މުޙައްމަދު އިބްރާހިމް
15 March 2019
މަޤްބޫލު ޙަބަރު

ނުބައި ކަންކަމަށް ހިތްވަރުދޭ މީހުންނާ އެކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ ބައެއްގެ މައްޗަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ބަދު އަހްލާގީ އަމަލުތަކަށް ގޮވާލުމާއި ފެތުރުމުގެ ނުބައިކަން” ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިއްފަތްތެރި އަބުރުވެރި މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމީ މުޖުތަމައުގެ އަފުރާދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ނަމަވެސް އިސްލާމީ ގައުމެއްގައި ހުރުން އެކަށީގެންނުވާ ކިތަންމެކަމެއް މިއަދު ދިވެހި އިސްލާމީ މުޖުތަމައުގައި ފެތުރެމުންދާކަމަށާއި އެފަދަ ނުބައި ކަންކަމަށް ގޮވާލުމަކީ އިންސާނުންގެ ފިތުރަތާއި ޝަރީއަތުގެ ހުކުމްތަކާ ދެކޮޅަށް ނުކުމެ، ހިންގޭ ނުބައި ޖަރީމާއެއްކަމުގައި މެނުވީ ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“ނުބައި ކަންކަމަށް ހިތްވަރުދީ، ލަފާދީ، ބާރުއަޅައިއުޅޭ މީހުންނާ އެކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ ބައެއްގެ މައްޗަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ،” ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން މުސްލިމުންގެ ތެރޭގައި ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ބަޔާން ކުރައްވާ ﷲ ތައާލާ ވަހީ ކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކަ އާއި އަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާހިރަތް ގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނެނގޭތެވެ،”

މީގެ އިތުރުން ގައުމެއްގައި ފާހިޝް އަމަލުތައް ފެތުރިއްޖެނަމަ ތާއޫނު ބައްޔާއި ކުރިން އެ ބަޔަކު ނުވެސް ދަންނަ ބާވަތް ބާވަތުގެ ބަލިތައް ފެތުރިދާނެކަން ބަޔާން ކުރައްވާ ރަސޫލާ  صلى الله عليه وسلم  ހަދީޡް ކުރައްވާފައިވެއެވެ.

“ބަޔަކު މީހުންގެ ތެރޭގައި ފާހިޝް ކަންތައް ފެތުރި އެ މީހުން ފާޅުގައި އެ ކަމަށް ގޮވާލައި ހިސާބަށް ހިނގައްޖެނަމަ އެބައެއްގެ ތެރެއަށް ތާއޫނު ބައްޔާއި ކުރިން އުޅުނު މީސްތަކުންގެ ތެރޭގައި ފެތުރިފައިވާ ނުބާ ބަލިމަޑުކަން ފެތުރިދާނެކަން ކަށަވަރެވެ،”

ފާހިޝް ކަންކަމަށް ހިތްވަރުދީ އެކަމަށް ގޮވާލާ މީހުންނަށް ވެސް ތައުބާގެ ދޮރު ﷲ ހުޅުއްވައި ދެއްވާފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެފަދަ ކަންކަމުގެ ތެރެއަށް އަރަގުވެތިބެ، ތައުބާނުވެ ﷲގެ މަތިން ހަނދާންނެތި ކޮށްލައިތިބެ އުމުރުން ދުވަސްވުމުން ތައުބާ ވާނެމޭ ބުނެ ތިއްބާ މަރުވާ މީހުންގެ ތައުބާ ގަބޫލުނުކުރައްވާނެ ކަމަށެވެ.

ކަންމިހެން އޮތުމާއެކު ފާހިޝް އަމަލުތަކަށް އަރައިގަނެފައިވާ މީހުން ތައުބާވުމަށް އަވަސްވުން ލާޒިމްވެގެންވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©