މުޙައްމަދު އީމާން
15 April 2019
މަޤްބޫލު ޙަބަރު

މިހާރު ގުނަމުންމިދާ ދުވަސްތަކަކީ ހުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހާ ދެމެދުގައިވާ މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝައުބާންމަހުގެ ދުވަސްތަކެވެ.

މިދުވަސްތަކަކީ ހެޔޮއަމަލުގެ ފަތަށް ހެޔޮއަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ! އެމަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަ ހިފުމެވެ. އަދި އެމަހަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަޝްރަތަށް އުފުއްލެވޭ މައްސަރެވެ.

ރަސޫލާﷲ صلى الله عليه وسلم ގެ އަމަލުފުޅުތަކަށް ބަލާއިރު ޝައުބާންމަހުގެ ބޮޑުބައެއްގައި އެކަލޭގެފާނު ރޯދަހިއްޕެވިކަން ހަދީޡްފުޅުތަކުން ޡާބިތުވެއެވެ. އަބޫ ސަލަމާ ރަލިއަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާﷲ  صلى الله عليه وسلم ރޯދަ ހިއްޕަވާ ގޮތާ ބެހޭގޮތުން ތިމަންކަލޭގެފާނު އާއިޝަތުގެފާނާ ސުވާލުކުރީމެވެ. އެކަމަނާ ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިމަންމެން އެކަލޭގެފާނު ރޯދަ ހިއްޕަވައިފިއޭ ބުނަންދެން ރޯދަ ހިއްޕަވައެވެ. އަދި ތިމަންމެން އެކަލޭގެފާނު ރޯދަ ވިއްލައިފިޔޭ ބުނަންދެން ރޯދަ ނުހިއްޕަވާ ހުންނަވައެވެ. ޝައުބާން މަހަށްވުރެ ގިނައިން އެކަލޭގެފާނު ރޯދަ ހިއްޕެވި މައްސަރެއް ތިމަން ކަމަނާ ދެކެވަޑައިނުގަންނަވަމެވެ. ބައެއް ފަހަރު މުޅި ޝައުބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއްބައި ފަހަރު ޝައުބާން މަހުން މަދު ބައެއް ފިޔަވާ ރޯދަ ހިއްޕަވައެވެ.”

އެހެންކަމުން ޝައުބާންމަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދިﷲގެ ހަޟްރަތުން ދަރުމައާ ޡަވާބަށް އެދިގެން މީހަކު ރޯދަ ހިފައިފިނަމަ އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވައެވެ. ﷲ ރުއްސުން ލެއްވި އަބޫސައީދުލް ހުދުރީ ރަލިއަﷲ އަންހު ގެ އަރިހުން ރިވާވެގެންވެއެވެ.

ރަސޫލާ  صلى الله عليه وسلم ހަދީޡް ކުރެއްވި އަޑު ތިމަން އެއްސެވީމުއެވެ.

“މާތްﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ.”

Leave a Reply

Your email address will not be published.

haftha.mv ©