Sat, 18 January, 2020, 1:51 pm
ބުރުގާ ނާޅާނަމަ އަޒާބު ލިބޭނެތަ؟

ބުރުގާ ނާޅާ މީހަކު ނަރަކައަށް ވަންނާނޭ، ބުނާކަށް އެއްވެސް އިންސާނަކަށް ކަނޑައެޅިގެން ނޭނގޭނެއެވެ. ނަމަވެސް ޤުރުއާނާއި ސުންނަތުގެ އަލީގައި އެނގޭ ކަމަކީ، ބުރުގާ ނޭޅުމަކީ މާތް ﷲގެ އަމުރުފުޅާ ވެވޭ ޚިލާފެކެވެ. ﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ދެއްވާނެ ކަމަށް މާތް ﷲ އަންގަވާފައި ވަނީ ޢަޛާބެވެ.

ބުރުގާ ނާޅާ ހުރި މީހެއް ފެންނަ ހިނދު، އެ މީހާގެ އިސްތަށިގަނޑުގައި އަލިފާން ރޯވެފައި ހުނަންތަން ފެނިއްޖެއޭ ހީވާފަދަ ގޮތަކަށް ބައެއް މީހުން ޢަމަލުތައް ބަހައްޓައެވެ. އެ އަންހެނާއަކީ ނުބައި ނުލަފާ މީހެއް ކަމަށް ދެކެއެވެ. އޭނާ ކުރާ ނަމާދެއްގެ ބޭނުމެއްވެސް ނެތެވެ. ކުރާ ރަނގަޅު ކަމެއްގެ ފައިދާއެއްވެސް ނެތް ކަމަށް ދެކެއެވެ. ނަމަވެސް މިއީ ރަނގަޅު ޚިޔާލެއް ނޫނެވެ.

ބުރުގާ ނޭޅުން އެއީ، މީހާގެ ކިބައިގައި ހުންނަ ރަނގަޅު އެހެން ސިފަތައް، ނެތް އެއްޗަކަށް ހެދޭނެ ކަމެއް ނޫނެވެ. އަދި ކުރާ ހެޔޮ ޢަމަލުތައް އަވާމެންދުރަކަށް ވެގެންދާނެ ކަމެއްވެސް ނޫނެވެ.

އެއްވެސް މީހަކަށް ޤަޛްފުކޮށް، އޭނާގެ ޝަރަފާއި އަބުރާއި ބެހި، ކަލޭ ތީ ކާފިރެކޭ، ކަލޭ ވަންނާނީ ނަރަކައަށޭ، ފަދަ ބަސްތައް ބުނެ ހެދުމަކީ މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަރަކައަށް ވަންނާނެ މީހުންނާއި ސުވަރުގެއަށް ވަންނާނެ މީހުން ކަނޑައެޅުން އެއީ، އިންސާނުންގެ ކަމެއް ނޫނެވެ. އަދި މީހުންނަށް ޙުކުމް ނެރެ، އެއްބަޔަކު ކާފިރުކޮށް އަނެއްބަޔަކު ފާސިޤުކޮށް އަނެއްބަޔަކު ހުރިހާ ކުށަކުން މަޢްޞޫމް ބަޔަކަށް ހެދުމަކީ އެއީ އަހަރެމެންނާ ހަވާލު ކުރެވިފައިވާ ވަޒީފާއެއް ނޫނެވެ. މީހަކު ގޯސް ކަމެއް ކުރާ ތަންފެނިއްޖެނަމަ ހަދަންވީ ކަމަކީ އެ މީހަކަށް ނަސޭހަތް ދިނުމެވެ. ހަނދާންކޮށް ދިނުމެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ عَلَيْكُمْ أَنفُسَكُمْ لاَ يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ إِلَى اللّهِ مَرْجِعُكُمْ جَمِيعاً فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

މާނައަކީ: ”އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. ތިޔަބައި މީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ މަގުފުރެދުމުން ތިޔަބައި މީހުންނަށް ގެއްލުމެއް ނުވާހުއްޓެވެ. (އެބަހީ ތިޔަބައި މީހުން ތެދުމަގުގައި ތިބޭނަމަ މަގުފުރެދިގެން ދިޔަ ބައެއްގެ މަގުފުރެދުމަކުން ތިޔަބައި މީހުންނަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ. އެެހެންކަމުން ތިޔަބައި މީހުންގެ މައްޗަށް އޮތް ކަމަކީ ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް އިސްލާހުކޮށް، އަމިއްލަ ނަފްސުތަކަށް ތެދުމަގު ލިބިގަތުމެވެ.) ތިޔަބައި މީހުން އެންމެން އެކުގައި އެނބުރި ދިއުން އޮތީ، މާތް ﷲގެ ޙަޟްރަތަށެވެ. ދެން އެ ދުވަހުން ތިޔަބައި މީހުން ޢަމަލު ކުރަމުން ދިޔަ ގޮތުގެ ވާހަކަ، އެކަލާނގެ ތިޔަބައި މީހުންނަށް އަންގަވާހުއްޓެވެ. ” (އަލްމާއިދާ 105)

ކިތަންމެ ކުޑަ ފާފައަކީވެސް، އެއިން ތިމަންނަގެ މައްޗަށް ﷲގެ ޢުޤޫބާތް ޙައްޤުވާ ކަމެއްކަން އެނގުން އެއީ، ދިރޭ ހިތެއް އޮންނަ މުސްލިމަކު އެކަމަކާއި ދުރުކުރުވަން ފުދޭ ސަބަބެކެވެ. އެހެނީ މާތް ﷲގެ ޢުޤޫބާތަކީ ގަދަފަދަ ޢުޤޫބާތެކެވެ. ނަރަކައިގެ ވޭނަކީ ތަދުކުރުވަނިވި ވޭނެކެވެ. އެތާނގެ އަލިފާނަކީ ހޫނުކަންގަދަ އަލިފާނެކެވެ.

وَمَا أَدْرَاكَ مَا الْحُطَمَةُ * نَارُ اللَّهِ الْمُوقَدَةُ * الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ * إِنَّهَا عَلَيْهِم مُّؤْصَدَةٌ

މާނައަކީ: ”އެ ނަރަކައަކީ ކޮން ތަނެއްކަން ކަލޭގެފާނަށް އަންގައިދެނީ ކޮން ކަމެއްތޯއެވެ؟ * އެއީ، މާތް ﷲގެ، ރޯކުރެއްވިގެންވާ ނަރަކައިގެ އަލިފާނެވެ. * ހިތްތަކުގެ ތެރެއަށް ދާންދެން އަންދާލާ އަލިފާނެވެ. * ހަމަކަށަވަރުން އެ ނަރަކަ ވަނީ، އެބައި މީހުންގެ މައްޗަށް ތަޅުލެވި ބަންދު ކުރެއްވިގެންނެވެ. ” (އަލްހުމަޒާ:8،7،6،5)

އަނެއްކޮޅުން، މާތް ﷲ އަށް ކިޔަމަންތެރި ވާ މުސްލިމް އަންހެނުންނާއި ފިރިހެނުންނަށްވެސް އޮތީ ސުވަރުގޭގެ ކޮޅެއް ނެތް ނިޢްމަތްތަކެވެ.

تِلْكَ حُدُودُ اللّهِ وَمَن يُطِعِ اللّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ

މާނައަކީ: ”އެއީ މާތް ﷲ ކަނޑައަޅުއްވާ އަންގަވާފައިވާ ގޮތެވެ. މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، ފެން އާރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވައެވެ. އެތާގައި ދެމިތިބޭ ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ. ”

وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً وَعْدَ اللّهِ حَقّاً وَمَنْ أَصْدَقُ مِنَ اللّهِ قِيلاً

މާނައަކީ: ”އީމާންވެ ޞާލިޙް ޢަމަލު ކުޅަ މީހުން، އެތާގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަނިވި ސުވަރުގެތަކަށް، ތިމަން ރަސްކަލާނގެ އެބައި މީހުން ވައްދަވާހުށީމެވެ. އެތާނގައި ދާއިމަށް ދެމިތިބެނިވި ގޮތުގައެވެ. މިއީ ޙައްޤުވެގެން ހުރި މާތް ﷲގެ ވަޢްދު ބަސްފުޅެވެ. ބަސް ބުނުމުގައި މާތް ﷲއަށް ވުރެ ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ” (އައްނިސާ 122)

| މަސްދަރު : ކަވާސާ

Leave a comment

Your email address will not be published.