މުޙައްމަދު އީމާން
08 February 2019
މަޤްބޫލު ޙަބަރު

މުޖުތަމައުގެ އެންމެހައި އަފްރާދުންގެ ސަލާމަތާއި ރައްކާޓެރިކަމަށްޓަކާ ހެދިފައިވަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށާއި އެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ، އެކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން”ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފްސުގެ ދަރަޖަ ވަރަށް މަތިވެރި ކަމަށާއި އިންސާނާގެ ނަފްސު ރައްކާތެރި ކުރުމަށް ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބާރު އަޅުއްވާފައިވެއެވެ.

“އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަހީމު ވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ،” އިންސާނާގެ ނަފްސު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ހުރިހާ ކަމަކުން ރައްކާތެރިވުމަށް އަންގަވައި މާތްﷲ ވަނީ ކުރައްވާފައިވެއެވެ.

އަދި އިންސާނާ އޭނާގެ ނަފްސު އެއްވެސް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުން ނަހީކުރައްވާ ﷲ ތައާލާ ވަހީ  ކުރައްވާފައިވާ މާނައިގައިވެއެވެ. “އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ.”

ނަމަވެސް ސަލާމަތުގެ ސަބަބުތަކާ މެދު ވަރަށް ގިނަ ބަޔަކު އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ފަހަކަށް އައިސް ގޯތި ގެދޮރު އިމާރާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސބަަބުން ވެއްޓޭ ތަކެތިން ޖެހި، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ލިބި ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާކަމަށް ވެސް ވިދާޅުވިއެވެ.

އަދި އިމާރާތްކުރުމުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އަލިފާން ނިއްވާ ވަސީލަތްތަކާއި ކަރަންޓާއި ފެނާއި ގޭހާއި އަދި މިނޫންވެސް ވަސީލަތްތަކަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމުގައި ހަދަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރުމާއި މޫދަށް އެރި އުޅުމާއި ފީނާ އުޅުމުގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ރައްކާތެރިވާންޖެހޭނެ ކަމަށާއި މިފަދަ ކަންކަމުގައި އެއްވެސް ފަރުދަކު އިހުމާލުވެއްޖެނަމަ އޭގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކާ މެދު ސަމާލުވާންޖެހޭނެ ކަމަށް ވެސް ހުތުބާގައި ވިދާޅުވެ ނަސޭހަތްތެރިވެފައިވެއެވެ.

“ޝައްކައް ނެތް ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މަރާލުމުގައި އޭނާ ބައިވެރިއްޖެކަން ކަށަވަރެވެ،” ޓްރެފިކް ގަވާއިދާ ހިލާފަށް ބާރު ސްޕީޑެއްގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓުވެ، މަރުވާ މީހެއްގެ ހުކުމާބެހޭ ގޮތުން  ބެހޭގޮތުން ސަމާހަތުއްޝައިހު އަލްއައްލާމާ އިބްނު ބާޒުއާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އިންސާނާގެ ދުނިޔަވީ ކަންތައްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ އުހުރަވީ ސަލާމަތާއި ރައްކާތެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

އެގޮތުން އިސްލާމްދީނުގައި އިންސާނާގެ ހަޔާތަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށާއި ޝަރީއަތުގެ އެންމެހައި ހުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަހަތުތައް ރައްކާތެރިކޮށް، ނަފްސު ހިމާޔަތްކޮށް، ދެދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖަވެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

މި ކާއިނާތުގައި ހިނގާ ކޮންމެ ކަމެއް ހިނގަނީ މާތް ﷲގެ ކަށަކުޅަދުންވަންތަކަމުން ކަމަށާއި އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، މާތް ﷲ އިރާދަ ކުރައްވާނަމަ އަޅާ ޤަސްދު ކުރާ ގޮތާ އިދިކޮޅަށް ވެސް ކަންތައް ބަދަލުވެދާނެ ކަމަށާއި އެއީ އަޅުތަކުން އެދޭ ގޮތުގެ މައްޗަށް އެކަލާނގެ އިރާދަފުޅު އިސްވެގެންވާތީ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ގަޟާގަދަރަށް އީމާންވެ، ސަލާމަތީ ވަސީލަތްތަކުގައި ހިފައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ﷲއަށް ވަކީލުކޮށް، އެކަމެއްގައި ކުރިއަށް ދިއުމުގެ މަތިވެރި ފިލާވަޅު މާތް ނަބިއްޔާ ހިޖުރަކުއްވައި މަދީނާއަށް ވަޑައިގަތް ދަތުފުޅުން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

haftha.mv ©