މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

އިސްލާމްދީނުގައި ވަކި ހާއްސަ އިބާރާތެއް ކަނޑައެޅިފައިވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އެހެން އިބާރާތްތައް ބޭނުންކުރުމަކީ ﷲގެ ރަހުމަތް ބޮލާލާ ޖެހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްެޖެއެވެ.

”ސަލާމްގެ އާދަ ފެތުރުމުގެ ބޭނުންތެރިކަން“ މި މައުޟޫގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު އިސްލާމްދީނުގެ ސަލާމުން ސަލާމް ކުރުމަކީ ނުހަނު ގިނަ ދަރުމައާއި ޡަވާބުހުރި ކަމެއް ކަމަށެވެ. އަދި އެކަމަށް ކީރިތި ޤުރުއާނުގައާއި ކީރިތި ރަސޫލާ ގެ ސުންނަތުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައި ހިތްވަރު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އަމިއްލަ ގެއަށް ވަންނައިރު ވެސް ސަލާމް ގޮވާލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ތިމާ ދިރިއުޅޭ ގެ ނޫން އެހެން ގެއަކަށް ވަންނަ ހިނދު ކަންތައް ކުރަންވީ ގޮތް ބަޔާންކުރައްވައި ﷲ ތައާލާ ވަހީކުރައްވާފައިވެއެވެ.

”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިނިްނަށް ސަލާމްކޮށް، އިޒުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ،“

ހުތުބާގައި ކިޔަވާ ކުދިންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ސްކޫލް ތެރޭގައި އުޅޭއިރު އެކަކު އަނެކަކަށް ސަލާމް ކުރުމަށް އާދަކުރަންޖެހޭ ކަމަށާއި މުދައްރިސު ކުލާހަށް ވަނުމަށްފަހު ސަލާމް ގޮވައިލުމުން ސަލާމުގެ ޖަވާބު ދިނުމަކީ ދަރިވަރުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް ސަލާމްކުރުމަށް ދީނުގައި ވަކި ހާއްސަ އިބާރާތެއް ކަނޑައެޅިފައިވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އޭގެ ބަދަލުގައި ”ހަލޯ“، ”ހާއި“ ނުވަތަ ހަމައެކަނި ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތް ކޮށްލުމަކީ ﷲގެ ރަހުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވަނީ، ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް ވުމަށާއި ފޯނުކުރުމާއި މީސްމީޑިއާގެ ވަސީލަތްތަކުން އެކަކު އަނެކަކާ މުއާމަލާތްކުރުމުގައި ވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކުރުމަށް ނަސޭހަތްތެރިވެފައެވެ.

haftha.mv 2004 ©