.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކީރިތި ޤުރުއާނުގައިވާ މައްކީ އަދި މަދަނީ ސޫރަތްތަކާމެދު ވިސްނައިފި މީހަކަށް ހާމަވެގެންދާނީ، އިސްލާމް ދީނަކީ ދަޢްވަތު ދިނުމާއި މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ދީނެއްކަމެވެ. ފަހަރެއްގައިވެސް މަޖްބޫރުކުރުމާއި ގަދަކަމުން ދީނަށް ވައްދާ ދީނެއް ނޫންކަމެވެ. ރަސޫލުބޭކަލުންގެ ސިއްކަޖެއްސެވި ނަބިއްޔާ، މުޙައްމަދުގެފާނާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މުޚާޠަބްކުރައްވާ އެކަލާނގެ ވަޙީކުރައްވަނީ:

قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ”ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. “ (ޔޫސުފް: 108)

ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުރައްސަވައިދެއްވި، މަގަކީ މިއީއެވެ. އަލިވެގެންވާ ދަލީލާއެކު ދީނަށް ގޮވާލެއްވުމެވެ. މިގޮތަކީ ހަމައެކަނި އެކަލޭގެފާނުގެ ގޮތެއްވެސް ނޫނެވެ. އެކަލޭގެފާނަށް ތަބާވި މީހުންގެ ގޮތަކީވެސް އެއީއެވެ.

އަދި ނަޙްލު ސޫރަތުގައި އެކަލާނގެ ވަޙީކުރައްވަނީ: ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ ”حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި އެންމެ ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ!“ (ނަޙްލު:125)

މިއީ ކީރިތި ރަސޫލާއާއި، އަދި އެކަލޭގެފާނަށް ފަހު މުޅި އުއްމަތާވެސް ކުރައްވާފައިވާ މުޚާޠަބް ބަސްފުޅެކެވެ. މި އާޔަތުގައި މިވަނީ ދީނަށް ދަޢްވަތުދިނުމުގެ މަންހަޖެވެ. އެއީ މީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޙިކުމަތްތެރިކަމާއި، މީހުންގެ ރުހުންލިބޭފަދަ ރިވެތި ގޮތްތަކުން ދޭ ދަޢްވަތެކެވެ. އާދަވެގެން މިގޮތަށް ދަޢްވަތުދޭނީ، ދަޢްވަތާ އެއްބަސްވާ މީހުންނާއެވެ. ދެން ދަޢްވަތާ ޚިލާފުވާ މީހުންނާމެދު އޮތް ގޮތަކީ، ވީ އެންމެ ރިވެތި ގޮތަކަށް ދަޢްވަތުދިނުމެވެ.

މާއިދާ ސޫރަތުގައި، އެއީ މަދަނީ ސޫރަތެއް، މާތް ﷲ ވަޙީކުރައްވާފައިވަނީ: يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ  ”އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. “ (މާއިދާ:67)

އަދިވެސް ވަޙީކުރެއްވީ: وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ”ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.“

މައްކީ ދައުރުއްސުރެ ފެށިގެންވެސް، ޤުރުއާން ކަށަވަރުކޮށްދެނީ އިސްލާމްދީނަކީ ޢާލަމީ ދަޢްވަތެއްކަމެވެ. އެއީ މީސްތަކުންގެ ތެރެއިން ޢަރަބިން ފަދަ ވަކި ޖިންސަކަށް، ޢަރަބި ޖަޒީރާފަދަ ވަކި ތަނަކަށް، ނުވަތަ މެދުއިރުމައްޗަށް ނުވަތަ ވަކިކުލައެއްގެ ބަޔަކަށް ނުވަތަ ވަކިބަހަކުން ވާހަކަދައްކާ ބައެއްގެ ގާތަށް ނުވަތަ މުޖްތަމަޢުގެ ވަކި ގިންތިއަކަށް، ފޮނުއްވުނު ދީނެއް ނޫނެވެ. ކިއެއްތަ، އެއީ ކޮންމެ ކުލައެއްގައި ތިއްބަސް، ކޮންމެ ތަނެއްގައި އުޅުނަސް، ޢަރަބި ބަހުން ވަޙީ ބާވައިލެއްވިޔކަމުގައި ވިޔަސް، ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް،  ބިމުގެ އަހުލުވެރިންނަށް، އެންމެންނަށް، ދެވުނު ދަޢްވަތެކެވެ. ފޮނުއްވުނު ދީނެކެވެ.

 وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ “ އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. “ (އަންބިޔާ:107)

 تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا “ عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ. “ (ފުރުޤާން:1)

قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا ”ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. “ (އަޢްރާފް:158)

އުޑަށް ނިސްބަތްކުރެވޭ، މިސާލަކަށް ތައުރާތާއި އިންޖީލުފަދަ ފޮތްތަކުން މިފަދައިން ޢާލަމިއްޔަތު އިޢްލާންކޮށްފައިވަނިކޮށް ނުފެނެއެވެ. ކިއެއްތަ، މޫސާގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. ޢީސާގެފާނު އިންޖީލުގައި ވިދާޅުވެފައިވަނީ: ”ތިމަންކަލޭގެފާނު ފޮނުއްވުނުކަން ކަށަވަރީ، ބަނީއިސްރާއީލުގެ މަގުފުރެދިފައިވާ ކަންބަޅިތައް ގާތަށެވެ.“

އިސްލާމްދީނުގެ ރަސޫލާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ހަދީޘްކުރެއްވީ ހުރިހާ އުއްމަތްތަކެއްގެ ގާތަށް ފޮނުއްވުނުކަމީ، އެކަލޭގެފާނުގެ ޚާއްޞަ ސިފައެއްކަމަށެވެ. ”ކުރިން ކޮންމެ ރަސޫލެއްވެސް ފޮނުއްވެނީ، އެބޭކަލެއްގެ ޤައުމުގެ މީހުންގެ ގާތަށެވެ. ނަމަވެސް ތިމަންކަލޭގެފާނުގެ ފޮނުއްވުނީ، އެންމެހާ މިސްތަކުންގެ ގާތަށެވެ.“

haftha.mv 2004 ©