.
01 February 2019
މަޤްބޫލު ޙަބަރު

އިސްލާމް ދީނުގެ އިޤްތިޞާދީ ނިޒާމް ބިނާވެފައި އޮންނަ އެއް އުސޫލަކީ، ރިބާ އާ ހަނގުރާމަ ކުރުމެވެ. އަދި ރިބާ އަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، މުޖްތަމާޢާ ފަރުދުންގެ ކިބައިން ބަރަކާތް ކެނޑޭ، ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން ކުރިމަތި ވާ، ކަމެކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަން ދެނެގަންނަން، ތިބާ ބަޤަރާ ސޫރަތުގެ މި އާޔަތްތައް ކިޔާލުމުން ފުދޭނެއެވެ.

ޒިނޭ ކުރުން، ވައްކަން ކުރުން، ރާބުއިމަށް ނުދެއްވާހާ ވަރުގަދަ އިންޒާރު، ރިބާ ކާ މީހުންނަށް ޤުރުއާނުގައި، އެބަ ވެއެވެ. އެންމެ ފުރަތަމަ މި ވަނީ ރިބާ(ސޫދު) ކެއުމުގެ ނުބައިކަން ސިފަ ކުރައްވާފައި ވާ އާޔަތެކެވެ. އަދި އެ މީހުންނަށް ހުރި ޢަޛާބުގެ ވާހަކައެވެ. ޤިޔާމަތް ދުވަހު ރިބާ ކާ މީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ :

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

މާނަ: ”ސޫދު(ރިބާ) ކާ މީހަކަށް، ޝައިޠާނާގެ ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބުނެ އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަ ގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް، ﷲ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތް ﷲ މިކަމުގެ މައްޗަށް ގަދަ ނަޞޭޙަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ. އަދި އެ މީހާގެ މައްޗަށް އާޚިރަތުގައި ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ. ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެ މީހުން ދެމި ތިބޭނެތެވެ. ” (ބަޤަރާ :275)

ޖެހިގެން އޮތް އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. 

يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ

މާނައަކީ : ”ސޫދު(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަޙްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު ދެކެ ލޯބިވެވޮޑި ނުގަންނަވަތެވެ.”(ބަޤަރާ :276)

ދެން 278 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ

މާނައަކީ : ”އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ މުޅިން ދޫކޮށްލާ ހުށިކަމެވެ.”

ދެން 279 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ، ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެއްވިއްޖެ ކަމަށެވެ. އިންސާނެއްގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ހިތެއް އޮތް ކޮންމެ އިންސާނަކުވެސް ބިރުން ފިއްކަނޑައިގެން ދާން ޖެހޭ ވަރުގެ ކަމެކެވެ. فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ

މާނައަކީ: ”މިކަން މިހެން ނުކޮށްފިނަމަ، ދެން ކަލޭމެންގެ މައްޗަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން، ހަނގުރާމަ އިޢްލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަ ހުށިކަމެވެ. ނަމަވެސް ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް، ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި ނުވާހުށިކަމެވެ. އަދި ކަލޭމެންނަށް ވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ ކަމެއް ކުރެވިގެން ނުމެވާހުށި ކަމެވެ.”

އައްސަރްޚަސީ ވިދާޅުވެފައި ވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތް ﷲ ބަޔާން ކުރައްވާފައި ވާ ކަމަށެވެ. ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިޠާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.

މަސްދަރު | ” ކަވާސާ” އިސްމާޢީލް ނާޖީ 2006

haftha.mv ©