މުޙައްމަދު އިބްރާހިމް
24 March 2019
މަޤްބޫލު ޙަބަރު

މާތްﷲ އަށްޓަކާ ނޫންގޮތަކަށް ދުނިޔޭގެ އަރާމާއި، އުފަލަށްޓަކާ ކުރާ ކަންތައްތަކަކީ ދެމި އޮންނާނެ ކަންތައްތަކެއް ނޫނެވެ. އެހެނީ އެއިން ފައިދާއެއް ވެސް ނުކުރާނެއެވެ. ﷲއަށްޓަކާ ނޫން ގޮތަކަށް ކުރެވޭ ކަންކަމަކީ ފަނާވެ ނެތި ހިނގައިދާނެ ކަންކަމެވެ. އަދި ﷲގެ ހަޒްރަތުގައި މަގްބޫލު ކަމަކަށް ވެސް ނުވާނެ ކަންކަމެވެ.

ރައުދު ސޫރަތުގެ ސަތާރަވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން ﷲ މިސާލު ޖައްސަވަތެވެ.”

އެހެންކަމުން މާތް ﷲގެ ރުއްސެވުމާއި ފުއްސެފުން ލިބިގަތުމަށް ބޭނުންވާނަމަ، ކުރާ ކަންކަމުގައި ދުނިޔޭގެ އެދުންތަކާއި ދެއްކުންތެރިކަމުން ދުރުހެލިވުމަކީ ވާޖިބެކެވެ. އެކަން ބަޔާން ކުރައްވާ ޝޫރާ ސޫރަތުގެ ވިހިވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އާހިރަތުގެ ސަވާބަށް އެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ސަވާބު، ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭ މީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި އާހިރަތުގައި އޭނާއަށް (ސަވާބުގެ) އެއްވެސް ނަސީބެއްނެތެވެ،”

ދުންޔަވީ ހަޔާތުގައި މުސްލިމުން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމައި އަމާނާތްތެރިކަމާއެކު ﷲ އަށްޓަކައެވެ. އެއިރުން އެކަމުގެ ފައިދާ ދުނިޔެއާއި އާހިރަތުގައި ފެންނާނެއެވެ. އަދި އެކަމެއް ދެމި އޮންނާނެ ކަންވެސް ކަށަވަރެވެ. ކުރާ ކޮންމެ ކަމެއްގައި ނިޔަތް ހާލިސް ކުރުމަކީ އީމާންކަން ފުރިހަމަވެފައިވާ ކަމުގެ އަލާމާތެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ﷲ އަށްޓަކާ ލޯބިކޮށް، ﷲއަށްޓަކާ ރުޅިވެ، ﷲއަށްޓަކާ ހޭދަކޮށް، އަދި ﷲއަށްޓަކާ ހޭދަނުކޮށް މަނަވެގަންނަ މީހާގެ އީމާންކަން ފުރިހަމަ ވެއްޖެކަން ކަށަވަރެވެ،”

Leave a Reply

Your email address will not be published.

haftha.mv ©