މުޙައްމަދު އިބްރާހިމް
19 April 2019
މަޤްބޫލު ޙަބަރު

މިއަދު އިސްލާމީ އުއްމަތަށް އެކިއެކި ބާވަތްބާވަތުގެ ގޮންޖެހުންތައް މިދަނީ ކުރިމަތިވަމުންނެވެ. އެކިއެކި މުސީބާތްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އުއްމަތަށް ވަނީ ބޮޑެތި އިމްތިހާނުތަކާއި ކުރިމަތިވެފައެވެ.

ނަމަވެސް ހަމަކަށަވަރުން އިސްލާމްދީނަކީ އަޅުގަނޑުމެންގެ އިއްޒަތާއި ކަރާމާތުގެ ތަނބެވެ. ކާމިޔާބުގެ ތަޅުދަނޑިއެވެ. އަޅުގަނޑުމެންގެ ކަންތައްތައް އިސްލާުވެގެން ދިއުމުގެ އަސާސެވެ. އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސްލެވެ. ހަމަކަށަވަރުން އިސްލާމްދީންވަނީ އަޅުގަނޑުމެން ހަޔާތުގެ މަގުޗާޓު ވަރަށް ފުރިހަމައަށް ކުރަހައިދީފައެވެ.

އެއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު އިސްލާހުވެ، އަޅުގަނޑުމެންގެ މުޖުތަމައު ރައްކާތެރިވެ، އަޅުގަނޑުމެންގެ ސަފުތައް ބަދަހިވެ، އަޅުގަނޑުމެންގެ މެދުގައި އަހްވަންތަކަން އާލާވެ، އަދާވާތްތެރިންގެ މައްޗަށް އަޅުގަނޑުމެންނަށް ނަސްރު ލިބިގެން ދާނެފަދަ މަގުޗާޓެކެވެ.

މި މަގުޗާޓުގެ އެންމެ ހަރުދަނާ ބިންގާ ވަނީ ކުރު ސޫރަތެއްގައި ބަޔާން ކުރައްވައިފައެވެ. އެއީ ﷲގެ ފޮތުގައިވާ ނުހަނު މަތިވެރި ސޫރަތެކެވެ. އެއީ އަލްއަސްރު ސޫރަތެވެ. އެ ސޫރަތުގެ

وَالْعَصْرِ، إِنَّ الْإِنسَانَ لَفِي خُسْرٍ، إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْر

މާނައީ: “ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައި ކަން ކަށަވަރެވެ. އީމާންވެ ސާލިހު އަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ހައްގަށް ވަސިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަސިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.”

މި ސޫރަތުގައި ކަންތައް އުއްމަތަށް އެނގި، އެއާ އެއްގޮތަށް އަމަލު ކުރެއްވިއްޖެނަމަ، ކާމިޔާބުގެ މަގު ފެނިއްޖެކަން ކަށަވަރެވެ. އެހެނީ މި ސޫރަތުގައި ކާމިޔާބުގެ ހުރިހާ އުސޫލުތަކެއް ހިމަނުއްވާފައި ވާތީއެވެ. ދުނިޔެ އާއި އާހިރަތުގެ ކާމިޔާބީ އެދޭ މީހާއަށް ސަލާމަތުގެ މަގު ދައްކަވާފައިވާތީއެވެ.

އެހެންކަމުން މި މަތިވެރި ސޫރަތުގައި ވަނީ، އިސްލާމީ މުޖުތަމައެއް އޭގެ މަތީގައި ކުރިއަށްދާންޖެހޭނެ ސައްހަ މަންހަޖެއް ދައްކަވާފައެވެ.

އެއީ އެ މަންހަޖެއް މަތީގައި ސާބިތުވެއްޖެނަމަ، އެއްކައުވަންތަ، ކުޅަދުންވަތައް ﷲއަށް އަޅުކަން ހާސިލްކުރެވިގެންދާނެ މަންހަޖެކެވެ. އަދި އެއިލާހުގެ ޝަރީއަތުގެ މަތީގައި ސާބިތުވެ ހުރެވޭނެ މަންހަޖެކެވެ. ﷲގެ ރުހިވޮޑިގަތުން ލިބޭނެ މަންހަޖެވެ. އެއިލާހުގެ ކޯފާއިން ސަލާމަތްވާނެ ގޮތުގެ މަންހަޖެވެ.

އަލް އަސްރު ސޫރަތް ފެއްޓުވުމުގައި ﷲ ތައާލާ ޒަމާން ގަންދެއްވައި ވަހީ ބަސްފުޅު ބާއްވައިލެއްވުމުން، ވަގުތަށް ﷲގެ ހަޟްރަތުގައި ދެއްވާފައިވާ އަހަމިއްޔަތު ބަޔާންވެގެން ދެއެވެ. ލޮބުވެތި ރަސޫލާ صلى الله عليه وسلم  ގެ އިރުޝާދުތަކުން ވެސް، ވަގުތުގެ އަހައްމިއްޔަތު ބަޔާންކުރައްވާފައިވެއެވެ.

އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ޤިޔާމަތް ދުވަހުން ހަތަރު ސުވާލަކަށް ޖަވާބުދިނުމަށް ފަހުގައި މެނުވީ، އެއްވެސް އަޅެއްގެ ފައިތިލަ ހުރިތަނުން ގުޑުވައިވެސް ނުލެވޭ ހުއްޓެވެ. (އެއީ) އެމީހެއްގެ އުމުރު ހޭދަކުރީ ކޮންކަމެއްގައިތޯ؟ އަދި އެމީހަކު އުނގެނިފައިވާ އިލްމުން އޭނާކުރީ ކޮންކަމެއްތޯ؟ އަދި އެމީހެއްގެ މުދައު އޭނާ ހޯދީ ކޮން ގޮތަކަށްތޯ؟ އާއި އެތަކެތި ހޭދަކުރީ ކޮންކަމަކަށްތޯ؟ އަދި އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮންކަމެއްގައިތޯ؟) މިއެވެ.”

އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި، ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި، ނަމާދާއި ﷲއަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ހާލުގައި ތިމާގެ އެހެން ކަންތައް ތަރުތީބު ކުރުމެވެ. ބޭކާރުގޮތުގައި ވަގުތު ނަގާ ނުލުމެވެ. އެ ދެނިއުމަތަކާމެދު ވަރަށް ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތެއްގެ ވާހަކަ ލޮބުވެތި ރަސޫލާﷲ صلى الله عليه وسلم  ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފައެވެ.

ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެއީ ފުރިހަމަ ސިއްހަތާއި ހުސްވަގުތެވެ.”

Leave a Reply

Your email address will not be published.

haftha.mv ©