މުޙައްމަދު އީމާން
12 April 2019
މަޤްބޫލު ޙަބަރު

މިހާރު ގުނަމުންމިދާ ޝައުބާންމަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވައި ޖަމާތް ހަދައިގެން އެ ރޭ ހާއްސަކޮށް ނަމާދުކޮށް ހަދާ ކަމަށާއި ނަމަވެސް އެއީ ބިދުޢައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ޝައުބާންމަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަ ކުރުން” މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވިދާޅުވީ، ޝައުބާންމަހުގެ 15 ވިލޭރޭ ބައެއް މީހުން ކުރާ އެއިން އެއްވެސް ކަމަކީ ރަސޫލާﷲ صلى الله عليه وسلمގެ އަރިހުން ސާބިތުވެގެންވާ ކަމެއްނޫން ކަމަށެވެ.

އަދި އެއީ އަސްހާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިއީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން އެއީ ބޮޑުވެގެންވާ ބިދުއައެއް ކަމަށާއި ކޮންމެ ބިދުއައަކީ މަގު ފުރެދުމެއް ކަމަށާއި އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުކުރު ހުތުބާގައި އިތުރަށް ވިދާޅުވީ، ބައެއްބޭކަލުން ޝައުބާންމަހުގެ 16 ވަނަ ދުވަހުން ފެށިގެން ސުންނަތް ރޯދަ ހިފުން މަނާކަމަށް ދެކެވަޑައިގަންނަވާތީ އެކަންވެސް ފާހަގަކުރައްވާފައެވެ.

ހުތުބާގައި ވިދަޅުވީ، އެ ދުވަހު ރޯދަ ހިފުން މަނާކަމަށް ބައެއް ބޭކަލުން ދެކެވަޑައިގެންނެވި ނަމަވެސް ބައެއް ފަހަރު މުޅި ޝައުބާންމަހު ރަސޫލާﷲ صلى الله عليه وسلم ރޯދަ ހިއްޕަވާ ކަމަށެވެ.

އަދި ޝައުބާން މަހުގެ ރޯދަ އާއި ރަމަޟާންމަހު ރޯދަ އެކަލޭގެފާނު ގުޅުވާލައްވާކަމުގައި ސައްހަ ހަދީޡުން ޡާބިތު ވާތީ މިކަމުގައި ޖުމްހޫރު އިލްމުވެރިންގެ ރައުޔު ރާޖިޙުވެގެންވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Leave a Reply

haftha.mv ©