.
20 March 2019
މަޤްބޫލު ޙަބަރު

ގައިގައި ޓެޓޫ (ކައްޓަކުން ހަމުގެ ތެރެއަށް ކުލަ ދުއްވައިގެން އެކި މަންޒަރު ސިފަވާގޮތަށް ކުރަހާ ކުރެހުން) ޖެހުމާއި ދަތް ކެނޑުމަކީ، ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅާ ދިއުންކަމުގައި ބެލެވޭ ދެކަމެވެ.

لَعَنَ الرَّسُولُ عَلَيْهِ الصَّلاةُ وَالْسَّلامُ الوَاشِمَةَ وَالْمُسْتَوشِمَةَ، وَالوَاشِرَةَ وَالْمُسْتَوْشِرَةَ
ޙަދީޘުގެ މާނަ: “ޓެޓޫ ޖަހައިދޭ މީހާއާއި ޓެޓޫ ޖައްސުވާ މީހާއާއި، ދަތް ކަނޑައިދޭ މީހާއާއި ދަތް ކަނޑުވާ މީހާއަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.”

ޓެޓޫޖެހުމަށް ބަލާއިރު، ޒާތެއްގެ ނޫކުލައަކުން މީހާގެ މޫނާއި އަތްފަދަ ތަންތާގައި ޓެޓޫޖަހައި ފާޑުފާޑުގެ ކުރެހުންތައް ކުރެހުމުގެ ސަބަބުން، މި ގުނަވަންތަކުގެ ރީތިކަމާއި ޠަބީޢީކަން ދާއިމަށް ގެއްލިގެންދެއެވެ. ކުރީގެ ބައެއް ޢަރަބިން ވަކިން ޚާއްޞަކޮށް އަންހެނުން- މުޅި ހަށިގަނޑުގައިވެސް ޓެޓޫޖަހައި ކުރަހައި އުޅުނެވެ. އަދި ބައެއް ދީންތަކުގެ މީހުން އެމީހުން އަޅުކަންކުރާ އެއްޗެއްސާއި ދީނީ ޝިޢާރުތައް، އަތާއި މޭމަތިފަދަ ތަންތާގައި ޓެޓޫގެ ސިފައިގައި ޖަހައެވެ.

އަދި މިހުރިހާ ނުރަނގަޅު ކަންތައްތަކުގެ އިތުރުން، ޓެޓޫޖެހުމަކީ އެ ކަށިތައް ގަޔަށް ހެރުމުގެ ސަބަބުން އެތަކެއް ބޮޑު ވޭނަކާއި ގެއްލުން ހަށިގަނޑަށް ލިބޭ ކަމެކެވެ. ވީމާ ޓެޓޫޖެހުމަކީ މިފަދަ ގެއްލުންތަކާއި ފަސާދަ ހިމެނޭ ކަމަކަށް ވާތީ، މިކަންކޮށްދޭ މީހާއާއި މިކަންކުރުވާ މީހާއަށް ލަޢްނަތް ލިބޭ ބަޔަކަށް ވީއެވެ.

ދަތްކެނޑުމަކީ ނުވަތަ ދަތް ބުރިކުރުމަކީ ވެސް، ދަތްބުރިކޮށްދޭ މީހާއާއި، ދަތްބުރިކުރުވާ މީހާއަކީވެސް ލަޢްނަތް ލިބޭ ބައެއްކަން، ކީރިތި ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވެއެވެ. މިކަންތައްތައް ޙަރާމްވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް މިކަން ޙަރާމެވެ. ކިއެއްތަ، މިކަމުން ފިރިހެނުންނަށް ލަޢްނަތް ލިބުން އައުލާކަން ބޮޑެވެ.

ކީރިތި ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ދަތްބުރިކުރުން ޙަރާމްކުރެއްވިފަދައިން، ރީތިކަން ދެއްކުމުގެ ގޮތުން ދެދަތް ދުރުކުރުންވެސް ޙަރާމްކުރައްވާ، އެކަން ކުރާ މީހުންނަށް ލަޢްނަތް ހުރިކަން އަންގަވާފައެވެ.

لَعَنَ الْمُتَفَلِّجَاتِ ‏ ‏لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ
ޙަދީޘުގެމާނަ: “އަދި ރީތިވުމުގެ ގޮތުން ދަތްތައް ދުރުކޮށް، ﷲ ހެއްދެވިގޮތް ބަދަލުކުރާ މީހުންނަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ.”

ބައެއް އަންހެނުންނަކީ، މާތް ﷲ ހެއްދެވިއިރު، މިގޮތަށް ދެ ދަތް ދޭތެރެ ދުރުކޮށް ހައްދަވާފައިވާ ބައެކެވެ. އަދި އަނެއްބައި އަންހެނުންނަކީ މިސިފަ ލިބިގެންވާ ބައެއް ނޫނެވެ. މިހެންވެ މިފަދަ ބައެއް މީހުން، އުފެދުމުގައި ހިމުން ދަތްތައް، ދަތްދުރުކޮށްދޭ މީހުން ނުވަތަ ޑޮކްޓަރުންގެ އެހީގައި ދުރުކުރުވައެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިކަމަކީ އޭނާގެ ކިބައިގައި ނެތް ރީތިކަމެއް ދައްކަން ހެދޭ މަކަރެކެވެ. އޮޅުވާލުމެކެވެ. އަދި ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އަދި މިއީ އިސްލާމްދީން އެއާ ދެކޮޅުހަދާ ކަންކަމެވެ.

މި ޞައްޙަ ޙަދީޘްތަކުގެ އަލީގައި، މި ޒަމާނުގައި މިކިޔާ ޕްލާސްޓިކު ސާޖަރީގެ ޙުކުމަކީ ކޮބައިކަން އަހަރެމެންނަށް އެނގިގެންދާނެއެވެ. ރީތިވުމުގެ ބޭނުމުގައި ކުރެވޭ ޕްލާސްޓިކު ސާޖަރީއަކީ، މި ޒަމާނުގެ ހުޅަނގުގެ މާއްދީ ޙަޟާރަތް، ހަށިގަނޑާއި ޝަހުވަތުގެ ޙަޟާރަތް، ގޮވާލާ އިޝްތިހާރުކުރާ ކަމެކެވެ.

މިގޮތުން އަންހެނުންނާއި ފިރިހެނުން، ނޭފަތާއި އުރަމައްޗާއި އަދި މިނޫންވެސް ގުނަވަންތަކުގެ ބައްޓަމާއި ސިފަ ބަދަލުކުރަން، އެތަކެއް ސަތޭކަ އަދި އެތަކެއް ހާސް ރުފިޔާ ހޭދަކުރެއެވެ. މިގޮތަށް ރީތިވުމުގެ ބޭނުމުގައި ޕްލާސްޓިކު ސާޖަރީކުރުވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި، ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅާ ދިއުމެވެ. މިއީ ޒީނަތްތެރިވުމުގައި ވެވޭ އިސްރާފެކެވެ. އަދި މިކަމަކީ އެއްވެސް ބޭނުމެއް ނެތި، ﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުމެވެ.

މިހެންވެ، މި މީހުންނަކީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ލަޢްނަތް ދެއްވާފައިވާ މީހުންގެ ތެރޭގައި ހިމެނޭނެ ބަޔަކަށް ވީއެވެ. މިކަމުން ހަށިގަނޑަށް ލިބޭ އަނިޔާއާއި ވޭނުގެ އިތުރުން، ފެންނަ އަނެއް ކަމަކީ، ބޭރުފުށަށް އަޅާލުމުގައި އިސްރާފުކުރުމާއި، ޙަޤީޤަތްތަކަށްވުރެ މަންޒަރަށް އަހައްމިއްޔަތުކަން ދިނުމާއި، ރޫޙަށްވުރެ ހަށިގަނޑު އިސްކުރުމެވެ.

“ނަމަވެސް މީހެއްގެ ހަށިގަނޑުގައި ހުރި އާދަޔާ ޚިލާފު އައިބެއްގެ ސަބަބުން، އޭނާއަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އުނދަގުލާއި ގެއްލުން ލިބޭ ކަމަށްވަންޏާ، އެކަމަށް ފަރުވާއެއް ހޯދުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއީ އޭނާއަށް ކުރިމަތިވެފައިވާ ގެއްލުމާއި އުނދަގުލުން ސަލާމަތްވެ، ދިރިއުޅުމަށް ދިމާވެފައިވާ ދަތިކަމުން ސަލާމަތްވުމަށްޓަކައެވެ. ފަހެ، ދީނުގައި ދަތިކަމެއް، މާތް ﷲ އަހަރެމެންނަށް ލައްވާފައިނުވެއެވެ.”

ޙަދީޘުގައި “ރީތިވުމުގެ ގޮތުން ދަތްތައް ދުރުކޮށް” މިހެން އޮތުމަކީ މި ވާހަކައަށް ތާއީދު ލިބޭ ދަލީލަކެވެ. ޙަދީޘުގައިވާ ޢިބާރާތުން ދޭހަވަނީ، މަނާވެގެންވަނީ، ރީތިކަން ދެއްކުމަށާއި ގިރިޓީ ޗާލުކަމަށްޓަކައި މިކަންކަން ކުރުމެވެ. ނަމަވެސް ލިބިފައިވާ ވޭނަކާއި ވެފައިވާ ގެއްލުމެއް ފިލުވަން، މިފަދަ ކަމެއް ކުރަންޖެހިއްޖެނަމަ ކުރިއަސް މައްސަލައެއް ނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©