.
22 April 2019
މަޤްބޫލު ޙަބަރު

އިސްތިޣްފާރު ކުރުން ނުވަތަ، ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީވެސް، އެކަމުގެ ހެޔޮ އަސަރު މަރުވެފައިވާ މައިންބަފައިންނަށް (އަދި އެ ނޫން މީހުންނަށްވެސް) ކުރާނެ ކަމެކެވެ. ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ވީމާ އަހަރެމެންގެ މައިންބަފައިންނަށްވެސް ވާނީ އެނގިގެން ނަމަވެސް ނޭނގިނަމަވެސް ފާފަތަކެއް ކުރެވިފައެވެ. ކައްވަޅުގައި އޮންނަ މީހެއްގެ ފާފައިން ޒައްރެއްގެ މިންވަރުވެސް ފޮހެވުން، ދުނިޔެއާއި ދުނިޔޭގައި ވާހާ ރަނަކަށް ވުރެ ބޮޑަށް އޭނާ އެދޭނެއެވެ.

މަރުވެފައިވާ މީހާގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ، މަޝްރޫޢް ކަމެއްކަމުގެ ދަލީލުތައް ވަރަށްވެސް ގިނައެވެ. އެ ގޮތުން ނަބީބޭކަލުންނާއި އެ ނޫންވެސް ބޭފުޅުން، އެ ބޭފުޅުންގެ މައިންބަފައިން އަވަހާރަވުމުން، މައިންބަފައިންގެ މައްޗަށް ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.

ނޫޙްގެފާނު ވިދާޅުވީ: رَبِّ اغْفِرْ لِي وَلِوَالِدَيَّ

މާނައަކީ:”ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ!، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމައާއި ބައްޕައަށް ފާފަ ފުއްސަވާނދޭވެ! “

އަދި އިބްރާހީމުގެފާނު ވިދާޅުވީ : رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

މާނައަކީ: ” އަޅަމެންގެ ވެރިރަސްކަލާކޮ! އަޅާ އަށާއި އަޅުގެ މައިންބަފައިންނަށް ، މުއުމިނުތަކުންނަށް ހިސާބު ބައްލަވާ ދުވަހުގައި ފާފަ ފުއްސެވުމާއި މަޣްފިރަތު ދެއްވާފާނދޭވެ! “

ބަޤީޢުގައި ފަސްދާނުލެވިފައިވާ މުސްލިމުންގެ މައްޗަށް ވެސް، ކީރިތި ރަސޫލާ ހެޔޮ ދުޢާ ކުރެއްވި ކަމަށް، ޞަޙީޙް މުސްލިމް ގައިވާ ޢާއިޝަތުގެފާނު ރިވާ ކުރެއްވި، މި ޙަދީޘުން ސާބިތުވެއެވެ. 

كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى ‏ ‏الْبَقِيعِ ‏ ‏فَيَقُولُ ‏ ‏السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ ‏ ‏بَقِيعِ الْغَرْقَدِ

މާނައަކީ: “ރޭގަނޑުގެ ފަހުގެ ވަގުތުގައި، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ބަޤީޢް އަށް ނުކުމެވަޑައިގަންނަވައެވެ. އަދި ޙަދީޘް ކުރައްވައެވެ.” މުއުމިނުންގެ މަޤްބަރާގެ އަހުލުވެރިންނަށް، ސަލާމަތް ހުއްޓެވެ! މާދަމާ އަންނާނެ ކަމަށް، ތި ތިބާމެންނަށް ވަޢްދު ކުރެވުނު ކަންތައް ކޮންމެވެސް ވަރަކަށް ލަސްވުމަށްފަހު ނަމަވެސް އައިސްފިއެވެ. އަދި ﷲ އިރާދަފުޅު ކުރެއްވިއްޔާ އަހަރެމެން ތިބާ މެންނާއި އެބަ ގުޅެމެވެ. ( ސުވަރުގެ ވަޑައިގަތުމަށް ފަހު ) . އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ބަޤީޢުލް ޣަރްޤަދުގެ އަހުލުވެރިންނަށް ފާފަ ފުއްސަވާފާނދޭވެ! “

އަދި އެހެން ޙަދީޘެއްގައި، މުސްލިމުން އެބައި މީހުންގެ މަރުވެފައިވާ މުސްލިމް އަޚުންގެ މައްޗަށް ހެޔޮ ދުޢާ ކުރުމަށްވެސް ރަސޫލާ އަންގަވާފައިވެއެވެ. އިމާމް އަޙްމަދު، އިބްނު މާޖާ، އަލްބައިހަޤީ ޞައްޙަ ސަނަދަކުން އަބޫހުރައިރާ އަރިއަހުން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.‏ 

إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

މާނައަކީ: ”ސުވަރުގޭގައި މީހާގެ ދަރަޖަ އުފުލެވުމުން ބުނާނެތެވެ. މިއީ ކިހިނެއް ހެއްޔެވެ؟ އެ ހިނދު އޭނާއަށް ބުނެވޭނެއެވެ. ދަރަޖަ އުފުލެވުނީ ކަލޭގެ ދަރި، ކަލޭގެ ފާފަ ފުއްސެވުން އެދި ކުރި ދުޢާގެ ސަބަބުންނެވެ.”

Leave a Reply

Your email address will not be published.

haftha.mv ©