Sat, 18 January, 2020, 1:34 pm
ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެއް، އެ ފަތުރާ މީހާއަކީ ވިހަ ގުނަވަނެއް: ހުތުބާ

ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށާއި އެއީ މުޖުތަމައުގެ އަމަން އަމާންކަން ނަގާލުމަށްކުރެވޭ ނުބައި އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހަބަރުފެތުރުމުގެ ޝަރުއީ ހަމަތައް” މި މައުޟޫގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މިއަދުގެ ދުނިޔެ ހުޅުވި ސޯޝަލް މީޑިއާއާއި ހަބަރު ފަތުރާ ތަފާތު ވަސީލަތްތަކުގެ ސަބަބުން ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު މާބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން ކީރިތި ޤުރުއާނުގައި މިފަދަ ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި މިފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް އައިސްފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން ދޮގުހެދުން މާތްﷲ ހަރާމް ކުރައްވާފައިވާކަމަށެވެ.

އަދި މާތްﷲ ވަނީ ދޫ ރައްކާތެރިކުރުމަށާއި ނެތިމޮށުމާއި އީބަ ބުނުން ނަހީ ކުރައްވާ ޔޯލަވާހަކަތައް ދެއްކުން ވެސް މަނާ ކުރައްވާފައިވާ ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ދޮގު ހަބަރު ފަތުރާ މީހާއަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެކެވެ. އަދި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށް ވިދާޅުވެފައިވެއެވެ.

“ދޮގު ހަބަރު ފެތުރުމަކީ ދީނާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ. އަދި އެއީ މުޖުތަމައުގެ އަމަން އަމާންކަން ނަގާލުމަށްކުރެވޭ ނުބައި އަމަލެކެވެ. އޭގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ނެތިވެ ގައުމުގެ ވަހްދަތު ގެއްލިގެންދެއެވެ. އެގޮތުން މޫސާގެފާނާ ދެކޮޅަށް ފިރްއައުނު ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ އެކަލޭގެފާނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

ދޮގު ވާހަކަތައް ހަދައި، މީހުންގެ އިއްޒަތާއި އަބުރު ނަގައިލުމަކީ މުސްލިމުންގެ ސިފައެއް ނޫންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް މާތްﷲ ދެއްވާފައިވާ އެއްޗެއް ނޫން ކަމަށެވެ.

“އެންމެ މޮޅު މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއަށް ވެސް އަބުރާއި އިއްޒަތް ލިބިގެންވެއެވެ. މުއްސަދިންނާއި ބާރުވެރިން އެބައިމީހުންގެ އަބުރާއި އިއްޒަތް ރައްކާތެިރކުރުމަށް އެދޭ ފަދައިން، އަނެކުންގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރުމަށް ވެސް އެދެން ވާނެއެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، ހުތުރު ނަންނަމުން މީހުންނާ މުހާތަބުކުރުމާއި ހުތު ބަސްތައް ބުނުމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްނޫން ކަމަށެވެ. އަދި މާތްﷲ އިންސާނާ އުފައްދަވާފައިވާ ރީތި ސިފަ ބަދަލުކޮށް، ކާޓޫނު ކުރަހައި ހުތުރު ގޮތްގޮތަށް މީހުން ސިފަ ބަދަލުކުރުމަކީ ވެސް މުސްލިމަކު ކުރުން ހުއްދަ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ނުބައިކަން ބޮޑު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވެއެވެ.

“ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަހެކެވެ. އެއްވެސް މުސްލިމަކު އޭނާގެ އަހާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި ނިކަމެތިކޮށެއް ނުހަދާނެއެވެ. އެއްވެސް މުސްލިމަކު އޭނާގެ މުސްލިމު އަހާ ނިކަމެތިކޮށްލުމަކީ ނުބައިކަމެއް ކަމުގައި އޭނާއަށް ފުދެއެވެ. ކޮންމެ މުސްލިމެއްގެ ފުރާނައާއި މުދަލާއި އަބުރު އަނެއް މުސްލިމާގެ މައްޗަށް ހަރާމްވެގެންވެއެވެ،”

Leave a comment

Your email address will not be published.