މުޙައްމަދު އިބްރާހިމް
26 April 2019
މަޤްބޫލު ޙަބަރު

ލޭއަޅަން ޖެހިފައިވާ ކުދިން ނުވަތަ ތެލަސީމިޔާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ކޮންމެހެންދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އިޙްސާންތެރިވުން”ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގަިއ ވިދާޅުވީ، ދިވެހި މި އިސްލާމީ މުޖުތަމައުގައި ވެސް އުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންނާއި އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އެހީތެރިވާންޖެހޭ ކަމަށެވެ. އަދި އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހާއްސަގޮތެއްގައި ލޭއަޅަން ޖެހިފައިވާ ކުދިން ނުވަތަ ތެލަސީމިޔާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ކޮންމެހެންދީ، އެ ކުދިންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“ހާލުގެ ދުލުން މިއަދު އެކުދިން ގޮވަމުން އެދަނީ، އަޅުގަނޑުމެންގެ އެހީތެރިކަމަކަށެވެ. އެ ކުދިންގެ މައިންބަފައިންނައި  ބެލެނިވެރީން އިންތިޒާރު ކުރަމުން އެދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮއްލާނެ ފަރާތަކަށެވެ. އެ ތުއްތު ކުދިންނަކީ ވެސް މުޖުތަމައުގެ އެއްބައެވެ. އެ ކުދިން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އެ ކުދިން އާދޭސްކުރަމުން އެ ދަނީ ހަދިޔާކުރާ ލޭތިއްކަކަށެވެ. ނުވަތަ އަޅުގަނޑުމެން ސަދަގާތް ކުރާ ފައިސާ ފޮއްޗަކަށެވެ،” ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ތެލެސީމިއާ ނުވަތަ ލޭ އަޅާ ކުއްޖަކަށް ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ ﷲގެ މަގުގައި ކުރެވޭ ސަދަގާތެއް ކަމަށާއި ފުރާނައަށް ދިރުންދިނުމަށްޓަކާ ކުރެވޭ ޤުރުބާނީއެއް ކަމަށެވެ.

އޭގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައި ނިކަމެތި މުސްލިމު އަހުންނާއި އުހުތުންގެ މަތިން ހަނދާންކުރަންޖެހޭ ކަމަށާއި އެމީހުންނަށްޓަކާ ހެޔޮކޮށްހިތާ އިހްސާންތެރިވާންޖެހޭ ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ އެއްބަނޑު އެއްބަފާ އަދި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި މުސީބާތާއި ތަކުލީފު ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

“އެފަދަ ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެ، އަޅައިލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ.،” ހުތުބާގައި ވިދާޅުވިއެވެ.

މީސްތަކުންނަކީ ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއްކަން ފާހަގަކުރައްވާ ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެއްމުއުމިނަކު އަނެއްމުއުމިނަކާ (ދެމެދުގައިވާ ގުޅުމުގެ މިސާލަކީ) ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއް ގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ،”

އަދިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ.

“މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި ރަހުމްކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ  އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، ހޭލާހުރުމުންނައި ހުން އައުމުން ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެ ގުނަވަނާއި ބައިވެރިވެއެވެ،”

Leave a Reply

Your email address will not be published.

haftha.mv ©