަށް ރަސޫލާ e ގެ އަރިހުގައި އުޅުއްވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާތީއާއި ރަސޫލާގެ އަރިހުގައި ޖިހާދު ކުރައްވާފައިވާތީއާއި އިސްލާމްދީން ފެތުރުއްވުމުގައި އެބޭކަލުންގެ ދައުރުގެ މަތިވެރިކަމަށް ޓަކައެވެ.

ރަސޫލުބޭކަލުންނާއި ޞަޙާބީންނާ ބެހޭގޮތުން ފިލްމް ހެދުމަކީ އެބޭކަލުންނާ މެދު މީހުންގެ ހިތްތަކުގައި ތަޞައްވުރު ކުރެވިފައިވާ މާތްކަމަށާއި މަތިވެރިކަމަށް ބަދަލު ގެނެސްފާނެ ކަމެކެވެ. އޭނާއަށް މި ފެނުނު މީހަކީ ހަމަ އެބޭކަލެއް ކަމަށް ހީވެ އެ މީހާ ނަކަލު ކުރަން ފަށާފާނެތީއެވެ.

| މަސްދަރު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް – 18 އޮކްޓޯބަރ 2018

haftha.mv ©