Fri, 5 June, 2020, 12:54 am
ޝައުބާންމަހަކީ ކުރާ އަމަލުތައް ﷲގެ ހަޟްރަތަށް އުފުއްލެވޭ މައްސަރު! ހެޔޮ އަމަލު އިތުރުކޮށް، ރޯދަ ހިފުން ގިނަކުރޭ!
21

ޝައުބާން މަހުގެ ދުވަސްތަކަކީ ހެޔޮއަމަލުގެ ފަތަށް ހެޔޮއަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެ ގޮވާލައްވައިފިއެވެ.

“ޝައުބާންމަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަ ކުރުން” މި މައުލޫއަށް މިއަދު ދިން ހުކުތު ހުރުބާގައި ވިދާޅުވީ މިހާރު ގުނަމުންމިދާ ދުވަސްތަކަކީ ހުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހާ ދެމެދުގައިވާ، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝައުބާންމަހުގެ ދުވަސްތައް ކަމަށެވެ.

އަދި މިދުވަސްތަކަކީ ހެޔޮއަމަލުގެ ފަތަށް ހެޔޮއަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އެގޮތުން އެމަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަހިފުން ކަމަށާއި އެމަހަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަޟްރަތަށް އުފުއްލެވޭ މައްސަރުކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ރަސޫލާގެ އަމަލުފުޅުތަކަށް ބަލާއިރު ވެސް ޝައުބާންމަހުގެ ބޮޑު ބައެއްގައި އެކަލޭގެފާނު ރޯދަހިއްޕެވިކަން ހަދީޡްފުޅުތަކުން ޡާބިތުވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ޝައުބާންމަހު ރޯދަހިފުން ގިނަކުރުމުގެ ދެ ހިކުމަތެއް ވާކަން ރަސޫލާގެ ހަދީޡް ބަސްފުޅުން އެނގިގެންދާކަމަށެވެ.

އޭގެން ފުރަތަމަ ހިކުމަތަކީ ޝައުބާންމަސް ވަނީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި ކަމުން މީސްތަކުން އެމަހަކާމެދުގައި ޣާފިލުވެފައިވާތީ، އެ ޣާފިލުކަމުން މީސްތަކުން ހޭލައްވާލުމެވެ. އެހެންކަމުން މިއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ދެވޭ ތަމްރީނެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ދެވަނަ ހިކުމަތަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަޟްރަތަށް އުފުލިގެންދާ މަހަކީ ޝައުބާން މަސް ކަމަށްވެފައި، މާތްﷲ ލޯބިވެވޮޑިގެންނަވާ އަމަލުތައް ކުރުން މަތީ އެ އިލާހުގެ އަޅުތަކުން ތިބޭ ހާލު، އެ އަޅުތަކުންގެ އަމަލުތައް ﷲގެ ހަޟްރަތަށް އުފުލިގެންދާނެ ގޮތް މިންވަރު ކުރެއްވުމެވެ.

ހުތުބާގައި އިތުރަށް ވިދަޅުވީ، ޝައުބާންމަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެއް ކަމަށާއި ﷲގެ ހަޟްރަތުން ޡަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިނަމަ އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވައެވެ.

އެގޮތުން ﷲ ރުއްސުން ލެއްވި އަބޫސައީދުލް ހުދުރީ ރަލިއަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާﷲ صلى الله عليه وسلم ހަދީޡް ކުރެއްވި އަޑު ތިމަން އެއްސެވީމެވެ.

“މާތްﷲ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ،”

މިއަދުގެ ހުކުރު ހުތުބާގައި ގިނަ ކަންކަމަށް މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެގޮތުން ހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާދަކޮށް ކުރިއަރައި ދިއުމަށާއި ކިޔަމަންތެރިކަން އަދާކުރުމުގައި އަވަސްވެގަތުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި އިންސާނުންގެ ވެރި އިލާހުގެ ހަޟްރަތުން ފާފަފުއްސެއްވުމަށް އެދުމަށާއި އުޑުތަކާއި ބިންފަދަ ތަނަވަސްކަން ލިބިގެންވާ ސުވަރުގެ ހޯދުމަށް އަވަސްވެގަތުމަށް ވެސް ހުތުބާގައި ވަނީ ދިވެހިންނަށް ނަސޭހަތްތެރިވެފައެވެ.

Leave a comment

Your email address will not be published.