މުޙައްމަދު އީމާން
25 January 2019
މަޤްބޫލު ޙަބަރު

މުޅި ދިވެހި ގައުމަށް އުފާފާގަތިކަން އަންނަން އޮތް ހަމައެކަނި މަގަކީ އެހެން މީހުންގެ ހުރި އުނި އައިބުތަކުގެ ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރުނުކޮށް އަމިއްލަ ނަފްސާމެދު ހިޔާލުކުރުމަށް ވަގުތު ހުސްކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ގައުމުތައް އިސްލާހުވާން އޮތީ ނަފުސުތައް އިސްލާހުވެގެންނެވެ.” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ ރާއްޖެއަށް އުފާފާގަތިކަން އަންނަން އޮތީ، މާތްﷲގެ ހައްގުތަކަށާއި އިންސާނުންގެ ހައްގުތަކަށް ރައްކާތެރިވެ، ތިމާގެ ނަފްސުގައި އުނިކަމާއި ހުތުރު އާދަ އެއް ހަރުލައިފައި ހުރެދާނަކަން ގަބޫލުކޮށް އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫއަވެގެން ކަމަށެވެ.

އަދި ދިވެހިންގެ މެދުގައި އެންމެ ގަދަރުވެރިކަން ދެވިފައިވަނީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އިސްލާމްދީނަށް ބަދު ބަހެއް ރައްދުވުމަކަށް އަދި މާތްނަބިއްޔާ އަށާއި އެމާތްނަބިއްޔާެ ސަހާބީންނަށް ބޭއަދަބީ ގޮތަކަސް މުހާތަބު ކުރެވޭކަށްވެސް ދިވެހިން ނޭދޭނެ ކަމަށެވެ.

އަދި އެންމެ ފަހު ނޭވާއަށް ދާންދެން، މި ދީން ހިމާޔަތްކުރުމުގައި ކޮންމެ ދިވެއްސަކުމެ ސާބިތުވެ ހުންނާނެކަން ކަށަވަރު ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ނަމަވެސް ވިދާޅުވީ، ނަފްސާއި މުޖުތަމައު އިސްލާހު ކުރުމުގައި އިސްލާމްދީނުގެ ރިވެތި އަހުލާގާއި އިންސާނީ ކަރާމާތްތެރިކަމާއި މީސްތަކުންގެ އަބުރާއި މުދަލަށް އަރައިގަތުމަކީ އެއްވެސް ހަމައަކުން އިސްލާމްދީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެހެންމެ ގައުމާއި މުޖުތަމައު އިސްލާހުކުރުމުގެ ނަމުގައި ފަރުދުންގެ އަމިއްލަ އަތަށް ގާނޫނީ ބާރުތައް ފިރުކައިލުމަކީ އިސްލާމްދީން ދަންނަ ހަމައެއް ނޫން ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ.

“ފަރުދުންނާއި މުޖުތަމައު އިސްލާހުކުރުމުގައި ރަސޫލާ صلى الله عليه وسلم ގެންގުޅުއްވި މަންހަޖަކީ، ހިކްމަތްތެރިކަމާއި އޯގާތެރިކަމުގެ މަންހަޖެވެ. ފަރުދުންގެ ހަޔާތަށް ހެޔޮ ބަދަލުތައް ގެނެސް ދިނުމުގައި އިސްލާމްދީން ދައްކައި ދީފައިވަނީ ލޯތްބާއި ރަހުމްކުރުމުގެ މަގެވެ،” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އެއްވެސް ގައުމެއް، މުޖުތަމައުއެއް، ރަށެއް އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެން ނުދާނެ ކަމަށާއި ގޯސްވެގެންދަނީ އެ ގައުމަކަށް ނިސްބަތްވާ ނުވަތަ ރަށެއްގައި ދިރިއުޅޭ އިންސާނުން ކޮށްއުޅޭ އަމަލުތަކެއްގެ ސަބަބުން ކަމަށެވެ.

އަދި އެކަންތައްތަކުގެ ނަތީޖާއިން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެނަށް އިހުސާސް ކުރަންޖެހޭ ގޮތްވާ ކަމަށް ވިދާޅުވިއެވެ.

އެހެނީ އިންސާނީ މުޖުތަމައުތައް އިސްލާހުކުރަން ފެށޭ ހިސާބަކީ ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސު ކަމަށާއި އަދި އާއިލާ، މުޖުތަމައުއާއި ގައުމާއި މުޅި ދުނިޔެ އިސްލާހުކުރުން ފެށޭ ހިސާބަކީ ވެސް އެއީ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

އަދި ކޮންމެ އިންސާނެއްގެ ނަފްސު އިސްލާހުގެ މަގަށް އަޅުއްވައިފިނަމަ، އިންސާނީ މުޅި ހަޔާތް އިސްލާހުވީ ކަމަށާއި ނަމަވެސް އެ ނަފްސު އިސްލާހު ނުވެއްޖެނަމަ، މުޖުތަމައުއަށާއި މުޅި ގައުމަށް ނޭދެވޭ އަސަރު ނުކޮށް ނުދާނެކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެނީ މާތް ﷲގެ ވަހީ ބަސްފުޅެއްގައި، “ހަމަކަށަވަރުން ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ﷲ، އެ ބައެއްގެ ހާލަތު ބަދަލެއް ނުކުރައްވަތެވެ،” އޮންނަކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެ އާޔަތުން ބަޔާން ވެގެންވަނީ މި ދުނިޔެ އާއި މި ދުނިޔެ އާރާސްތުކުރުމަށް ދުނިޔޭގައި ލެއްވިހައި އިންސާނުން ހައްދަވާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުގައިކަމަށެވެ.

އަދި މިދުނިޔޭގައި ލެއްވިގެންވާ ރަނގަޅު ކަންތައް ބަދަލުވެގެން ދަނީ އިންސާނުންގެ އަމަލުތަކުން ކަމަށް އެ އާޔަތުން ބަޔާންވެގެންވާ ކަމަށެވެ.

“މާތްﷲ ގައުމަކަށް އަމާންކަމާއި ތިޔާގިކަމާއި މިނިވަންކަމާއި އިއްޒަތް ދެއްވުމަށްފަހު އެކަންކަން އެ ގައުމެއްގެ ކިބައިން ގެންދަވާނީ، އެގައުމެއްގެ ފަރުދުން، އެ ނިއުމަތްތަކަށް ފުރަގަސްދީ ﷲއަށް އުރެދުމުންނެވެ. އެ ހިނދު އަމާންކަން ބިރުވެރިކަމަށް، ތިޔާގިކަން ފަގީރުކަމަށް، މިނިވަންކަން އަޅުވެތިކަމަށް، އިއްޒަތްތެރިކަން ނިކަމެތިކަމަށް، ބަދަލުވެ ހިނގައިދެއެވެ.” ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި މުޖުތަމައުން ފެންނަމުން މިދާ މަންޒަރުތަކަކީ އަހަރެމެންގެ ދީނާއި އެ ދީނުގެ ރީތި އާދަކާދަތަކާއި ކިހާ އެއްގޮތް ކަންތައްތަކެއްތޯ ނުވަތަ ކިހާ އިދިކޮޅު ކަންތައްތަކެއްތޯ ވިސްނާލުމަށް ހުތުބާގައި ގޮވާލައްވާފައިވެއެވެ.

ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގެ ރިވެތި ސުލޫކާއި އަހުލާގީ މާތް ސިފަތައް އަހަރެމެންގެ އަމަލީ މައިދާނުން ފެންނަމުން ދަނީ ކިހައި ވަރަކަށްތޯ ވިސްނުން ހިންގައި ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި އުނިކަމެއް ހުރިނަމަ، އެކަމެއް އިސްލާހުކުރުމަށް މަސައްކަތްކުރުމަކީ ދީނާއި ގައުމުގެ ހައްގުގައި ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި އިސްލާމްދީނުގެ ޝަރީއަތުގައިވާ މަގުސަދުތަކާއި އެއްގޮަތަށް އަމަލުތަކާއި ގުޅުންތައް ބެހެއްޓުމަކީ ނަފްސުގެ އިސްލާހަށާއި މުޖުތަމައުގެ ސުލްހައަށްޓަކާ ކޮންމެ ފަރުދަކު އަދާކުރަންޖެހިފައިވާ ދީނީ ވާޖިބެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

haftha.mv ©