Sat, 18 January, 2020, 2:05 pm
ހަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދިބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބުވާ ކަމެއް: ހުތުބާ

ހަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދި ބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބުވާ ކަމެއްކަމަށް މިއަދުގެ ހުުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ﷲއަށްޓަކައި ކަންކަން ކުރުމުގެ މުހިންމުކަން”ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ދުނިޔޭގެ ދިރިއުޅުން ބާއްޖަވެރި ކުރަން ބޭނުންނަމަ، އިންސާނާއަށް އޮތީ ﷲ އަންގަވާފައިވާ ގޮތުގައި ދިރިއުޅުން ބިނާކުރުމާއި ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން އާމްދަނީ ހޯދުމަކީ ދިރިއުޅުމުގެ ޒަރޫރިއްޔަތު ތަކުގެ ތެރެއިންވާ ކަމަކަށްވާތީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމަށާއި ހަރާމް ގޮތްތަކާ ދުރުހެލިވުމަށް ﷲ އަމުރުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މާތްﷲ ބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ޝައިތާނާގެ ފިޔަވަޅުތަަކަށް ތިޔަބައިމީހުން ތަބައު ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިތާނާއި ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ އަދާވަތްތެރިއެކެވެ،”

ހުތުބާގައި ވިދާޅުވީ، ލިބޭ އާމްދަނީ މަދުވީމަ ހަލާލު ނޫން ގޮތުގައި ރިޒުގު ހޯދުމަށް ޝައިތާނާ މަގުދައްކާނެ ކަމަށާއި އަދި ނަފްސު ވެސް އެކަމަށް އެއްބަސްވެދާނެ ކަމަށެވެ.

ނަމަވެސް މުސްލިމުން އެފަދަ ހާލަތެއްގައި ބަލަންޖެހޭނީ އިސްލާމްދީން ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯ ކަމަށާއި އެއްވެސް ކަމެއް ކުރުމުގެ ކުރީން ދީނުގައި އެކަމެއް އައިސްފައިވާ ގޮތް ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

އެގޮތުން ހަރާމް އެއްޗެއް ކައިގެން ހަށިގަނޑު ހެދިބޮޑުވުމަކީ އިލާހީ ކޯފާ އެ ހަށިގަނޑަށް ވާޖިބުވާ ކަމެއްކަން ހުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ،”

އެގޮތުން ރިޝްވަތަކީ ވެސް ހަރާމް އެއްޗެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ކަމެއް ހާސިލުކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ހާސިލްކުރުމަށްޓަކާ ހޭދަކުރާ ހޭދައަކީ ރިޝްވަތެކެވެ.

އެހެންކަމުން އެފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކުރައްވައިފައެވެ.

Leave a comment

Your email address will not be published.